"މަންމާ... ބައްޕަ އެބަ ގޮވާ ކަންނޭނގެ..."
ބުނާނެ އެއްޗެއް މަންޝާގެ ޅަ ސިކުނޑިއަކަށް ނުވިސްނުނެވެ. އެންމެ ފަސޭހައިން ޝީން ފޮނުވާލެވޭނެ ފަދަ ބަހަނާއެއް ދައްކަން އޭނާ ދޮގު ހެދިއެވެ. މަންޝާގެ މޫނު ނުފެންނާނެހެން ޝީންއަށް ފުރަގަސްދީގެން އޭނާ ހުރީ މަންމަ ކައިރީ ހެދި ދޮގު ފަޅާ އަރާފާނެތީ ޖެހިލުންވާ ހާލުގައެވެ. އެ ކޮޓަރިން ޝީން ނުކުމެގެން ދާނެ ވަގުތެއްގެ އިންތިޒާރުގައި މަންޝާ ހުރީ ދުލު ކުރީގައި ދަތް އަޅައިގެން ދެލޯ މަރާ ބާރުކޮށްގެންނެވެ.
"ހުމްމް... މަންއެކޭ މަންގެ ބައްޕައެކޭ... އެއްކަމެއްވެސް ނުވާނެ އަހަރެން ނެތި... ދެން ތިހެން ނުހުރެ ދޭ އަވަހަށް ފެންވަރައިގެން ރީތިވާން... އެހެން ނޫނީ މިއަދުވެސް ކޮލެޖަށް ދެވޭނީ ގަޑި ޖެހިގެން..." މަންޝާގެ ކޮޓަރިން ނުކުމެގެން ދަމުން ޝީން ވާހަކަ ދެއްކީ އޭނާގެ އަތުގައި އޮތް ފޯނުގެ ޑިސްޕްލޭއަށް ބަލާލަމުންނެވެ.
ކޮޓަރީގެ ދޮރު ލެއްޕުނު އަޑަށް ހަމަޖެހުމުގެ ނޭވާއެއް މަންޝާ ދޫކޮށްލިއެވެ. އެއަށް ފަހު މޭޒުމަތީގައި އޮތް ފޮތް އޭނާގެ ދަބަހަށްލާ ފޮރުވިއެވެ.
"ކިރިޔާ އެ ސަލާމްތަވީ!..." ހިތާހިތުން މަންޝާއަށް އެހެން ބުނެވުނު އިރު އެނދުމަތީ އޮތް އޭނާގެ ފޯނު ރިންގްވާން ފަށައިފިއެވެ. ފޯނު ނަގަން ގާތްވިއިރު އެ އަންނަނީ ކާކުގެ ކޯލެއްކަން އެނގި މަންޝާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
"ކޮލެޖަށް ދަންދެން ކެތްނުވެގެން ތިއުޅެނިއްޔޯ!... މަ ގަޑިޖެހިދާނެ. މި ވަންނަނީ ފެންވަރަން... އިނގޭ ބާއި.." ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އެކޯލަށް ވާހަކަ ދައްކަމުން މަންޝާ ފާހާނާއަށް ވަނީ މިއަދު ގަޑިޖެހިގެން ކޮލެޖަށް ދާން ބޭނުން ނުވާތީއެވެ.
*** *** *** *** *** ***
ބޯކޮށް ހެދިފައިވާ ބިޔަ ގަސްތަކުގެ ތެރެއިން ޖަންގަލީގެ އެންމެ އެތެރެއިން ފެންނަމުން ދިޔަ ސަރަހައްދަށް ދުވާލުގެ އަލިކަން ވެސް ވާސިލްވާން ބޭނުން ނުވާ ކަހަލައެވެ. ގަސްތަކުގެ ހިޔަނިން އެސަރަހައްދަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން ވަށައިގެން ފެންމުން ދިޔައީ ފަޅުކަމާއި ނާމާންކަމެވެ. ގަސްތަކުގެ ތެރޭގައި އެކި ޖަނަވާރުތަކުގެ ސިފަސިފައަށް ތިބި ޖިންނި ޝައިތޯނުން އެ އެއްޗެތީގެ ހޮރުތަކަށް ވަދެ ފިލަން އަވަސްވެގަތެވެ. ހިމޭންކޮށް އޮތް އެ މާހައުލުން ކުއްލިއަކަށް އިވިގެން ދިޔަ އަޑުން އެތަނަށް ހާޒިރުވަނީ ކާކުކަން އެ ރޫހާނީ ބާރުތަކަށް އެނގުނު ކަހަލައެވެ.
