5 މީހުންނާއެކު ރ. އަތޮޅު އާރަށުން ފުރި ދޯންޏެއް އަޑިއަށް ގޮސްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނި އަޑިއަށް ދިޔަ ނަމަވެސް ދޯނީގައި ތިބި 5 މީހުން ވަނީ ސަލާމަތް ކޮށްފައެވެ.

އަޑިއަށް ދިޔަ ދޯންޏަކީ އާރަށަށް މުދާ ހިފައިގެން ދިޔަ ދޯންޏެވެ. އެ ދޯނި އާރަށަށް މުދާ ހުސްކުރުމަށް ފަހު ރިސޯޓުން ކުނި ބަރުކޮށްގެން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.

ރ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ އާރަށަކީ، އަލިއާ އިންވެސްޓްމަންޓުން މަސައްކަތް ކުރާ ރަށެކެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓު މިރޭ 9:30 ހާއިރު ލިބިފައި ވާކަމަށެވެ.

މިދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެފައި ވާއިރު ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން އައްޑުއަތޮޅު ބޭރުން ދަތުރު ކުރަމުންދިޔަ ބޯޓެއްގައި ކަފުޖަހާފައި އޮތް ޑިންގީއެއް ބަންޑުން ޖަހާލުމާއި އަދި މަސްދޯންޏެއް އަޑިއަށް ގޮސް 9 މީހަކު ކަނޑުވި ހާދިސާއަކާއި ކޫއްޑޫ ސަޕްލައި ދޯނި ގިނަ އަދަދެއްގެ މުދަލާއެކު ތ. ބުރުނީ ކައިރިއަށް އަަޑިއަށް ދިޔަ ހާދިސާއެއް ވަނީ ހިނގާފައެވެ.

މި ދުވަސްވަރު މޫސުން ގޯސްވެ، ކަނޑު ގަދަ ވުމާއެކު ދަރުތު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.