ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް، އެމެރިކާގެ އާންމު ރައްޔިތުން މާސްކު ބޭނުން ކުރުމަށް ގޮވާލާ އަމުރެއް ނުނެރުއްވާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވައުދުވެވަޑައިގެންފިއެވެ.

ޓްރަމްޕް މިފަދަ ރޫހެއްގައި ވާހަކަފުޅު ދައްކަވާފައި މިވަނީ، އެމެރިކާގެ އިންފެކްޝަސް ޑިޒީޒަސް އެކްސްޕާޓް ޑރ އެންތަނީ ފައޫޗީގެ އަމުރަކާ ގުޅިގެންނެވެ. ޑރ ފައޫޗީވަނީ، ވީ އެންމެ ހަރުކަށި އަމުރެއް ނެރެގެންވެސް އާންމުން މާސްކު ބޭނުން ކުރާނެ ގޮތް ހެދުމަށް އެމެރިކާ ސްޓޭޓް އާއި ސަރަހައްދީ ލީޑަރުންނަށް ގޮވާލައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް މާސްކު ބޭނުން ކުރުމުގެ ބަހުސަކީ އެމެރިކާގައި ސިޔާސީ ބަހުސެކެވެ.

ޓްރަމްޕް މީގެ ކުރިން ވަނީ މާށްކު ބޭނުން ކުރެއްވުމަށް އިންކާރު ކުރައްވާފައެވެ. ނަމަވެސް މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު، ހޮސްޕިޓަލަކަށް ކުރެއްވި ޒިޔާރަތެއްގައި ޓްރަމްޕް ވަނީ މާސްކު ބޭނުން ކުރައްވާފައެވެ.

ގައުމީ ފެންވަރުގައި މާސްކު މަޖުބޫރުކުރުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އާންމު ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ މިނިވަން ކަމެއް އޮންނަންޖެހޭނެ ކަމަށެވެ. ކަންމިހެން އޮތް ނަމަވެސް، އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ ގަވަރުނަރުން ގެންދަވަނީ، މާސްކު ބޭނުން ކުރުމަށް އެ ސްޓޭޓްތަކުގެ ރަށްވެހިންނަށް އަންގަވަމުންނެވެ.