ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް އިންޑިއާގައި ތަންފީޒު ކުރަމުން ދިޔަ ހަރުކަށި ލޮކްޑައުންގެ އަމުރު އުވާލުމަށް ކަނޑައެޅި ޖޫން 1 ވަނަ ދުވަހުގެ، ދުވަސްތަކެއް ކުރިއެވެ. އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން "ނަސްރު" ގެ ބަޔާނެއް ޝާއިއު ކުރިއެވެ. މި ބަޔާނުގައި ބުނަނީ، ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރެކޯޑް ކުރަމުންދިޔަ 15 ގައުމަކީ އާބާދީގެ ގޮތުން ބަލާއިރުވެސް އިންޑިއާއާއި ގާތްގަނޑަކަށް އެއްވަރުގެ ގައުމުތަކެއް ކަމަށާ، ނަމަވެސް އެގައުމުތަކުން ޕޮޒިޓިވް ކޭސްތައް ރެކޯޑް ކުރަމުންދަނީ އިންޑިއާއަށް ވުރެ 34 ގުނަ އިތުރަށް، އަދި މަރުގެ ކޭސްތައް 83 ގުނަ އިތުރަށް ކަމަށެވެ.

އޭގެ ފަހުން 60 އަކަށް ދުވަސްވެސް ފާއިތު ނުވެއެވެ. އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު، 1 މިލިއަންގެ ފާހަގަ ހުރަސްކޮށްފިއެވެ. ކޮވިޑް-19ގެ ތަފާސް ހިސާބުތައް ގެނެސްދިނުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، ބަލިމަޑުގައި 3 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް ރެކޯޑް ކުރަމުންދާ ގައުމަކީ އިންޑިއާއެވެ. އިންޑިއާގެ ކޮވިޑް-19 ކާވް ފްލެޓް ވާތީ ނުފެނެއެވެ. ނަމަވެސް އެ ކާވް މިސްރާބު ޖަހާފައި ވަނީ ސީދާ އޮލަނބަށެވެ.

އިންޑިއާގައި ކޮވިޑް-19އަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ މަރުކަޒެއް ކައިރިން ދުއްވާފައިދާ ހާއްސަ އެހީއަށް ބޭނުންވާ މީހެއް/ފޮޓޯ: އޭއެފްޕީ

ޖޫން 1 ވަނަ ދުވަހުން ފަށައިގެން އިންޑިއާގައި ދުވާލެއްގެ މައްޗަށް ރެކޯޑް ކުރާ ކޭސްތައް އިތުރުވަމުންދަނީ ރެކޯޑް މިންވަރަކަށެވެ. އޭރު ދުވާލެއްގެ މައްޗަށް 8100 އެއްހާ ކޭސް ރެކޯޑް ކުރަމުންދިޔައިރު މިހާރު މިއަދަދު އުޅެނީ 32000 އަށްވުރެ މަތީގައެވެ. މި ބަލީގައި މީހުން މަރުވި އަދަދަށް ބަލާއިރު، މި އަދަދު ވަނީ 5600 އިން 25000 އަށް އަރާފައެވެ. ކޭސް އިތުރުވަމުން ދިޔަ ކަމުގައި ވީ ނަމަވެސް އިންޑިއާއިން ދައްކަމުންދާ ހުއްޖަތެއް އޮވެއެވެ. އެއީ އާބާދީގެ ނިސްބަތުން ކޮންމެ މިލިއަނަކަށް ބަލާއިރު އިންޑިއާގައި ޕޮޒިޓިވް ކޭސްތައް މަދުކަމަށް ބުނާ ބުނުމާ، މަރުވާ މީހުންގެ ނިސްބަތްވެސް ދައްކަމަށް ބުނާ ބުނުމެވެ.

އެއީ ތެދެކެވެ. ނަމަވެސް ކޭސް ނަމްބަރު ބަރޯސާ ވާނީ ޓެސްޓު ކުރާ މިންވަރެއްގެ މައްޗަށް ތާއެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގައި ޓެސްޓު ކުރާ މިންވަރަށް ބަލާއިރު ކޮންމެ 1 މިލިއަން މީހަކަށް 9231 ޓެސްޓު ހަދާފައިވެއެވެ. އެއީ 1000 މީހަކަށް އެންމެ 9 ޓެސްޓޭސްވެސް ބުނެވިދާނެއެވެ. ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރެކޯޑް ކުރަމުންދާ އެމެރިކާއަށް ބަލަމާތޯއެވެ. އެމެރިކާގައި ޓެސްޓު ކުރާ ނިސްބަތް އުޅެނީ ކޮންމެ 1000 މީހަކަށް 128 ޓެސްޓުގެ ރޭޓުގައެވެ. މި ފަރަގުންވެސް އިންޑިއާގެ ހުއްޖަތުގައި ބުރަދަނެއް ނެތްކަން އަންގައިދޭ ނޫންތޯއެވެ.