ރިޔަލެއްގައި ވައިއެޅުމުން ގޮވާ ޒާތުގެ އަޑެއް ފަޒާގެތެރޭގައި ގުގުމާލިއެވެ. ގަސްތަކުގެ މަތިން އުދުހިފައި އައިސް ތިރިކުރަން މަސައްކަތް ކުރަމުން ދިޔަ އެތީގެ ހިޔަނި އެ ސަރަހައްދަށް އެޅިފައި ހުއްޓެވެ. ބޮޑުކޮށް ފެންނަމުން ދިޔަ ހިޔަނި ބިމާ ގާތްވަމުން އައި ވަރަކަށް އޭގެ އަސްލު ރޫފައާއި މިނަށް ކުޑަވިއެވެ.
އުދުހެމުން އައިސް ލިވިއަސްގެ ހަށިގަނޑު ތިރިކޮށްލި އިރު އޭނާ ހުރީ އެއް ކަކޫ މައްޗަށް ދެއަތް ބިންމަތީ ވިއްދައިގެންނެވެ. އޭނާގެ ބޮޑު ވަރަފަތްގަނޑު ލައްޕާލަމުން ބޮޑާކަން ދައްކާލާ ފަދަ ގޮތަކަށް ރަތްކަން ގަދަ ދެލޮލުން ވަށައިގެން ބަލާލަމުން އަނގައިން ޒާތެއްގެ އަޑެއް ލައްވާލީ އެތަނަށް އެނާ އައިސްފިކަން އިއުލާން ކުރަމުންނެވެ.
ލިވިއަސް ކުރިއަށް ހިނގައިގަތް އިރު ގަސްތަކުގައި އެކޮޅުކޮޅުން އެލިގެން ވާލެއްގެ ސިފައަށް ތިބި ޖިންނިތައް އުދުއްސައިގަތީ އޭނާގެ ބެލުމުން އޭއްޗެތީގެ ހިތަށް ބިރުވެރިކަން ވެރިވުމުންނެވެ. ބޯކޮށް ހެދިފައިވާ ގަސްތަކުގެ ތެރެއިން މަގު ކޮށާފައިވާ ދިމާލުން އެތެރެއަށް ލިވިއަސް ބަލާލީ ގެއާ ދިމާއަށް އަވަހަށް ދާން ބޭނުވެފައި ހުރުމުންނެވެ. ދުރުދުރުން ފެންނަމުންދިޔަ ނިކަގަހާ ދިމާއަށް ލިވިއަސް ބަލަން ހުރެ ހިނގައިގަތީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ. އޭނާގެ އަސްލު ސިފަ ޖެހި މުޅި މީހާގެ ގައިން ކަޅު ކެހެރިތައް ފަޅާ އިސްތަށިގަނޑު ވެސް ދިގުވެ އުނަގަނޑާ ހަމައަށް އޭރުވަނީ ފައިބާފައެވެ. ބޮލު މެދުން ދެ ދަޅު ފަޅާ އޭނާގެ ނިޔަފަތިތައް ދިގުވެ މީހާއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
ނިކަ ގަހުގެ އަޅޯތަކުގައި އެލިގެން ތިބި ޖިންނިންތައް ގަހުގެ މައްޗަށް އަރާ އަޅޯތަކުގެ ތެރޭގައި ފިލަން މަސައްކަތްކުރަމުން ދިޔައެވެ. އޭނަ ފެނިގެން އެ ސަހަރުގެ ކުދި ޖިންނިންތައް ބިރު ގަންނާތީ ލިވިއަސްގެ ބާރުވެރިކަން ހިތަށް ވެރިވެ އޭނާ ހުންނަނީ ބޮޑާވެފައެވެ. ބިޔަކޮށް ހެދިފައި 1000 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ނިކަގަހާ ހަމައަށް ގޮސް ލިވިއަސް ބަލާލިއެވެ. އެއީ އެ އާއިލާގެ ކިއްލާއެވެ. ބޭރުން ގަހެއްހެން ފެނުނަސް އެއީ އެމީހުން ދިރިއުޅޭ ގެއެވެ.
އެ ގޭގެ ކުޑަދޮރު ކައިރީ ހުއްޓިގެން ބޭރު ބަލަން ހުރި ވެލެރިއާ ފެނުމުން ލިވިއަސްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ވެލެރިއާގެ ނޫކުލައިން ދިއްލިފައިވާ ލޯ ފެނުމުންވެސް އޭނާ އައިސްފައިވާ ރުޅި ލިވިއަސްއަށް ދެނެގަންނަން އެނގުނު ކަހަލައެވެ.
