މިހާރު ދައްކަމުންދާ މަޝްހޫރު ޓީވީ ޑްރާމާ ސީރީޒް "ކަސޯޓީ ޒިންދަގީ ކޭ" ގެ ރީބޫޓުގައި އަނޫރާގު ރޯލުން ފެނިގެންދާ ޕާރްތު ސަމްތާންވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.

އަމީތާބާ އަބީޝޭކް ބައްޗަން އެކޭ އެއްފަދައިން ޕާރްތު ސަމްތާންވެސް، އޭނާ ކޮވިޑް-19އަށް ޕޮޒިޓިވްވިކަން ހާމަ ކުރީ ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ޕާރްތު ސަމްތާން ވަނީ ފާއިތުވީ ދުވަސްތަކުގައި އޭނާއާ ގާތުގައި އުޅެފައިވާ ފަރާތްތަކުން ކޮވިޑް-19އަށް ޓެސްޓު ކުރުމަށް އެދިފައެވެ.

ޕާރްތު ސަމްތާން ބުނީ އޭނާގެ ހަށިގަނޑުންވެސް ބަލީގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ފެންނަން ފެށި ކަމަށާ، ކޮވިޑް-19އަށް ޓެސްޓު ކުރީ އެހާ ހިސާބުން ކަމަށެވެ. ކަންމިހެން އޮތްއިރު ބޮލީވުޑް ބަތޮލް އަނޫޕަމް ކޭރް ވަނީ އަލާމާތްތައް ފެނުމުން އަޅާނުލާ ދޫކޮށް ނުލުމަށް އޭނާގެ ފޭނުންގެ ކިބައިން އެދިފައެވެ. އަނޫޕަމް ކޭރްގެ އާއިލާގެ ބައެއް މެމްބަރުންވެސް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އުމުރުން 29 އަހަރުގެ ބަތޮލް، ޕާރްތް ސަމްތާން ބުނި ގޮތުގައި އޭނާ މިވަގުތު ހުރީ ސެލްފް-ކަރަންޓީނުގައެވެ. އަދި މުމްބާއީގެ މަދަނީ ކަންކަމާ ބެހޭ އިދާރާ (ބީއެމްސީ)އާއި ގުޅަމުންދާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އިންޑިއާގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް 3 މަހެއްހާ ދުވަސް ވަންދެން ޝޫޓިންގް މެދުކަނޑަލާފައި އޮތުމަށްފަހު، އެކްތާ ކަޕޫރުގެ "ކަސޯޓީ"ގެ ޝޫޓިންގް ފެށީ ޖޫން މަހުގެ ފަހުކޮޅުގައެވެ.

އެކްތާގެ ޕްރޮޑަކްޝަން ހައުސްއިންވެސް ވަނީ "ކަސޯޓީ ޒިންދަގީ ކޭ"ގެ ސްޓާރެއް ކޮވިޑް-19އަށް ޕޮޒިޓިވްވިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެއީ ކޮން ތަރިއެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ފާއިތުވީ 24 ގަޑިއިރަށް ބަލާއިރު އިންޑިއާގެ މުނިފޫހިފިލުވުމުގެ ސިނާއަތަށް މަޝްހޫރު ތަރިންތަކެއް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.