އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހެއްޓުމަށް އަމުރުކޮށްފައިވަނީ ލ. މުންޑޫ، އަންނާރުމާގެ، އަޙްމަދު ނިޝާން (26އ) އެވެ.

އަހަމަދު ނިޝާން ހައްޔަރުކޮށްފައިވަނީ 2020 ޖުލައި 15 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހާދިސާ ހިނގިތަނުންނެވެ.

އަޙްމަދު ނިޝާން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މިމަހުގެ 16 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ މައްސަލައަކަށްވެފައި، އިބްރާހީމް ނިހާނު ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބަލައި ޝަރީއަތް ނިމެންދެން އަހްމަދު ނިޝާން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

އަހްމަދު ނިޝާންގެ މައްޗަށް ތުހުމަތު ކުރެވޭ މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ކުރަމުންނެވެ.

ކުޑަ ކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވެތިބުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތައް މީޑިއާ ތަކުގައި ޝާއިއު ކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް އަމަލުކުރުމަށްވެސް އެ ސާވިސްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ މިފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށް އިލްތިމާސްކޮށްފައެވެ.