އުދުހުމުގެ ބާރު ލިބިފައިވާ އިފްރީތުންގެ ތެރެއިން އެ އާއިލާއަކީ މީގެކުރިން އާރާއި ބާރު އޮތް އާއިލާއެކެވެ. ނަމަވެސް އެމީހުންގެ ބާރު ކެނޑިގެން ގޮސްފައިވަނީ ޒާމާންތަކެއް ކުރީގައި ކުރި ހަނގުރާމައެއްގެ ތެރެއިންނެވެ. ކުރިން ވެރިކަމުގައި އިން އެ އާއިލާގެ ތަނބު ކަމަށް ވާ ލިވްރީޝާންގެ އަތުން ތަހުތު ނިގުޅައިގެން ހިސާބުން އެ އާއިލާއަށް ވަނީ އެތައް ހުރަސްތަކަކާއި ކުރިމަތިލާން ޖެހިފައެވެ. ލިވްރީޝަންގެ އަތުން އެ ތަހުތު ބީވެގެން ގޮސްފައިވާއިރު، އޭނާގެ މުޅި އާއިލާއާއި އެތައް ހާސް ދަރިންނަކާ އޭނާއަށް ބޯލަނބަމުން ދިޔަ ބޮޑު ލަޝްކަރު ވެސް ވަނީ އެ ހަނގުރާމައިގައި ނެތިގެން ގޮސްފައެވެ.
ލިވްރީޝާންގެ އަންހެނުން ޖޫލިއަސްއާއި އޭނާގެ ދަރި ބަރުސޫލް އެ ހަނގުރާމައިން ސަލާމަތްވީ ޖޫލިއަސްގެ މޮޅު ކަމުންނޭވެސް ބުނެވިދާނެއެވެ. ބައްޕަގެ މަރަށްފަހު ބަރްސޫލް އެތައް މަސައްކަތެއް ކުރަމުން ދިޔައީ އޭނާގެ ބައްޕަގެ އަތުން ނިގުޅައިގެން ވެރިކަން އަނބުރާ ހޯދުމަށެވެ. އެއަށްފަހު އެމީހުން ނިސްބަތްވާ ޖޯރަމް ސަހަރު އަލުން އާބާދުކުރަން ފެށީ އެކި ހިސާބުތަކުން އެތަނަށް ހިޖުރަ ކުރަމުން ދިޔަ ޖިންނި އާއިލާތަކަށް އުޅެން ފުރުސަތު ދީގެންނެވެ.
ބައްޕަ ލިވްރީޝާންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ކުރަމުންދިޔަ މަސައްކަތަށް އަވަސް ނިމުމެއް ގެނައުމަށް ނައުރީނަށް ސިހުރުގެ ދަޅަ ދައްކައިގެން އައިސް އެ ސިހުރު ބާތިލްވި ހިސާބުން އޭނާގެ ހަށިގަނޑަށް ބަރްސޫލް ސަވާރުވެ ދެ ނަސްލަށް ނިސްބަތްވާ ބާރުހުރި ދަރިއަކު ހޯދީ ވެސް ތަހުތު ހޯދުމުގެ މަގުސަދުގައެވެ. ބަރްސޫލްގެ ބައްޕަގެ ނަމާ ވައްތަރުކޮށް ލިވީތަނަށް ނަންދިން ނަމަވެސް އެ މަޅީގައި ބަރްސޫލް ބަނދެވި މިދުނިޔެއިން ވަކިވެގެން ދިޔައީ އެނާ އުންމީދު ކުރިވަރަށް ވުރެ މާ އަވަހަށެވެ. އެ ދުވަހު ބަރްސޫލްގެ އެންގުމަށް އޭނާގެ މަންމަ ޖޫލިއަސް ދުނިޔެއަށް އައިސް ނައުރީންގެ އަތުން ލިވީތަން ގެންދިޔައީ އެކުއްޖާ ތަހުތުގައި ބައިންދާނަން ކަމަށް ބަރުސޫލް ގާތު ވައުދުވެފައެވެ.
