އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ވެސްޓްހޭމްއާ ނޯވިޗް ބައްދަލުކުރި މެޗުން 4-0 އަކުން ނޯވިޗް ބަލިވެ ލީގުން ރެލިގޭޓްވެއްޖެއެވެ.

އަންނަ ސީޒަންގެ ޕްރިމިއާ ލީގުން ނޯވިޗަށް ޖާގަ ގެއްލިފައިމިވަނީ މިސީޒަންގައި ބާކީ އަދި ތިން މެޗު ކުޅެން އޮއްވައެވެ.

ނޯވިޗަކީ މިސީޒަންގައި އެންމެ ފުރަތަމަ ރެލިގޭޓްވި ޓީމުވެސް މެއެވެ.

މިދިޔަ ސީޒަންގައި ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ނޯވިޗް ވަނީ ޖެހިޖެހިގެން ހަތް މެޗުން ބަލިވެފައެވެ. އަދި މިއާއެކު ރެލިގޭޝަނުން ސަލާމަތްވާން އެޓީމަށް 13 ޕޮއިންޓް ބޭނުންވާ އިރު ބާކީ އޮތް ތިން މެޗުން މޮޅުވެގެން ވެސް ހޯދޭނީ ނުވަ ޕޮއިންޓެވެ. ސީޒަން ފެށި އިރު ތަފާތު އަދި ހިތް ގައިމު ކުޅުމެއް ދައްކަމުން ދިޔަ ނޯވިޗް އަށް ސީޒަން އަލުން ފެށި ފަހުން މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ހާއްސަ ގޮތެއްގައި ލިބޭ ފުރުސަތުތައް ގޯލަށް ހެދުމުގައި އެޓީމުން ނާކާމިޔާބުވެފައިވުމުގެ ނަތީޖާއަކީ ސީޒަންގައި މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން 17 މެޗުގައި ނޯވިޗަށް އެއްވެސް ލަނޑެއް ނުޖެހުމެވެ.

މިރޭގެ މެޗުން މޮޅުވެ ވެސްޓްހޭމް މިވަނީ ރެލިގޭޝަން ޒޯނާ ހަ ޕޮއިންޓް ދުރަށް ޖެހިލާފައެވެ. ނޯވިޗް ކޮޅަށް އެޓީމުން ޖެހި ހަތަރު ލަނޑު ވެސް ވެސްޓްހޭމްއަށް ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ހުނަރުވެރި ފޯވަޑް މިކެލް އެންޓޯނިއޯއެވެ.

މިރޭގެ މެޗުގައި ވެސްޓްހޭމުން ޖެހި ހުރިހާ ލަނޑެއް ވެސް ޖެހީ އެންޓޯނިއޯ

އެންޓޯނިއޯ ވަނީ ފުރަތަމަ ހާފްގައި ދެ ލަނޑު އަދި ފަހު ހާފްގައި ދެ ލަނޑު ޖަހާ ޑޭވިޑް މޮޔޭސް ކޯޗު ކަމާ ހަވާލުވީ ފަހުން އެހެން ޓީމެއްގެ ދަނޑުގައި ކުޅެ ފުރަތަމަ ފަހަރަށް ވެސްޓްހޭމް މޮޅުކޮށްދީފައެވެ.

އަންނަ ސީޒަންގެ ލީގުން ވެސްޓްހޭމްއަށް ޖާގައެއް އަދި ވެސް މުޅިން ކަށަވަރު ނުވާ އިރު ދެން ބާކީ އޮތް ތިން މެޗުގެ ތެރެއިން ދެ މެޗު ކުޅެން ޖެހެނީ ތާވާލުގައި އެޓީމަށް ވުރެ ދަށުގައި މިހާރު އޮތް އެސްޓަން ވިލާއާ ވޮޓްފަޑާ ދެކޮޅަށެވެ.