މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ދަރިމައިވާ ރޭޓު، ހައިރާން ކުރަނިވި މިންވަރަކަށް ދަށްވަމުން އަންނަ ކަމަށާ، އަލަށް އުފަންވާ ކުދިންގެ އަދަދު ދަށްވުމުގެ ސަބަބުން ކުރިމަތިވާ ހާލަތްތަކަށް އަދުގެ މުޖުތަމައުތައް އޮތީ ފުރިހަމަ އަށް ތައްޔާރުވެފައި ނޫން ކަމުގެ އިންޒާރު، ދިރާސާ ކުރާ ފަރާތްތަކުން ދީފިއެވެ.

ފާޓިލިޓީ ރޭޓް ނުވަތަ ދަރިމައިވާ ރޭޓު ދަށްވަމުން ދިއުމުގެ މާނައަކީ، މި ގަރުނު ނިމޭއިރު ހުރިހާ ގައުމެއްގެ ހެން، އާބާދީ ކުޑަވެގެން ދިއުމެވެ.

މަންމަގެ ބަނޑަށް 155 ވަނަ ދުވަހު އުފަންވި ކީލީއާއި ކެމްބްރީ އެވޯލްޑްޓްގެ އެއްމާބަނޑު 2 ބެއިން (މ) އެ ކުދިންގެ ދައްތައާއި ބޭބެއާއިއެކު/ފޮޓޯ: ގިނިސް ވާލްޑް ރެކޯޑްސް

ސްޕެއިންއާއި ޖަޕާން ހިމެނޭ ގޮތުން، 23 ގައުމެއްގެ އާބާދީ، 2100 ވަނަ އަހަރު އޮންނާނީ 2 ބައިކުޅަ 1 ބައި މަދުވެފައި ކަމަށްވެސް ދިރާސާއިން ދައްކައެވެ. މިއާއެކު ގައުމުތަކުގެ އާބާދީ މުސްކުޅިވެގެންދާނެ ކަމަށްވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެގޮތުން އަލަށް އުފަންވާ ކުދިންނާ އެއްވަރަށް، 80ގެ އަހަރުތަކަށް އަޅައިގެން އަންނަ މީހުންގެ އަދަދުވެސް އިތުރުވަމުންދާނެ ކަން ފާހަގަކުރަންޖެހެއެވެ.

މިވަނީ ކިހިނެއް؟

ދަރިމައިވާ ރޭޓު ނުވަތަ ފާޓިލިޓީ ރޭޓަކީ، އަންހެނަކު އެވަރޭޖުކޮށް ވިހާ ދަރިންގެ އަދަދެވެ. ދަށްވަނީ މި އަދަދެވެ. މި އަދަދު، 2.1 އަށްވުރެ ދަށަށް ހިނގައްޖެނަމަ، އެ ގައުމެއްގެ އާބާދީ ކުޑަވާން ފަށާނެއެވެ.

1950ގައި އަންހެނަކު، އޭނާ ދަރިމައިވާ އުމުރުގައި އެވަރޭޖުކޮށް 4.7 ދަރިން ވިހައެވެ.

ޕްރީ ސްކޫލް ދަރިވަރުން / ފޮޓޯ: ކިންޑާ ޕްރީސްކޫލް

ޔުނިވާސިޓީ އޮފް ވޮޝިންގްޓަންގެ އިންސްޓިޓިއުޓް ފޮ ހެލްތް މެޓްރިކްސް އެންޑް އިވަލުއޭޝަންގެ އިސްވެ ބަޔާންކޮށްފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ އިތުރު ކަމަކަށް ބަލާއިރު، 2017 ވަނަ އަހަރު، މުޅި ދުނިޔޭގެ ނިސްބަތުން ފާޓިލިޓީ ރޭޓް ވަނީ 2 ބައިކުޅަ 1 ބަޔަށް (2.4) އަށް ދަށަށް ގޮސްފައެވެ. ދަ ލޭންސެޓްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ބުނާ ގޮތުގައި، 2100 ވަނަ އަހަރު އަންނައިރު، މިއަދަދު އުޅޭނެ ކަމަށް ލަފާ ކުރަނީ 1.7ގައެވެ.

