ރައްޔިތުންގެ މަޖިލީހުން ދީނީ އިލްމުވެރިންގެ އަބުރު ކަތިލުން ހުއްޓާލަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވީ، ޑރ. މުހައްމަދު އިޔާޒަކީ ފިގުހީ ބައެއް ކަންކަމުގައާއި ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް ޑރ. އިޔާޒް އަންހެނުންނަށް ޖިންސީ ގޯނާކުރުމަށް ބާރުއަޅުއްވައި ވާހަކަ ނުދައްކަވާނެކަމުގެ ޔަގީންކަން އޮތް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ދީނީ އިލްމުވެރިންގެ އަބުރު ކަތިލުން ހުއްޓާލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަަމައެއާއެކު އީވާ ޓެގް ކުރައްވާ ޝަހީމް ވިދާޅުވީ، އަންހެނުން އެމީހުންގެ އިއްފަތުގެ ދިފާއުގައި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މާލޭ މަގުމަތީ މުޒާހަރާ ކުރަން ފަށަފައިވާ ކަމަށާއި، ނޫސްވެރިންނާއި، ދޭސީންނާއި ބިދޭސީން ވެސް މުޒާހަރާ ކުރާއިރު ސަރުކާރުގެ ވެރިން މާގިރީގައި ތިއްބެވި ކަމަށެވެ.

"މަޖިލިސް ޕާޓީ ހަރުގެއަށް ހަދައިގެން "ބޭގަރާރު" ތައް ހުށަހަޅައިގެން ވަގުތު ދުއްވާލުމުގަ. ޒިންމާ އުފުލައި ފުރަތަމަ ކަމަކަށް "ރޭޕުފުޅަށް" އިންސާފު ހޯއްދަވާ ދެއްވަބާ!"
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ ހަރުގެއަކަށް ހަދައިގެން ވަގުތު ދުއްވާލަނީ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. ސަރުކާރުގެ ވެރިން ޒިންމާ އުފުލަން ޖެހިވަޑައިގަންނަވާ ކަމަށާއި ފުރަތަމަ ކަމަކަށް ރޭޕްގެ މައްސަލައަށް (ސަފާރީ ހާދިސާ) އިންސާފް ހޯދައި ދެއްވުމަށް ޑރ. ޝަހީމް ގޮވާލެއްވިއެވެ.

ޝަހީމް މިހެން ވިދާޅުވެފައި ވަނީ މިއަދު މަޖިލީހުގައި ކުރި ބަހުސްގައި އީވާ ޑރ. އީޔާޒަށް ފާޑުވިދާޅުވުމުންނެވެ. މިއަދު މަޖިލީހުގައި ޖިންސީ ކުށުގެ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް ދީނުގެ ނަމުގައި އަންހެނުންނަށް ފުރައްސާރަ ކުރައްވާ ކަމަށާއި އެކަން ހުއްޓަވާލެއްވުމަށް ގޮވާލައްވާފައި ވެއެވެ.

ޑރ އިޔާޒްގެ ޓްވީޓެއްގައި އަންހެން މީހާ އައުރަ ނިވާވުމުން ޖިންސީ އަނިޔާ ނުހިނގާނެ ކަމަށާއި ފާހިޝް ކަންކަމަށް މަގުފަހިވާ ދޮރުތައް ބަންދުކުރުމަށް އަންހެނުންގެ ހެދުން ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައި ވާތީ އެކަމަށް ރައްދު ދެއްވާ އީވާ ވިދާޅުވެފައި ވަނީ އެފަދަ އަމަލުތަކަކީ "މުޑުދާރު" ވާހަކައެއް ކަމަށެވެ. އެއީ އިސްލާމް ދީނުގެ އަސްލު ދަންނަ މީހުންވެސް ލަދު ގަންނަން ޖެހޭ "ހުތުރު" އަމަލެއް ކަމަށް އީވާ ވިދާޅުވެފައި ވެއެވެ.