"ޖާގައެއް ނެތް"ގެ ނަމުގައި ޖިންސީ ގޯނާއާ ދެކޮޅަށް ވެލާނާގޭ ކުރިމަތީގައި މުޒާހަރާކޮށްފިއެވެ.

ވެލަނާގެ ކުރިމަތީގައި މުޒާހަރާ ކުރަން ފެށުމާއެކު ފުލުހުން ވަނީ އެކަމަށް ފުރުސަތު ނުދީ، މުޒާހަރާގެ ބައިވެރިން ހޮޓެލް ޖެން ކައިރިއަށް ފަހަތައް ޖައްސާލާފައެވެ. ނަމަވެސް ފަހުން ފުލުހުން ކޮންމެވެސް ވަރަކަށް ދޫ ދިނުމުން މުޒާހަރާގެ ބައިވެރިން ވަނީ ވެލާނާގެ ކައިރިއަށް ކުރިއަށް ޖެހި އަޑު އުފުލާފައެވެ.

މި މުޒާހަރާގައި ބައިވެރިން ގޮވާލާފައި ވަނީ، އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ކުށްވެރިން އިންސަފުގެ ކުރިމައްޗަށް ގެނެސް އިންސާފު ގައިމް ކުރުމަށް އަދި އަނިޔާވެރިކަމުގެ ބިރުން އަންހެނުން ރައްކާތެރި ކުރުމަށް ނިޒާމު އިސްލާހު ކުރުމަށެވެ. އަދި، އިސްމަގާމުތަކުގައި ތިބި ކުށްވެރިން ވަކި ކުރުމަށާއި، ބާރުވެރި ކުށްވެރިން ހާމަކޮށް އިންސާފުގެ ކުރިމަތީގައި އަނިޔާވެރިން އެއް ހަމަ ކުރުމަސް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

އަދި ޖިންސީ އަނިޔާ ރިޕޯޓް ކުރާ މީޑިއާތަކަސް ނުފޫޒު ފޯރުވުން ހުއްޓާލުމަށާއި، ވަޒީފާގެ މާހައުލުތައް އަންހެނުންނަށް ރައްކާތެރި ތަންތަނަސް ހެދުމަށާއި ފުރައްސާރަ މައްސަލަތައް ބަލާ ކޮމިޓީތައް މިނިވަން ކުރުމަސް ވެސް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، އަނިޔާ ލިބޭ ފަރާްތތަކުގެ ވާހަކަ ގަބޫލުކޮށް ނިޒާމުގެ ތެރެއިން އިތުރު އަނިޔާ ނުދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލިއެވެ.

އަނިޔާ ދިނުމުގެ "ޖާގައެއް ނެތް" ކަމަށް ބުނެ ކުރި މި މުޒާހަރާގައި ވައިސް އޮފް ޗިލްޑްރަން ޖަމްއިއްޔާ އިން ވެސް ވަނީ ބައިވެރިވެފައެވެ. ވައިސް އޮފް ޗިލްޑްރަން އަކީ ޖިންސީ ގޯނާ އަދި ރޭޕާ ދެކޮޅަށް މަލޭގައި ސިލްސިލާކޮށް މުޒާހަރާތައް ބާއްވަމުން އައްނަ ޖަމްއިއްޔާއެކެވެ.