ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ އަދުގެ ހާލަތަށް ބަލާއިރު، މިއަދު އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސްތަކާ މަރުގެ ކޭސްތައް ރެކޯޑް ކުރި ގައުމަކީ އިންޑިއާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޖީއެމްޓީ ގަޑިން ރޭ މެންދަމު 00:00 އިން ފެށިގެން މިހާތަނަށް ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އިންޑިއާއިން ވަނީ މި ވަގުތުގެ ތެރޭގައި 25805 ޕޮޒިޓިވް ކޭސް ރިޕޯޓްކޮށްފައެވެ. އިންޑިއާއަށް ފަހު މިއަދު ދެން އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކުރީ އެމެރިކާއިންނެވެ. އެމެރިކާއިން މިއަދު 9907 ކޭސް ރިޕޯޓް ކޮށްފައިވާއިރު، ދެން އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކޮށްފައިވަނީ 62248 ކޭސް ރެކޯޑް ކުރި ރަޝިއާއިންނެވެ. މެކްސިކޯއިން 4685 ކޭސް ރެކޯޑް ކޮށްފައިވާއިރު، ބަންގްލަދޭޝްއިން ވަނީ 3163 ކޭސް ރެކޯޑް ކޮށްފައެވެ.
މަރުގެ ކޭސްތައް މިއަދު އެންމެ ގިނަ ކަމަށް ތަފާސް ހިސާބުތައް ބުނަނީ އިންޑިއާ ކަމަށެވެ. އިންޑިއާއިން މިއަދު 554 މީހަކު މަރުވި ކަމަށް ރެކޯޑް ކޮށްފައިވެއެވެ. މިއަދު އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސްތައް ރިޕޯޓް ކުރި އިތުރު ގައުމުތަކުގެ ތެރޭގައި މެކްސިކޯ (485)، އީރާން (179) އެމެރިކާ (177) އަދި ރަޝިއާ (175) ހިމެނެއެވެ.
މިވަގުތު އެކްޓިވް ކޭސްތައް އެންމެ ގިނައީ، ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 3.4 މިލިއަނަށް ވުރެ މައްޗަށް އަރާފައިވާ އެމެރިކާގައެވެ. އެމެރިކާގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 1.8 މިލިއަނަށް ވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައިވެއެވެ.
ކޮވިޑް-19ގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފަށާފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު އަނެއްކާވެސް ވަނީ ލޮކްޑައުންނަށް ގެންގޮސްފައެވެ. ކޮވިޑް-19 ޖައްސާ ވައިރަހާއެކު ދިރިއުޅެން ދަސްކުރަންޖެހިފައި ވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ކުއްލި ނުރައްކާތަކާ ބެހޭ އިސް އޮފިޝަލު، ޑރ މައިކް ރާޔަންވެސް ވަނީ ވިދާޅުވެފައެވެ.