ށ. ފުނަދޫ އާއި ބ. އޭދަފުށީގައި ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށް ހުޅުވައިފިއެވެ.

އެ ދެ ރަށުގައި ގާއިމް ކޮށްފައިވާ ކޮވިޑް ފެސިލިޓީ ހުޅުވުމަށް ރޭ އޮންލައިންކޮށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު އަދި ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ޑރ. މޫސާ ހުސައިން ވިދާޅުވީ، ހާލު ސީރިއަސްވާ ހިސާބުން ކޮވިޑްގެ ބަލި މީހުން އެއްތަނުން އަނެއް ތަނަށް އުފުލުމަކީ އުނދަގޫ ކަމެއް ކަމަށާއި އެހެންކަމުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެފަދަ ފެސިލިޓީތަކެއް ގާއިމް ކުރުމަކީ ލިބޭނެ ބޮޑު ކުރި އެރުމެއް ކަމަށެވެ.

އެ ފެސިލިޓީތައް ރަސްމީކޮށް ރޭ ހުޅުއްވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

ފުނުދޫ އާއި އޭދަފުށީގައި ގާއިމް ކޮށްފައިވާ ކޮވިޑް ފެސިލިޓީގައި 20 އައިސީޔޫ ބެޑާއެކު 37 އައިސޮލޭޝަން ބެޑް ހުންނާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަލި ދެނެގަތުމަށް ތަހްލީލްތައް ކުރުމަށްޓަކައި، ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ރާއްޖޭގެ ހަތް ރަށެއްގައި ކޮވިޑަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެހިގެން ގޮސްފައިވާކަން ސަރުކާރުން އިއުލާން ކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހެވެ.

އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން ށ އަތޮޅު ހޮސްޕިޓަލާއި ރ.އުނގޫފާރު ރީޖަނަލް ހޮސްފިޓަލާއި ބ އަތޮޅު ހޮސްޕިޓަލާއި ކުޑަ ދ.ހުވަދޫ ހޮސްޕިޓަލާއި ގއ އަތޮޅު ހޮސްޕިޓަލާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.

އެގޮތަށް ހަމަޖެހުމުން ބަލިމީހުންގެ ސާމްޕަލްތައް އެންމެ ކައިރީގައި ހުންނަ ޓެސްޓް ސެންޓަރއަކަށް ގެންދެވި، ނަތީޖާ ލިބުން އަވަސްވެގެންދާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.