މިއަހަރުގެ މިހާތަނަށް ކުޑަކުދިންނަށް ޖިންސީ އަނިޔާ ކޮށްގެން 158 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭގޮތުން 2017 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ފުލުހުނަށް ލިބިފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، "ސެކްޝުއަލް އެބިއުސް" ނުވަތަ ޖިންސީ ގޯނާގެ މައްސަލަތަކަށް ބަލާއިރު، 2017 ވަނަ އަހަރު، 263 މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށާއި 2018 ވަނަ އަހަރު 250 މައްސަލަ އަކާއި 2019 ވަނަ އަަހަރު، 256 މައްސަލައެއްގެ އިތުރުން މި އަހަރުގެ މިހާތަނަށް 158 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަތަކާ ގުޅިގެން ވިކްޓިމްގެ ގޮތުގައި 2017 ވަނަ އަހަރު، 306 ކުޑަކުއްޖަކާއި 2018 ވަނަ އަހަރު 298 ކުއްޖަކާއި 2019 ވަނަ އަހަރު 291 ކުއްޖަކު ހިމެނޭއިރު މި އަހަރުގެ މިހާތަނަށް 141 ކުއްޖަކަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
2017 ވަނަ އަހަރު، "ފިޒިކަލް އެބިއުސް"ގެ ގޮތުގައި 171 މައްސަލައެއް ފުލުހަށް ހުށަހެޅި ތަހުހީގު ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކަކީ މިހާރުވެސް ތަހުގީގު ހިނގަމުންދާ މައްސަލަތައް ކަމަށް ފުލުހުން ބުނެއެވެ. 2018 ވަނަ އަހަރު 100 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި 2019 ވަނަ އަހަރު 99 މައްސަލައެއ ހުށަހަޅާފައިވާއިރު މި އަހަރުގެ މިހާތަނަށް 48 މައްސަލަ އެއް ވަނީ ހުށަހަޅާފައެވެ.
އިހުމާލުގެ ގޮތިގައި 2017 ވަނަ އަހަރު، 63 މައްސަލަ އެއް ހުށަހަޅާފައި ވާއިރު، 2018 ވަނަ އަހަރު 57 މައްސަލަ އަކާއި 2019 ވަނަ އަހަރު 62 މައްސަލައެއް ހުށަހަޅާފައިވެއެވެ. މި އަހަރުގެ މިހާތަނަށް 37 މައްސަލައެއް އިހުމާލުގެ ގޮތުގައި ހުށަހަޅާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޖިންސީ ފުރައްސާރައިގެ ގޮތުގައި މި އަހަރު ފަސް މައްސަލައެއް ހުށަހަޅާފައި ވާއިރު، "ބްލެކްމެއިލް"ގެ ގޮތުގައި 2019 ވަނަ އަހަރު 10 ކުއްޖެއްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި މި އަހަރުގެ މިހާތަނަށް ބްލެކްމެއިލްގެ ގޮތުގައި 12 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފުލުހުން ބުނީ ކޮންމެ އަހަރެއްގެ އަދުތައް އަޅާކިޔާލުމުން އެއް އަހަރުން އަނެއް އަހަރަށް އަދަދުތައް އިތުރުވަމުން އަންނަ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ހިނގާފައިވާނަމަ ނުވަތަ ހިނގާކަން އެނގޭނަމަ ވީ އެންމެ އަވަހަކަށް ރިޕޯޓް ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.