އިންޑިއާގެ ޗީފް މިނިސްޓަރުންނާ، 21 ސްޓޭޓާ ޔޫނިއަން ޓެރިޓަރީތަކުގެ އިސްވެރިންނާ އެކު ވީޑިއޯ ކޮންފަރެންސް މެދުވެރި ކުރައްވާ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ބައްދަލުކުރައްވަނީ/ފޮޓޯ: އޭއެންއައި

ދެން އޮތީ މި ބަލީގައި އިންޑިއާއިން މަރުވާ މީހުންގެ އަދަދު، ނިސްބަތުން މަދު ކަމަށް ކުރާ ދައުވާގެ ވާހަކައެވެ. މިއީ އިންޑިއާގެ އާބާދީއަކީ އުމުރު ފުރާގެ ގޮތުން ބަލާއިރު، ޒުވާން އާބާދީއަކަށް ވުމުން ވާ ގޮތެއް ކަމަށްވެސް ވެދާނެއެވެ. އަދި މަރުގެ ކޭސްތައް ރަސްމީ ގޮތުން ރެކޯޑް ކުރުމުގައި އޮތް ގޮންޖެހުންތަކާ ހުރަސްތަކުގެ ސަބަބުން ވާ ގޮތަކަށްވެސް ވެދާނެއެވެ. އިންޑިއާގެ ސަރުކާރުން ދާދި ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު، އެކި ސަބަބުތަކާ ހެދި އިންޑިއާގައި މަރުވާ މީހުންގެ ތެރެއިން 5 ބައިކުޅަ 1 ބައި މީހުންގެ މަރުގެ ކޭސް ރަސްމީ ކޮށް ދަފުތަރެއް ނުކުރެއެވެ. އަދި މަރުގެ ސެޓްފިކެޓް ދޫކޮށްފައިވަނީ މަރުވާ މީހުންގެ ތެރެއިން 4 ބައިކުޅަ 1 ބަޔަށް ވުރެ މަދު ކޭސްތަކަކަށް ކަމަށްވެސް ރެކޯޑް ތަކުން ދައްކައެވެ.

ލޮކްޑައުންނާއެކު އިންޑިއާއިން "ފްލެޓް" ވީ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި ކުރަހަމުން ދިޔާ ކާވްއެވެ. ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އިންވަނީ، މިހިނގާ 2020 ވަނަ އަހަރު އިންޑިއާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) 4.5 ޕަސެންޓް ދަށަށް ދާނެ ކަމަށް ލަފާކޮށްފައެވެ. ކްރެޑިޓް ރޭޓިންގް އޭޖެންސީ (އައިސީއާރްއޭ) އިން ވަނީ، އިންޑިއާއަށް 9.5 ޕަސެންޓްގެ ހީނަރު ކަމެއް އަންނާނެ ކަމަށް ލަފާކޮށްފައެވެ. މިއީ ފާއިތުވީ 60 އަހަރު ދުވަހަށް ބަލާއިރު އިންޑިއާއަށް ކުރިމަތިވާ އެންމެ ބޮޑު ހީނަރުކަމެވެ. މިކަމުގެ އިންސާނީ އަގު އިންތިހާއެވެ. ކުޑަ ރަމްޒެއް ފެނިގެންދަނީ، ވަޒީފާ ގެއްލި، އަނބުރާ އަމިއްލަ ވަޒަނަށް ދަތުރު ކުރަމުންދާ ހިޖުރަވެރި މަސައްކަތްތެރިންގެ ސަފުތަކުންނެވެ.

