މާލޭގައި 17 އަހަރުގެ ކުއްޖަކަށް އަނިޔާކޮށް ބިރު ދައްކައިގެން ޖިންސީ ފުރައްސާރަ ކޮށްފިއެވެ.

ފުލުހުން ބުނީ، މާލޭގައި 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކޮށް ބިރު ދައްކައިގެން ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ހުށަހަޅާފައިވާ ކަަމަށެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.

އަދި މިހާތަނަށް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަ ތަކެކެވެ. އެހެންކަމުން ކުއްޖާގެ މައުލޫމާތު ހާމަ ނުކުރާނެ ކަމާށާއި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރާނެ ކަމަށް ފުލުހުން ބުނެއެވެ. މިފަދަ ހާދިސާތައް ހިނގާ ރަށާއި އަތޮޅު ހާމަ ނުކުރަނީ ވެސް އެހެންވެއެވެ.

ކުޑަކުދިންނާ ބެހޭ ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވަމުން އަންނަ އަދަދު މިވަނީ އަނެއްކާވެސް އިތުރުވެފައެވެ. އަދި އެފަދަ ކަންކަމާ ދެކޮޅަށް މީހުން ދަނީ އަޑުއުފުލަމުންނެވެ. ވޮއިސް އޮފް މޯލްޑިވްސްގެ އިސްނެގުމުގެ މަތިން މި މުޒާހަރާތައް ދަނީ ސިލްސިލާކޮށް ބާއްވަމުންނެވެ. މި މުޒާހަރާތަކުގައި ބައިވެރިން ވަނީ އެ ބައިވެރިންނާ ދިމާވި ބައެއް ހާދިސާތައް ހިއްސާ ކޮށްފައެވެ.