*** *** *** *** *** ***
އިރުގެ އަލިކަން ދުނިޔެއަށް ފެތުރިގެން ދިޔަ ވަގުތު އެކި އަޑުއަޑުން ދޫނި ސޫފާސޫފި ލަވަކިޔަމުން ކޮޅުކޮޅަށް އުދުހެން ފަށައިފިއެވެ. ވާދީއެއްހެން ވާ އިންޑިއާގެ ނާ ތަހުޒީބު އަވަށަކަށް މި އަދަކީ އަޅުކަމުގެ ބޮޑު ދުވަހެކެވެ. ހެނދުނު ހެނދުނާ ހޭލައިގެން އާއިލާގެ މެންބަރުންނާއެކީ ފައްޅިއަށް ވަނުމަކީ މަޖުބޫރު މާއްދާއެކެވެ. ވިޝްނު ފަރުބަދަ ކައިރީގައިވާ ފައްޅިއަކީ ގިނަ ބަޔަކު އަޅުކަން ކުރުމަށް އަންނަ ތަނެކެވެ. އެތަނަށް ގިނަ މީހުން ޒިޔާރަތްކޮށް އުޅެނީ އެ ފައްޅީގައި ހުންނަ ބާބާޖީ ކައިރިއަށެވެ. އޭނާގެ ފަރާތުން ފާލުބަލާ މީހުންނަށް އެއީ މޮޅު މީހެއްކަމުގައި ގަބޫލުކޮށް އޭނާއަށް ސަޖިދަޖަހާ މީހުންވެސް މަދެއް ނޫނެވެ.
ހެނދުނު ދަޅައިގައި ބުދަށް އަޅުކަން ކުރާ މީހުންތައް ވަނީ އެ ފައްޅި ކައިރިއަށް ތޮށްޖެހިފައެވެ. އެއް އަޑެއްހެން އެ ސަރަހައްދުގައި ގުގުމަމުން ދިޔައީ ފައްޅީގައި ހުރި ރަނގަބީލުތައް ޖެހެމުން ދިޔަ އަޑެވެ. މުޅި އެ ސަރަހައްދުގައި ހިއްޕާލާފައި ވަނީ ފާޑެއްގެ ހުތްބަޑި ތެތްފުޅަ ވަހެކެވެ. ކާއްޓާއި އެމީހުން ގެންގުޅޭ މާމަލުގެ ވަހާއި އެކި ފާޑުގެ ހަކީމީ ބޭސްތަކުގެ ވަހުން ފަޒާތެރެ ވަނީ އެއްވަސްކޮށްލާފައެވެ.
ފައްޅީގެ އެއްފަރާތުން ސިޑިބަރިއެއްލާފައި ވަނީ ވިޝްނު ފަރުބަދަ ކައިރީގައިވާ ކޯރަށް ފޭބޭނެ ގޮތަށް ފަރުމާކޮށްފައެވެ. ބޭރިޔާއޭ ކިޔާ އެކޯރަކީ ބަވޭޝް ސުވާމީގެ ލަފާގެ މަތިން މާތްވެގެންވާ ކޯރެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެއްބަޔަކު އެކޯރަށް ފައިސާ އުކާ އެމީހުން ކުރަން ބޭނުންވާ ކަންކަމަށް އެދި ދުއާ ކޮށް ހަދައެވެ. ހަމައެއާއެކު ބޮޑެތި ކަންކަން ކުރުމުގެ ކުރިން ބަރަކާތް ހޯދުމުގެ ނިޔަތުގައި އެ ކޯރަށް އެރި ފެންވަރާ މީހުންވެސް މަދެއް ނޫނެވެ.
އެ ކޯރަށް އެތައް ބަޔަކު އަޅުކަން ކުރުމަށް އެރިގެން އުޅެމުން ދިޔަ ވަގުތު ކޯރުގެ ފެންގަނޑުގެ ތެރެއިން ބަވޭޝް ސްވާމީ ބޯހިއްލާލީ ދެއަތް ޖޯޑުކޮށްގެން ހުރެއެވެ. ހުސްގަޔާ ހުރި ބަވޭޝްގެ ތެމިފައިވާ އިސްތަށިގަނޑު މޫނުމައްޗަށް ވެއްޓިފައިވާ އިރު އެ އިސްތަށިތަކުން ފައިބަމުން ދިޔަ ފެންތައް އޭނާގެ ތުނބުޅީގައި ބީހިލާފައި އޮހެމުން ދިޔައެވެ. ދެލޯ މަރާ ތަގުޅިކޮށްގެން ހުރި ބަވޭޝްގެ އެސްފިޔަތައް މަޑުމަޑުން ހުޅުވާލިއިރު އޭނާގެ ބޮޑު ދެލޯ ވަނީ ރަތްވެފައެވެ. އެތައް ދުވަސްތަކެއް ވަންދެން ނުނިދާ އުޅެފައިވާ ކަހަލައެވެ. ޖޯޑުކޮށްގެންވާ އަތްތިލަ ބޯމައްޗަށް ވާނެހެން އުފުލާލަމުން ބަވޭޝް އަނގަ ހުޅުވާ ހަށިފުރާ ނޭވާއެއް އެތެރެކޮށްލުމަށްފަހު އަނެއްކާވެސް ފެންގަނޑު ތެރެއަށް ގެނބިގެން ދިޔައެވެ. ބަލާބެލުމަށް އެއީ އެފަދަ މީހުން އަޅުކަމުގެ ގޮތުން އެކޯރަށް އެރި ތިބެ ކަންކުރާ ގޮތެވެ.
