ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެގެން، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 29429 ކޭސް ރެކޯޑް ކޮށްފައިވާކަމަށް އަވަށްޓެރި އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިއީ އިންޑިއާއިން ކޮވިޑް-19 ފެނުނު ފަހުން އެއް ދުވަހާ އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓްކުރި ފަހަރެވެ.

އިންޑިއާއިންވަނީ މިވަގުތުގެ ތެރޭގައި، ކޮވިޑް-19 ޖެހިގެން 582 ޕޭޝަންޓަކު މަރުވި ކަމަށްވެސް ރެކޯޑް ކޮށްފައެވެ.

ޖީއެމްޓީ ގަޑިން ރޭ މެންދަމު 00:00 ގެ ފަހުން މިވަގުތާ ހިސާބަށް އެކަނިވެސް 357 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިވަގުތުގެ ތެރޭގައި 12 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 937844 އަށް އަރާފައިވާއިރު، މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑް ކޮށްފައިވަނީ 320339 މީހުންނެވެ. މީގެ ތެރެއިން 8944 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ޚަބަރު ލިބެއެވެ. ކޮވިޑް-19 ޖެހި، އިންޑިއާއިން މަރުވި މީހުންގެ ޖުމުލަ އަދަދު 24327 އަށް އަރައެވެ.

ކޮވިޑް-19ގެ ކޭސްތައް ރެކޯޑް މިންވަރަކަށް އިތުރުވަމުންދާއިރު، އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި މިހާރު ވަނީ ދެވަނަ ފަހަރަށް ލޮކްޑައުންގެ އަމުރު އިއުލާން ކޮށްފައެވެ.