އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމްގެ މަސްލަހަތު ފުށޫއަރާ ކަމެއް ކަމަށް ބުނެ ބާ ކައުންސިލަށް މައްސަލައެއް ހުށަހަޅަައިފިއެވެ.

އަމިއްލަ ފަރާތަކުން ބާ ކައުންސިލަށް ހުށަހެޅި މައްސަލައިގައި ވަނީ ޝަމީމް ކުރިން އަދީބުގެ މައްސަލައިގައި ވަކީލެއްގެ ގޮތުގައި އުޅުއްވާފައި ވުމާއެކު، މިހާރު ދައުލަތް ތަމްސީލު ކުރެއްވުމަކީ މަސްލަހަތު ފުށޫއަރާ ކަމެއް ކަމަށާއި، އެއީ ވަކީލުންގެ ސުލޫކާ ހިލާފު ކަމެއް ކަމަށެވެ.

ޝަމީމާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ގާނޫނީ ވަކީލުން އަމަލުކުރަން ޖެހޭ އުސޫލާއި ހިލާފަށް އަމަލުކޮށްފައި ވާކަމަށް ބުނެ ނުވަ ކަމެއް ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށާއި، ޝަހްސު އޮޅުވާލުމުގެ ކުށާއި، އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށާއި، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށް ފަދަ ކުށްތައް ހިމެނޭ ކަމަށް ފެންނަ ކަމަށް ބުނެ އެ މައްސަލަތައް ޖިނާއީ ތަހުގީގު ހިންގައިދޭންވެސް އެދިފައި ވެއެވެ.

އެ މައްސަލައިގައި ބުނާގޮތުން އެމްއެމްޕީއާރްސީ މައްސަލައިގައި ތުހުމަތު ކުރެވޭ އެތައް ބައެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޝަމީމް މަސައްކަތް ކުރައްވައި އަދި ހާއްސަކޮށް އެ މައްސަލައިގައި އެންމެ އިސް އެކަކު ކަމުގައި ބެލެވޭ އަބްދުﷲ ޒިޔަތުގެ ވަކީލެއްގެ ހައިސިއްޔަތުން މައްސަލައިގެ އެކިއެކި ސްޓޭޖުގައި އެތައް ކަމެއްގައި ބައިވެރިވެ ވަޑައިގެންފައި ވަނިކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ހުސެއިން ޝަމީމް އައްޔަން ކުރެވުމުން ދައުލަތުގެ އެންމެ އިސް ވަކީލުގެ ގޮތުން އެމްއެމްޕީއާރްސީ މައްސަލައިގައިވެސް އިރުޝާދު ދީ ހަރަކާތްތެރި ވެވަޑައިގަންނަވަމުން ގެންދެވުމަކީ އެތައް ދަރަޖައަކުން މަސްލަހަތު ފުށުއެރުން ހުރި ކަމެއް ކަމަށެވެ.

ވަކީލުން ހަވާލުވެގެން ނުވާނެ ބާވަތުގެ މައްސަލަތައް ނޫނުގައި ބަޔާން ކޮށްފައި ވާއިރު، އޭގެ ތެރެއިން، މިނިވަން ކަމާއެކު މަސައްކަތް ކުރަން ހުރަސްއެޅިދާނެ ފަދަ މައްސަލައަކާ ހަވާލުވެގެން ނުވާނެ ކަމަށް ބުނާ މާއްދާއާއި، ހަވާލުވާ މައްސަލައިގައި ހިމެނޭ އަނެއް ފަރާތަކީ މައްސަލައާ ގުޅިގެން ކުރިން ގާނޫނީ ލަފާ ދީފައިވާ ފަރާތަކަށް ނުވަތަ މައްސަލައިގެ މައުލޫމާތު ހިއްސާކޮށްފައިވާ މީހަކަށް ވާ ފަދަ މައްސަލަތަކާ ހަވާލުވެގެން ނުވާނެ ކަމަށް ބުނާ މާއްދާއާވެސް ހިލާފުވެފައިވާ ކަމަށް ބުނެ އެކަން ބަލައިދިނުމަށްވެސް އެދިފައިވެއެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުވާ ލިބޭ ބައެއް މީހުންގެ ވަކީލެއްގެ ގޮތުގައި ޝަމީމް މަސައްކަތް ކުރެއްވުމަށް ފަހު، ހަމަ އެ މައްސަލައިގައި ދައުލަތުގެ ވަކީލެއްގެ ގޮތުން އެ މީހުންނާ ދެކޮޅަށް މަސައްކަތް ކުރެއްވުމަކީ ވަކީލުންގެ ސުލޫކާ މުޅިން ހިލާފު ކަމެއް ކަމަށާއި އޭނާގެ އަމަލުތަކަކީ ގާނޫނީ ވަކީލުންނާމެދު އާންމުންގެ އިތުބާރު ގެއްލިދާނެ ފަދަ ކަމެއް ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

ޝަމީމާއި ދެކޮޅައް މައްސަލައެއް ހުށަހަޅާފައި ވާއިރު، މި މައްސަލައިގައި ޝަމީމް އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.