ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްސަލަތައް ބޭރުކޮށްލި ކްރިމިނަލް ކޯޓްގެ ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ބެލުމަށް ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިިފިއެވެ.
ޖޭއެސްސީން ބުނީ މިއަދު ބޭއްވި އެ ކޮމިޝަންގެ 50 ވަނަ ބައްދަލްވުމުގައި ގާޒީ އިސްމާއީލް ރަޝީދުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށާއި އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ މައްސަލާގައި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަޑާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލައެއް ކަމަށެވެ.
އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް ކުރަން ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ނިންމަވާފައިވަނީ އިއްޔެއެވެ. އެ ނިންމެވުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ބެލުމަށް ޖޭއެސްސީއަށް ހުށައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ކޯޓުން ވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒްގެ މައްޗަށް އެ މައްސަލައިގައި ބޮޑެތި ތުހުމަތުތެކެއް ވަނީ ކޮށްފައެވެ. އަދި އަދީބުގެ މައްޗަށް ކޮށްފައިވާ ހަތް ދައުވާ ބާތިލްކުރުމާއެކު އަދީބު ވަނީ އިއްޔެ މިނިވަންވެފައެވެ. އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތްއިރު ކުރިން ބަންދުގައި ހުރީ ކުރިމިނަލް ކޯޓުގައި އޮތް ދައުވާތަކާ ގުޅިގެންނެވެ. ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑްރިން ފަދަ ބޮޑެތި ދައުވާތަކެވެ. އަދީބު މިނިވަން ވުމާއެކު ވަނީ އަދީބަށް ފުރާވަޑައިގަތުން މަނާކޮށް އޭނާގެ ޕާސްޕޯޓު ހިފަހައްޓަށް ކޯޓު އަމުރެއް ވެސް ނެރެފައެވެ.
އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ގާޒީ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ. މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދަށް ފާޑު ވިދާޅުވަމުން ޝަމީމް ވިދާޅުވެފައި ވަނީ އަދި އިއްޔެގެ ނިންމުން އައީ އަދީބު ހުށަހެޅުއްވި ހުށަހެޅުއްވުމެއްގެ މައްޗަށް ނޫން ކަމަށާއި އެއީ ފަނޑިޔާރު އަމިއްލައަށް ހޯއްދެވި މައުލޫމާތުތަކެއްގެ މައްޗަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. ކްރިމިނަލް ކޯޓުން މައްސަލަތައް ބޭރުކޮށްލި ނަމަވެސް އަދީބުގެ މައްސަލާގައި ކުރިއަށްދާނެ ކަމަށް ވެސް ޝަމީމް ވިދާޅުވެފައި ވެއެވެ.