ދިރާސާ އެކުލަވާލި ފަރާތުން ލަފާ ކުރާ ގޮތުގައި، 2064 ވަނަ އަހަރު ދުނިޔޭގެ އާބާދީ 9.7 ބިލިއަނަށް އެރުމަށް ފަހު، މި ގަރުނު ނިމޭއިރު، ދުނިޔޭގެ އާބާދީ 8.8 ބިލިއަނަށް ދަށަށް ދާނެއެވެ.

ސޫރިޔާގެ ފަރުދީ ނޫސްވެރިޔާ ވާދް އަލް ކަތޯއިބު (ވ) އޭނާގެ ދަރިފުޅު ސަމާއާއިއެކު/ފޮޓޯ: އާޓްނިއުސްޕްރެސް

މި މަޝްރޫއުގައި އިސްކޮށް ހަރަކާތްތެރިވި ރިސާޗް ޕްރޮފެސަރެއް ކަމަށްވާ ކްރިސްޓަފާ މަރީ ފާހަގަކުރި ގޮތުގައި، މިއީ "ވަރަށް ބޮޑު" ކަމެކެވެ. އޭނާ ސިފަކުރި ގޮތުގައި ދުނިޔޭގެ އާބާދީ މިސްރާބު ޖަހާފައިވަނީ އާބާދީ މަދުވުމާ ދިމާލަށެވެ. މިއީ ތަސައްވުރެވެސް ކޮށްލަން ދަތި، ބޮޑު ކަމެއް ކަމަށާ، މިއީ މުޖުތަމައުތައް އަލުން "އޯގަނައިޒް" ކުރަން ޖައްސަނިވި ކަމެއް ކަން އޭނާ ފާހަގަކުރެއެވެ.

ދަރިމައިވާ ރޭޓު ދަށްވަނީ ކީއްވެ؟

މިއީ އެއްވެސް ހާލެއްގައި ފިރިހެނާ ދަރިފަނީގެ ރޭޓާ، ކޮލިޓީއާއި ގުޅިފައި އޮތް ކަމެއް ނޫނެވެ. ނުވިތާކަށް، ދަރިމައިވުމާ ގުޅިގެން އާންމުކޮށް ހިޔާލަށް އަންނަ ކަންކަމާވެސް ގުޅިފައިވާ ކަމެއް ނޫނެވެ.

ދަރިމައިވާ ރޭޓު ދަށްވުން ގުޅެނީ އަންހެނުންގެ ދިރިއުޅުމަށް އަންނަމުންދާ ބަދަލުތަކާއެވެ. ތައުލީމު ހާސިލު ކުރަމުންދާ އަންހެނުންގެ އަދަދު އިތުރުވުމާއެވެ. ވަޒީފާތަކަށްދާ އަންހެނުންގެ އަދަދު އިތުރުވުމާއެވެ. ހަމަ މިއާއެކު، އާއިލާ ރޭވުމުގެ ކަންކަމުގައި އަންހެނުންނަށް އޮތް ފުރުސަތުތައް ތަނަސްވެފައިވާ ވުމާއެވެ.

ޑިގްރީ ކިޔަވާ ނިންމާފައިވާ ދަރިވަރެއް ތޮފި އަތުން ހިފަހައްޓައިގެން ހުރި މަންޒަރެއް

އެއް ގޮތަށް ވުރެ ގިނަ ގޮތުން ވިސްނާމަ، ދަރިމައިވުމުގެ ރޭޓް ދަށްވުމަކީ ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި އަންހެނުންނަށް ދެއްކެން އޮތް ކާމިޔާބީ ލާމަސީލު ވާހަކައެކެވެ.

ނަމަވެސް ދިރާސާގައިވަނީ ކަންބޮޑުވާންޖެހޭ ވަރުގެ އިންޒާރެއް ދީފައެވެ. އެގޮތުން 195 ގައުމުގެ ތެރެއިން، 183 ގައުމެއްގެ ފާޓިލިޓީ ރޭޓް ދަށްވަމުން ގޮސް، އިޔާދަ ނުކުރެވޭ ދަރަޖައަށް ކަންކަން ހިނގައިދާނެ ކަމަށް އޮތީ ލަފާކޮށްފައެވެ.

