މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް ގާނޫނުތައް އިސްލާހު ކުރަން މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވައިލައިފިއެވެ.

އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންނަށް ބާރު ލިބުނު ކަމަށް ވާނީ ރައްޔިތުންނާ ގުޅުން ހުރި ގާނޫނުތައް ބަދަލު ކުރެވި، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރެވުމުން ކަމަށެވެ.

އެގޮތުން އެއްވެ އުޅުމުގެ ހައްގު ހަނިކުރުމާ ދެކޮޅަށް އެ ޕާޓީން އަބަދުވެސް ވަކާލާތުކުރި ކަމަށާއި އެ ހައްގު ހަނިކުރުން އުވާލަން ސަރުކާރު ކޯލިޝަނުން ވެސް ކުރިން އެއްބަސްވެފައި ވާނެ ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓްރީން ނެރުނު އިއުލާނުން ފެނުނީ، އެ ހައްގު ހަނި ކުރެވޭ މަންޒަރު ކަމަށާއި ސަބަބަކީ މަޖިލީހުގެ ޒިންމާ ފުރިހަމަ އަށް އަދާ ނުކުރުން ދިމާވާ ކަމެއް ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.

މިގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން މިދަނީ ގާނޫނުތައް ހެދުމާއި ގާނޫނުތައް އިސްލާހު ކުރުމުގެ ޒިންމާ ހަވާލުކުރެވިފައި ތިއްބެވި ފަރާތްތަކުން ފުރިހަމަ ގޮތުގައި އެ ޒިންމާ އަދާ ނުކުރާތީ
އެމްއާރުއެމް

އެމްއާރްއެމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެއްވެ އުޅުމުގެ ގާނޫނު އޮތްގޮތުން މާލޭގައި ހުއްދަ ހޯދުމެއް ނެތި މުޒާހަރާ ކުރެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައެވެ. އަދި އެއީ ކުރީގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގައި އެކަން ކުރަން ޖާގަ ދީފައި އޮތް މިންވަރެވެ.

އެ އިސްލާހު އުވައިލަން މަޖިލީހަށް ބިލެއް ހުށަހެޅި ނަމަވެސް ބިލުގެ މަސައްކަތް ކުރިއަކަށް ނުގެންދެއެވެ. އެބިލު މަޖިލީހުގައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީ އިރު، މި ސަރުކާރުގެ ސުޕާ މެޖޯރިޓީ އޮތް މަޖިލީހުން، ވެރިކަމާއި ބާރު ލިބުމުންވެސް ހުއްދަ ނުހޯދައި މުޒާހަރާ އާއި އެއްވުންތައް ބޭއްވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން އެއްވެސް މަސައްކަތެއް ނުކުރާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.