އަނދެގެން ހުރި ހުދުކުލައިގެ މުންޑުގަނޑު ފޮޅަމުން ބަވޭޝް އެ ފެންގަނޑުން މައްޗަށް އެރީ އެ ފެންގަނޑު ވަށައިގެން ވާ ހަރުފަތްތަކުގެ މަތިންނެވެ. އޭނާ ފެންގަނޑުން އަރާނެ ވަގުތެއްގެ އިންތިޒާރުގައި ތިބި މީހުން އޭނާގެ ފައިބުޑަށް ކާއްޓެއް ފަޅާ އޭނާގެ ނިތްކުރީގައި ރަތް ތިއްކެއް ޖަހުމަށްފަހު ބޮލަށް މާ އުކަން ފެށިއެވެ. ބަވޭޝް އެ ފައްޅި ތެރެއަށް އަރައިގެން ދިޔަ އިރު ކުރިން އޭނާ ހުރިގޮތަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
އޭނާގެ ދިގު ތުނބުޅިއާއި އިސްތަށިގަނޑު ވަނީ ރީއްޗަށް ތުނިކޮށް ކޮށާފައެވެ. މިއީ ދުވަހަކުވެސް މިފަދަ ސްވާމީއެއް ކުރާނެ ކަމެއް ނޫނެވެ. އެތައް އަހަރެއް ވަންދެން ދިގުކޮށްގެން ނުކޮށާ ގެންގުޅުނު އިސްތަށިގަނޑު ކޮށާލާ އޭނާ އެ ތައްޔާރުވަނީ ބޮޑު ކަމަކަށް ކަން ކަށަވަރެވެ. އެހެން ނޫނީ އެއީ އެމީހުން ކުރާނެކަމެއް ނޫނެވެ.
އެފަދަ ފައްޅިތަކުގައި ތިބޭ "ބާބާޖީ" އޭ ކިޔާ މީހުންނަކީ އާންމު މީހުން ހެދުން އަޅާ އުޅޭހެން އަންނައުނު ލާ ބައެއް ނޫނެވެ. އެމީހުން ގިނައިން ތިބޭނީ ފޮށާ ގަނޑެއް އަނދެގެންނެވެ. ނަމަވެސް މިއަދު ބަވޭޝް ފެންވަރައިގެން ރީތިވެގެން ނުކުތީ ގަމީހާއި ފަޓްލޫނު ލައި ބެގީ ޖަހައިގެންނެވެ.
ވިޝްނު ފަރުބަދައިގެ ހޮހޮޅަ ތެރެއިން ދެވެން ހުރި ބިންގަރާހަށް ފައިބަން ހުރި ދިމާލުގެ ފާރުގައި ހަރުކޮށްފައި ހުރި ލަކުޑި ބުރިގަނޑު ބަވޭޝް ނަގާ އަތަށް ހެޔޮވަރުކޮށްލިއެވެ. އެ ލަކުޑި ބުރީގެ ކޮޅުގައި ވަނީ އަލިފާން ރޯކޮށްފައެވެ. އެއިން އަލި ކުރަމުން ބަވޭޝް ތިރިއަށް ދިޔައިރު އޭނާ ދިޔައީ ކުޑަ ވަރެއްގެ ކޮރެއް ޖަހަމުންނެވެ. އެންމެ ތިރިއަށް ފޭބިއިރު ފެންތިކި ޖަހާ ކަހަލަ އަޑެއް އިވިއިވި ހުއްޓެވެ. ބިންގަރާހުގައި އެ ފެންތިކި ޖަހާ އަޑު ދިޔައީ އެއް ހަމައަކަށް ގުގުމަމުންނެވެ.
*** *** *** *** *** ***
ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި ޝީން އަވަދިނެތި ބަދިގޭގައި އުޅުނު އިރު ޝާޔާ ހުރީ ކާމޭޒު ދޮށުގައި ދޮންކެޔޮވަކެއް ނޮޅައިގެން ކާށެވެ.
