އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓަޑާ ސައުތްހެމްޓަން ކުޅުނު މެޗު 2-2 އަކުން އެއްވަރުވުމުން ތާވާލުގެ ގަދަ ހަތަރަށް އެރުމަށް ލިބުނު ފުރުސަތު ޔުނައިޓަޑަށް ގެއްލިއްޖެއެވެ.

ރޭގެ މެޗުގެ 12 ވަނަ މިނެޓްގައި ލަނޑު ޖަހާ ލީޑު ނެގީ ސައުތްހެމްޓަންއިން ނެވެ. އެޓީމަށް ލަނޑު ޖަހާދިނީ ސުޓުއަޓް އާމްސްޓްރޯންގެވެ.

ޔުނައިޓަޑުން މޮޅު ކުޅުމެއް ދައްކާ ތިން މިނެޓްގެ ތެރޭގައި ދެ ލަނޑު ޖަހާ 2-1 އެއްގެ ލީޑެއް ނެގިއެވެ. އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދިނީ އެންތޮނީ މާޝިއަލް ނަގާ ދިން ހުރަހަކުން އިނގިރޭސި ފޯވަޑް މާކަސް ރަޝްފޮޑެވެ. އަދި ދެވަނަ ލަނޑު ޖެހީ މާޝިއަލް އެވެ.

ރަޝްފޮޑާ މާޝިއަލް ވަނީ ރޭގެ މެޗުގައި ލަނޑު ޖަހާފައި

މެޗުގައި 73 މިނެޓް ވަންދެން ސްކޯ މިގޮތަށް އޮތް ނަމަވެސް މެޗުގައި 90 މިނެޓް ހަމަވެ އިތުރަށް ލިބުނު ވަގުތުގެ ފަހު މިނެޓްގައި ސައުތްހެމްޓަން ވަނީ ލަނޑެއް ޖަހާ 2-2 އަކަށް ސްކޯ ހަދާފައެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ދެވަނަ ހާފްގައި ކުޅެން ނިކުތް މައިކަލް އޮބަފާމީއެވެ.

މި ހަފްތާގެ މެޗުތަކުން ޔުނައިޑާ އެންމެ ގާތުގައި އޮތް ޗެލްސީ ވެސް އަދި ލެސްޓާ ވެސް ބަލިވުމުން ތާވާލުގެ ގަދަ ހަތަރަކަށް އެރުމަށް ޔުނައިޓަޑަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ރޭގެ މެޗުން އެއްވަރުވުމުން އެ ފުރުސަތު އަނެއްކާވެސް މިވަނީ ގެއްލިފައެވެ. ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ޔުނައިޓަޑް އޮތީ ތާވާލުގެ 5 ވަނައިގައެވެ. ސީޒަންގައި ބާކީ ދެން އޮތީ ތިން މެޗެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔުނައިޓެޑްގެ ކޯޗު އޮލެގުނަ ޝޮލްސްކިޔާ ބުނީ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އަދި ނުގެއްލޭ ކަމަށާ އޭނާގެ ޓީމަށް އިތުބާރު ކުރާ ކަމަށެވެ. ބާކީ އޮތް ތިން މެޗުން މޮޅުވެގެން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ޔުނައިޓެޑަށް ކޮލިފައިވާނެ އިރު އެޓީމުގެ އެންމެ ފަހު މެޗު ކުޅެން އޮތީ ތާވާލުގެ ހަތަރު ވަނައިގައި އޮތް ލެސްޓާއާއެވެ.