ޗައިނާއަށް ކުރަމުންދާ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު ނުވަތަ ވީނުވީ އެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު 140 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޗައިނާގެ 33 ކޯރެއްގެ ފެންގަނޑު ވަނީ، ތާރީހު ނުދެކޭ ދަރަޖައަކަށް އުފުލިފައި ކަމަށް ޗައިނާގެ ފެނުގެ ވަސީލަތްތަކާ ބެހޭ ނައިބު ވަޒީރު ޔީ ޖިއާޗޫން ވަނީ ވިދާޅުވެފައެވެ.

ޔީ ވިދާޅުވީ، ޖޫން މަހާއެކު ޗައިނާގައި ފެންބޮޑުވުމުގެ މޫސުން ފެށިފައިވާއިރު، އިންޒާރުގެ ފާހަގައަށްވުރެ މައްޗަށް 433 ކޯރެއްގެ ފެންގަނޑު އުފުލިފައިވާކަމަށެވެ.

ޗައިނާއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައަކީ 1961 ވަނަ އަހަރު ރެކޯޑްތައް ބަލަހައްޓަން ފެށިފަހުން އެންމެ ގަދައަށް ކުރި ވިއްސާރަ ކަމަށްވެސް ޚަބަރު ލިބެއެވެ.

ޗައިނާގެ އިގުތިސޯދާ ބެހޭ ވުޒާރާއިން ޚަބަރު ދޭ ގޮތުގައި މި ވިއްސާރައިގެ އިގުތިސޯދީ ގެއްލުމުގެ އަގު، 8.57 ބިލިއަން ޑޮލަރަށް އަރާނެއެވެ.