"ދޮނާ ހާދަ އަވަސް އަރުވާލައިގެން ތި އުޅެނީ... ކޮބާތަ މަން..." ދޮންކެޔޮ ވަށް ލަސްލަހުން ކާން އިން ޝާޔާ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލާލީ، އޭނާގެ ދޮންތަގެ ހަރަކާތްތައް ހުރި ގޮތުންނެވެ.
"އަވަސްކުރާނެ ދޯ... މަން ނުކުންނަންވާ އިރަށް ސައި ނުހަދައިފިއްޔާ ދެން ދާނީ އެއްވެސް އެއްޗެއް ނުކައި. ކޮންމެ ދުވަހެއްގެ ހާލުމީ... ޝާޔާ ދޭބަލަ މަންއަށް ގޮވަން... ދޮނާ އެބަ އަންނަން ބޭބެ ކޮބައިތޯ ބަލާފަ.. އެއްވަރެއްގެ ތަތް ދެބަފައިން މީ..." ކުދި ކިޔަމުން ޝީން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
ޑްރެސިންގް ޓޭބަލް ކައިރީ ޓައި އަޅަން ހުރި ޒައިކް ފެނުމުން ޝީންގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. ކައިވެންޏަށް 22 އަހަރު ވީއިރުވެސް އަދިވެސް ޒައިކަށް އެކަނި ޓައިއެޅޭ ކަމަކަށް ނުވެއެވެ. ޝީން އައިސް ޒައިކްގެ މަގަތުގައި ހުއްޓިލަމުން އޭނާގެ ކޮނޑުގައި އަތްޖައްސާލިއެވެ. ޒައިކް އެނބުރި ޝީންއާ ދިމާއަށް ބަލާލީ އަނގަ ޗޭކޮށްލަމުންނެވެ.
"އަމިއްލައަށް އެޅޭތޯ މިއުޅެނީ.. ހަމަ އެއްގޮތަކަށްވެސް ހިތްހަމަޖެހޭ ގޮތަކަށް އަޅާކަށް ނޭނގުނު..."
ޓައިގައި ހިފާ ޒައިކް ލައިގެން ހުރި ގަމީހުގެ ގިރުވާން ވަށާލާފައި ގެނެސް ގޮށްޖަހައިދެމުން ޝީން ހިނިތުންވެލިއެވެ. "އަހަރެން އަޅައިދޭ އިރު ތި ގޮއް ކައްޗަށް އިނަސް ޒައިކަށް މައްސަލައަކަށް ނުވާނެ... ދައްކާ ފޮނި ވާހަކަ..."
ޝީންގެ މޫނަށް ކަޅި ޖަހާނުލާ ބަލަން ހުރި ޒައިކް އޭނާގެ އަނބިމީހާ ޓައި އަޅައިދީ ނިމެންދެން ފޫހިކަމެއް ނެތި އެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އެއަށްފަހު ޝީންގެ ނިތްކުރިއަށް ބޮސްދިނެވެ. "އަނބިމީހާ ކަރަށް މަޅިއެއްޖަހާފަ ފޮނުވީމައެއްނު މިހާ ދުވަހު މިހާ ބަސްއަހައިގެން މިއުޅެވެނީ..."
ޒައިކް ސަމާސާކޮށްލުމުން ޝީން ޓައިގެ ވަލަށް ހިފާ ދަމާލިއެވެ. "އެހެންވީއިރު އަދި ތަންކޮޅެއް ދޫކޮށް މިއަދު ޓައި މި އަޅާ ދެވުނީ... ދައްކަ ބާރުކޮށްލާނަން..."
ކުއްލިއަކަށް ކަމެއް ހަނދާންވެގެން ތެޅިގަންނަ ހެން ޝީން ތެޅިގަތީ މޭޒުމަތީ އޮތް ޒައިކްގެ ފޯނު ވައިބްރޭޓްވުމުންނެވެ.
"އަވަސްކޮށްގެން އާދޭ. މަން މިއަދުވެސް ގަޑިޖެހިދާނެ.."
ޝީން އެ ކޮޓަރިން ބޭރަށް ނުކުތް އިރުވެސް މަންޝާއާއި ޝާޔާ އަދި ނާދެއެވެ. އަޑުގެ ނެތްތަނަށް މަންޝާގެ ނަމުން ޝީން ގޮވާލީ ކޮފީ ހަދަން ތަށިތައް މޭޒުމަތީ އަތުރާލަމުންނެވެ.
*** *** *** *** *** ***
"މަންޝާ.... މަންޝާ... ކޮބާތަ އެކުއްޖާ ފުޅު... ބުނެނުލާނެ ބޭރަށް ދާއިރު..."
