ސުޕްރީމް ކޯޓުން ހުއްދަ ދިން ތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެމެރިކާގައި 17 އަހަރަށް ފަހު ފުރަތަމަ ފަހަރަށް، ފެޑެރަލް ގައިދީއެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފިއެވެ.

އެމެރިކާއިން މިއަދު މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ ގާތިލް، ޑެނިއަލް ލުވިސް ލީގެ މައްޗަށެވެ.

އެމެރިކާއިން މަރުގެ ހުކުމް އިއްވާފައިވާ ގައިދީންތަކެއް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން އެކޯޓުން ވަނީ ބައެއް ކޭސްތައް ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައެވެ.

ފެޑަރަލް ޖަލުތަކުގައި މަރުގެ ހުކުމް އިއްވާފައިވާ ގައިދީންގެ މައްޗަށް އެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުނ އިއުލާން ކުރީ ހުސްވި އަހަރުއެވެ.

ލީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ ލީތަލް އިންޖެކްޝަން ޖަހައިގެންނެވެ.

ލީގެ ޝިކާރައަކަށްވި މީހުންގެ އާއިލާގެ ބައެއް މެމްބަރުން ވަނީ ހުކުމް ތަންފީޒު ނުކުރުމަށް ގޮވާލާފައެވެ. ބައެއް މެމްބަރުން ގޮވާލީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ހުށަހެޅުމުގެ ނުރައްކާ އޮތުމުން، މަރުގެ ހުކުމް ތަންފީޒު ކުރާ ތަނަށް ދިއުމަށް އުޒުރުވެރިވާތީ، ހުކުމް ތަންފީޒު ކުރުން ލަސްކޮށްދިނުމަށެވެ.

އުމުރުން 81 އަހަރުގެ އާލީން ޕީޓާސަން ވަނީ، އުމުރުން 47 އަހަރުގެ ލީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ބަދަލުގައި އުމުރު ދުވަސް ޖަލުގައި ބައިންދަން އެދޭ ކަމަށް ބުނެފައެވެ. އާލީންގެ އަންހެން ދަރިފުޅާ، މާމަ ދަރިފުޅުގެ އިތުރުން ދަރިފުޅާ ކައިވެނިކޮށްގެން އުޅުނު ފިރިހެން މީހާ މަރާލާފައިވަނީ ލީއެވެ.

ލީގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީވެސް މި އާއިލާގެ މަރުގެ މައްސަލާގައެވެ. މި އަމަލު ހިންގާފައިވަނީ 1996 ވަނަ އަހަރުއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު 1988 ވަނަ އަހަރާ 2018 ވަނަ އަހަރާ ދެމެދު ފެޑެރަލް މައްސަލަތަކުގައި އެމެރިކާގައި 78 މީހެއްގެ މައްޗަށް މަރުގެ ހުކުމް ވަނީ އިއްވާފައެވެ. ނަމަވެސް މީގެ ތެރެއިން މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ އެންމެ 3 މީހުންގެ މައްޗަށެވެ. އެމެރިކާގެ ފެޑެރަލް ޖަލުތަކުގައި މަރުގެ ހުކުމް އިއްވާ، ތަންފީޒު ކުރަން ޖެހިފައި ތިބި 62 ގައިދީއަކު އެބަތިއްބެވެ.

އެމެރިކާގެ ޝަރުއީ އޮނިގަނޑު ރާވާފައި އޮންނަ ގޮތުން ފެޑެރަލް މައްސަލަތަކަކީ ގައުމީ ފެންވަރުގައި ބަލާ މައްސަލަތަކެވެ.