ކޮވިޑް-19ގައި އިންޑިއާއިން މަރުވި މީހެއްގެ ހަށިގަނޑު އުފުލަނީ/ފޮޓޯ: މަނީޝް ސްވާރޫޕް

ލޮކްޑައުންގެ ގޮންޖެހުން

މުޖުތަމައުގެ ކަންކަން "ހަމައަކަށް އަޅުވާލުމަށް" އިންޑިއާގެ ސަރުކާރަށް ހިސާބެއްގެ ފުރުސަތެއް ފަހިކޮށްދިން އެއް އަމުރަކީ ލޮކްޑައުންގެ އަމުރެވެ. ލޮކްޑައުންގެ މުހުލަތަކީ ބަލި ދެނެގަނެ، ކޮންޓެކްޓް ޓްރޭސް ކުރުމަށް އޮތް ރަނުގެ ފުރުސަތެއް ނަމަވެސް، އިންޑިއާގެ ސަރުކާރުން ގޮންޖެހުންތަކަކާ ކުރިމަތިލިއެވެ.

މަހާރާޝްތްރާ، ޓެމިލް ނާޑޫ އަދި ދިއްލީއަކީ އިންޑިއާގެ އެންމެ ކާމިޔާބު ސަރަހައްދުތަކެވެ. ކަންމިހެން އޮތް އިރު، ކޮވިޑް-19ގެ ކޭސްތަކުގެ 2 ބައިކުލަ 1 ބަޔަށްވުރެ ގިނަ ކޭސްތައް ހިއްސާކުރީވެސް މިސަރަހައްދުތަކުންނެވެ. ސިނާއީ ހަބްތަކުގެ ގޮތުގައި ސިފަކުރަމުން އަންނަ ތާނޭއާއި ޕޫނާއިން ތަކުރާރުކޮށް ލޮކްޑައުންއަށް ދިޔައިރު، އެހެން ސަރަހައްދުތަކުގެ ހާލަތު ކޮންމެވެސް ވަރަކަށް ތަސްވީރު ވަމުންދިޔައެވެ. ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އެކި ސަރަހައްދުތަކުގައި ހުރި ފަރަގުތައް އިންތިހާއެވެ. 8 ހޮސްޕިޓަލަކަށް ގޮސް ފަރުވާ ނުލިބި މި ދުނިޔެއާއި ވަކިވެދިޔަ އުމުރު 30 އަހަރުގެ މާބަނޑު އަންހެން މީހާގެ ވާހަކައަކީވެސް މިކަމުގެ މިސާލެކެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އިވަކުއޭޓް ކުރުމަށް ހިންގާ އޮޕަރޭޝަންގެ 2 ވަނަ މަރުހަލާގެ ތެރެއިން/ފޮޓޯ: އިންޑިއާ ހައި ކޮމިޝަން | ޓްވިޓާ

ކޮވިޑް-19ގެ ބަލިމަޑުކަމަކީ އެންމެ ކުރިއަރާފައިވާ ތަރައްގީގެ ބާނީންނަށްވެސް ބޮޑު ގޮންޖެހުމެކެވެ. މިހާލަތުގައި އިންޑިއާއަށް އެންމެ ބޮޑު ތަކުލީފަކަށްވީ، ނުކޮށް އޮތް ކަންތައްތަކުން ކުރިމަތިވި ގޮންޖެހުންތައް ކަމާ މެދު ދެބަސްވޭވަކަށް ނެތެވެ. ފާޑުކިއާ ފަރާތްތަކުން ބުނާ ގޮތުގައި، ފާއިތުވީ 70 ވަރަކަށް އަހަރު އިންޑިއާގައި ހެޔޮ ވެރިކަމެއް ކުރެވިފައެއް ނެތެވެ. މަޝްހޫރު އިގުތިސޯދީ ފަލްސަފާވެރިޔާ އެޑަމް ސްމިތް މާނަކޮށްފައިވާ ފަދައިން، އަސާސީ ޒިންމާތަކުގެ ގޮތުގައި ބަލާ، ފެނާ، ސިއްހަތާ، ތައުލީމާ، ހަކަތަ އަދި ސަލާމަތްތެރިކަމަށްވެސް އިންޑިއާގެ ސަރުކާރުން މާ ބޮޑު މަސައްކަތްތަކެއް ކޮށްފައި ނެތްކަމަށް ބުނެވެއެވެ.