ތަޒްކިޔާ އުނަގަނޑުގައި އަތް ވިއްދައިގެން ގޭ ދޮރުމަތީ ހުރެ ބޭރު ބަލާލީ ފެންނަ ހިސާބުގައި މަންޝާ ނެތުމުންނެވެ. އެ ކުއްޖާ ނުފެންނަ ހިސާބަކަށް ދާން ތަޒްކިޔާ ނޭދެއެވެ. އެ ކުއްޖާއަށް ކަމެއް ވެދާނެތީ އޭނާ ހުންނަނީ ކަންތައް ބޮޑުވެފައެވެ.
"މަންމާ... ބަހައްޓަބަލަ ތިހާ ވަރުން އުޅެންޏާވެސް ދެން އޭނަ ނާންނަން އުޅޭނީ.. އަޅާ ނުލާ ބަހައްޓަބަލަ ބިރުން އައިސް ގެއަށް ވަންނާނެ.. އެކަނިމާ އެކަނި މަންޝާއަށް ތަނަކަށް ދާކަށް ނުކެރޭނެކަން އެނގެއެއްނު..." ކާ މޭޒު މައްޗަށް އެއްޗެހި އަރުވަން ހުރި މެހެކް ވާހަކަ ދެއްކީ ދޮރުމަތީ ހުރި ތަޒްކިޔާއާ މުހާތަބުކޮށްފައެވެ.
"މާމަ ދަރިން ވީމަ ވާނެ އެހެން... ދަރިންނަށް ވުރެ މާމަ ދަރިންދެކެ ލޯބިވެއޭ ބުނެއެއްނު" އަސާގަނޑު ޖަހައިގެން އައިސް މޭޒުދަށުން ހުސް ގޮނޑިއެއްގައި އިށީންނަމުން ސަކޭރާ ވާހަކަ ދެއްކީ ބަލި ގޮތަކަށެވެ. "ކޮބާތަ ޒިބާން؟... މިހާރު އެއްގޮތަކަށްވެސް ގެއިން ނުފެނޭ... ރޭގަވެސް ގެއަށް ނިދަން ނާންނަ ރެއަކީތަ؟"
ތަޒްކިޔާ ގޭތެރެއަށް ވަދެގެން އައިސް ކާމޭޒު ކައިރިއަށް ހުއްޓުމުން ސަކޭރާ ކުރި ސުވާލާއެކު އޭނާގެ މޫނު މަތި މިލާ މޯޅިވިއެވެ. ބަހެއް ނުބުނެ ހުސް ގޮނޑިއެއް ދަމާލުމަށްފަހު އެ ގޮނޑީގައި އޭނާ އިށީނދެ ހިމޭނުން އިނީ ސަކޭރާ ކުރި ސުވާލަށް ދޭނެ ޖަވާބެއް ނުވިސްނުނީމައެވެ.
"މިގޭގަ ހުރި ހަމައެކަނި ފިރިހެން ކުއްޖާ ވިއްޔަ އެއީ.. ދެން އެ އުޅުން ބަދަލު ކުރަން ވެއްޖެ ދޯ.." ސަކޭރާ ކައިރިއަށް މެހެކްއައިސް ހުއްޓެމުން ބޮޑުދައިތަގެ ކޮނޑުގައި ފިރުމާލީ ޒިބާންގެ އަމަލުތައް ހުންނަ ގޮތުން ސަކޭރާ ވިސްނާ ފިކުރުކުރާވަރު އޭނާއަށް އެނގޭތީއެވެ.
ވައި ރޯޅިއެއްހެން އެމީހުން ގާތަށް މީހަކު އައިސްފިކަން އިހްސާސްވެގެން އެންމެން ކަހަލަ ގޮތަކަށް ފަސް އެނބުރި ބަލާލިއިރު ގޭ ދޮރުމަތީ ހުއްޓިގެން ހުރީ މަންޝާއެވެ. ކުދި ބުޅި އިސްތަށިގަނޑެއް ލިބިފައިވާ މަންޝާ ވައްތަރީ ޒޯއީއާއެވެ. ނަމަވެސް އޭނާއަށް ލިބިފައިވަނީ މެހެކްގެ އޮންނަ ކަހަލަ ބުޅި އިސްތަށިގަނޑެކެވެ.
"މަންމާ... ބަލާބަލަ އަޅުގަނޑުގެ އަތަށް... ފަޔާ ބޯލްސް... ސަޅި ދޯ..."
