ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅާފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ބާތިލްކޮށް ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލަން ގާޒީ އިސްމާއީލް ރަޝީދު އިއްޔެ ހުކުމް ކުރުމާ ގުޅިގެންނެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި މައްސަލާގައި ވަނީ، އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި އަދީބަށް އުފުލާފައިވާ ދައުވާތައް ބާތިލްކޮށްފައި ވަނީ ގާނޫނުތަކާއި ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ ދައުވާ އުފުލޭ މީހަކު ފަހުން އެ ދައުވާއަށް އިންކާރު ކުރިޔަސް ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް ދައުލަތަށް ފުރުސަތު ދޭން ވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި ނަމަވެސް އެ ފުރުސަތު ވެސް ދީފައިނުވާ ކަމަށެވެ. އަދި އަދީބުގެ މައްސަލަ ކޯޓުން ބޭރުކޮށް ގާޒީ ރަޝީދު ހުކުމް ކޮށްފައި ވަނީ އަދީބުގެ އިއުތިރާފުގެ އިތުރުން ދައުވާ ސާބިތުވާނެ ކިތާބީ ހެކިތައް ވެސް ހުއްޓާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެހެންކަމުން ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ މަޖިލީހުގެ ފަރާތުން ޖޭއެސްސީއިން ބެލުމަށް ހުށަހެޅުމަށް ގޮވާލައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ވިދާލުވެފައި ވަނީ ގާޒީ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ. މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދަށް ފާޑު ވިދާޅުވަމުން ޝަމީމް ވިދާޅުވެފައި ވަނީ އަދި އިއްޔެގެ ނިންމުން އައީ އަދީބު ހުށަހެޅުއްވި ހުށަހެޅުއްވުމެއްގެ މައްޗަށް ނޫން ކަމަށާއި އެއީ ފަނޑިޔާރު އަމިއްލައަށް ހޯއްދެވި މައުލޫމާތުތަކެއްގެ މައްޗަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. ކްރިމިނަލް ކޯޓުން މައްސަލަތައް ބޭރުކޮށްލި ނަމަވެސް އަދީބުގެ މައްސަލާގައި ކުރިއަށްދާނެ ކަމަށް ވެސް ޝަމީމް ވިދާޅުވެފައި ވެއެވެ.