ހީނަރު އިންވެސްޓްމަންޓް

ސިއްހީ ނިޒާމަށް ބަލާއިރު އިންޑިއާގައި ކުރާ އިންވެސްޓްމަންޓްތައް މަދުކަން ތާރީހީ ރެކޯޑްތަކުންވެސް ފެންނަން އެބަހުއްޓެވެ. އެގޮތުން ޒަމާނީ ނަރުސްކަމުގެ ބާނީގެ ގޮތުގައި ސިފަކުރަމުން އަންނަ ފްލޯރެންސް ނައިޓިންގޭލްގެ މޭސްތިރިކަމުގެ ދަށުން 1857 ވަނަ އަހަރު ކުރިއަށް ގެންދިޔަ ސާވޭއެއްގައިވެސް މިކަން ފާހަގަކޮށްފައިވެއެވެ. ގަރުނެއް ފާއިތުވެދިޔައިރު، އާންމު ރައްޔިތުންނަށް ސިއްހީ ނިޒާމުން އެހީ ހޯދަން ދެވުމާ، ސިއްހީ ނިޒާމުގެ ފެންވަރުގެ އިންޑެކްސް ދައްކާ ގޮތުން، އިންޑިއާ އޮތީ މިޔަންމާ، ސްރީލަންކާ އަދި ބޫޓާންއާއި ބަންގްލަދޭޝްއަށްވުރެވެސް ފަހަތުގައެވެ.

ކޮވިޑް-19ގެ ސަބަބުން އިންޑިއާގެ ގިނަ އަދަދެއްގެ ހިޖުރަވެރި މަސައްކަތްތެރިންނެއް ވަނީ ވަޒީފާ ނެތި ހާލުގައި ޖެހިފަ/ފޮޓޯ: ނިއްކޭއި އޭޝަން ރިވިއު

ޝައްކެއް ނެތެވެ. ސިއްހީ ހިދުމަތުގެ ފެންވަރު ބަރޯސާވަނީ އެ ދާއިރާގައި ކުރާ އިންވެސްޓްމަންޓްތަކުގެ މައްޗަށެވެ. ސިއްހީ ދާއިރާގައި އިންވެސްޓް ކުރާ މިންވަރު 4-6 ޕަސެންޓަށް އިތުރު ކުރުމަށް އެކި ކޮމިޓީތަކާ ކޮމިޝަނުތަކުން ގޮވާލި ނަމަވެސް، އިންޑިއާގައި މިއަދަދު އޮތީ ޖީޑީޕީގެ އެންމެ 1 ޕަސެންޓަށްވުރެވެސް ދަށުގައެވެ. ކޮވިޑް-19 އިން ރައްކާތެރި ވުމަށް ޑޮކްޓަރުން ދެއްވާ އެންމެ އަސާސީ އިރުޝާދަކީ އަތް ދޮވުމަށް ދެއްވާ އިރުޝާދެވެ. ނަމަވެސް 2019 ވަނަ އަހަރު އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އިންޑިއާގެ ގޭބިސީތަކުގެ ތެރެއިން، ގެޔަށް ފެން ހޮޅިއެއް ވައްދާފައިވަނީ ކޮންމެ 5 ގެއަކުން 1 ގެއަށްކަން ފާހަގަކުރަންޖެހެއެވެ. ކޮންމެ 2 ވަނަ ގެއަކީ ފެންވަޅުތަކާ، ރައްކާތެރި ނޫން މަސްދަރުތަކުތަކުން ފެން ހޯދާ ގެތަކެކެވެ. ފެނުގެ ކޮލިޓީ ގިންތި ކުރާ ރޭންކިންގްއަށް ބަލާއިރު 122 ގައުމުގެ ތެރެއިން އިންޑިއާއަށް ލިބެނީ 120 ވަނައެވެ. ނިއުމޯނިއާއާއި ޑައެރިއާ ޖެހިގެން އިންޑިއާއިން އަހަރަކު 1.3 މިލިއަން ކުޑަކުދިން މަރުވަމުންދާކަންވެސް ހަނދާން ނައްތާލެވޭކަށް ނެތެވެ.

އިންޑިއާގެ ވެރިކަން ހިންގަމުންދާ ގޮތަށް ބަލާއިރު، ޖަވާބުދާރިވެ ޒިންމާ ނަގާނެ ފަރާތެއްގެ އިލްޒާމު އަބަދުވެސް އަމާޒު ކުރަމުންދަނީ އަނެއް ފަރާތަށެވެ. ސްޓޭޓް ސަރުކާރުން ފެޑެރަލް ސަރުކާރަށެވެ. ފެޑެރަލް ސަރުކާރުން ސްޓޭޓް ސަރުކާރުތަކަށެވެ. ހާލުގައި ޖެހި ބިކަވެދަނީ، މި ސަރުކާރުތައް އިންތިހާބު ކުރަން ވޯޓުދޭން ތިބި އާންމުންނެވެ.