މައްސަލައަކީ ކޮބާ؟

ފާޓިލިޓީ ރޭޓް ދަށްވުމަކީ ތިމާވެށީގެ ނަޒަރަކުން ބަލާއިރު ފައިދާ ހުރި ކަމެއް ކަމުގައި ހީކުރާ ބަޔަކުވެސް އުޅެދާނެއެވެ. ނަމަވެސް ޕްރެފަސާ މަރީ ފާހަގަކުރާ ގޮތުގައި، އާބާދީއެއްގެ އުމުރުފުރާތައް ބެހިގެންދާ ގޮތަށް ބަލާއިރު، މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

ކޮވިޑް-19ގެ ލޮކްޑައުންގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދޮށީ އުމުރުގެ އާއިލާ މެމްބަރުންނާ ވާހަކަ ދެއްކުން ބުއްދިވެރި/ފޮޓޯ: ލިވްއަބައުޓް

ދިރާސާއިން އަންދާޒާ ކުރާ ގޮތުގައި، އުމުރުން 5 އަހަރުން ދަށުގެ ކުދިންގެ އަދަދު 681 މިލިއަން (2017) އިން 401 މިލިއަން (2100) އަށް ދަށަށް ދާނެއެވެ. އަދި އުމުރުން 80 އަހަރުން މަތީގެ މީހުންގެ އާބާދީ، 141 މިލިއަން (2017) އިން 866 މިލިއަން (2100) އަށް އިތުރުވެގެންދާނެއެވެ.

މިފަދަ އާބާދީއެއްގައި ޓެކްސް ދައްކާނީ ކާކު ހެއްޔެވެ؟ ސިއްހީ ހިދުމަތްތަކާ އެނޫންވެސް އެފަދަ ކަންކަމަށް ހަރަދުކޮށް، ތަރައްގީގެ މަސައްކަތުގައި އުޅޭނީ ކޮން ބައެއް ހެއްޔެވެ؟ ދޮށީ އުމުރުގެ މީހުން ބަލަން ތިބޭނީ ވަކި ކޮން ބައެއް ހެއްޔެވެ؟ ދުވަހަކުވެސް މަސައްކަތުން 'ރިޓާޔާ' ވެ، މުސްކުޅި ދުވަހުގެ އަރާމު ހާސިލު ކުރެވިދާނެ ބާއެވެ؟

ހައްލެއް އެބައޮތް؟

އާބާދީގެ އުމުރު ފުރާއަށް އަންނަ ނޭދެވޭ ބަދަލުތައް ހައްލު ކުރުމަށް ގައުމުތަކުން މިވަގުތު ބަރޯސާވަނީ ހިޖުރަވެރިންނަށެވެ. ނަމަވެސް މުޅި ދުނިޔޭގެ އާބާދީ ކުޑަވާން ފަށައިފިނަމަ ހިޖުރަ ކުރާނީވެސް ވަކި ކާކު ހެއްޔެވެ؟

މިމައްސަލައަށް ދުރުވިސްނޭ ހައްލެއް ހޯދުމަށް ބައެއް ގައުމުތަކުން ވަނީ ދަރިމައިވުމާ ގުޅުންހުރި ކަންކަމަށް ބޮޑެތި ލުއިތަކެއް ދޭން ފަށާފައެވެ. އެގޮތުން ވިހައިގެންދޭ ޗުއްޓީ އިތުރު ކުރުމާ، ބައްޕައަށް ލިބޭ ޗުއްޓީ އިތުރު ކުރުމާ، ކުޑަކުދިންނަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ދައުލަތުން ހަމަޖައްސާ ދިނުން ފަދަ އެތައް ހިދުމަތެއް ހިމެނެއެވެ.

ސޫރިޔާއިން ތުރުކީވިލާތަށް ހިޖުރަކުރި ރެފިއުޖީ މަންމައަކު އޭނާގެ ދަރިފުޅު އުރާލައިގެން/ފޮޓޯ: މިޑްލްއީސްޓްއައި

ނަމަވެސް، ތައުލީމު ހާސިލު ކުރުމާ، ވަޒީފާގެ މައިދާނުގައި އަންހެނުން ހޯދަމުންދާ ކުރިއެރުންތަކަށް ހުރަސް ނޭޅޭނެ ގޮތަކަށް މިމައްސަލައަށް ހައްލު ހޯދުމަށް ދިރާސާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.