މަންޝާގެ އަތް ތިލަ މަތީގައި އިން އަލިފާން ގުޅަ ދައްކަމުން އޭނަ މަޑުމަޑުން ކުރިއަށް ޖެހިލީ އޭނާގެ ބާރުން ކުރެވޭ ބައެއް ކަންކަން އެނގުމުން ގޭ މީހުންނަށް ފޮނިކަން ދައްކަމުންނެވެ. އެ މަންޒަރު ފެނި މެހެކްގެ ހިތަށް ތަދުވިއެވެ. އޭނާގެ ދަރިފުޅުގެ ފަރާތުން މިހާރު ފެންނަމުން އެދާ ކަންކަމަކީ އޭނާ ކުޑައިރު އުޅުނު ގޮތެވެ.
ޒޯއީއާއި މެހެކް ކުޑައިރު އާއިލާ މީހުންނަށް ސިއްރުން ބާރުގެ ބޭނުންކުރަން ފެށިއިރު އޭނާވެސް އަލިފާން ބޯޅަ ހަދައިގެން އެއާ ކުޅުނު ހަނދާން ވިއެވެ. ޒޯއީ މަތިން ހަނދާން ވުމުން މެހެކްގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެ އާއިލާއަށް ޒޯއީ ގެއްލިގެން ގޮސްފައިވަނީ މީގެ 22 އަހަރު ކުރިންނެވެ. އެއީ އެމީހުންގެ ދިރިއުޅުމުން މަންޝާވެސް ވަކިވެގެން ދިޔަ ދުވަހެވެ. އެ ދުވަހަށް ފަހު މެހެކް ކައިވެންޏެއް ކޮށްގެން ލިބުނު އަންހެން ދަރިފުޅަށް މަންޝާގެ ނަމުން ނަން ދިނީ ތަޒްކިޔާގެ އެދުމަށެވެ.
ދެ އަތް ދޭތެރޭ ބައިންދައިގެން އަތުގެ އިޝާރާތުން އެ އަލިފާން ބޯޅައާ މަންޝާ ކުޅެމުން ދިޔަ އިރު އެ ބޯޅަ ދިޔައީ ފަހަރެއް ފަހަރެއް ބޮޑުވަމުންނެވެ. އަލިފާން ބޯޅަ ވަށައިގެން އަލިފާން ކަނި ބުރަބުރައިގެން ދިޔައިރު އެ ބޯޅައިން އަޅަމުން ދިޔަ އަލިފާނުގެ ދަޅަ މަންޝާގެ މޫނަށް އެޅިފައި ހުއްޓެވެ. މަންޝާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އޭނާއަށް މިއަދު މޮޅުކަމެއް ދަސްވީމަ އެކަން އާއިލާގެ މެންބަރުންނަށް ދައްކަން އައީ އެފަދަ ވާހަކަތައް ހިއްސާކުރާނެ ރަހްމަތްތެރިއެއް ނެތީމައެވެ. އޭނާ ގެއިން ބޭރަށް ދިއުމަށް ތަޒްކިޔާ ވަނީ މަނާ ކޮށްފައެވެ.
މަންޝާ ހުށިޔާރުވެގެން ހުރި ނަމަވެސް އޭނާގެ ބާރު ކޮންޓްރޯލުން ނެއްޓި އަތުތެރޭގައި އިން އަލިފާން ބޯޅަ ބުރައިގެން ދިއުމުން އޭނާ ދެލޯ ބޮޑުކޮށްލީ އަލިފާން ބޯޅަ ހިފަހައްޓަން ހަދާނެ ގޮތަކާ މެދު ވިސްނާލަމުންނެވެ. ސަކޭރާއާ ދިމާއަށް ބުއްރާސްކަނޑާފައި އެ ބޯޅަ ދިޔަ ތަން ފެނި މަންޝާއަށް ހަޅޭއްލަވައިގަނެވުނެވެ. އެކަމަށް މެހެކްވެސް އިނީ ނުވިސްނައެވެ.
އަލިފާން ބޯޅައައިސް ސަކޭރާގެ ހަށިގަނޑުގައި ނުޖެހެނީސް އެ ބޯޅައިގައި މީހަކު ހިފަހައްޓަމުން މަންޝާގެ ނަމުން ބާރަށް ހަޅޭއްލަވައިގަތެވެ. އެއަޑު ޖެހުމާ އެކީ އެންމެން ސިއްސައިގެން ގޮސް އަޑު އައި ދިމާއަށް ބަލާލީ ޖެހިލުންވެފައި ތިބެއެވެ.
(ނުނިމޭ)
މި ވާހަކައިގެ ފުރަތަމަ ސީޒަން ކޮން ސައިޓަކުން ކިޔަން ލިބޭނީ؟