ރައްޔިތުން މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރާޅުގަނޑު ސަރަހައްދުގައި ހުއްޓިވަޑައިގެން ހުންނެވި ފޮޓޯއަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފާޑު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް، ރައީސް ނަޝީދުގެ ފޮޓޯ އަކާ އެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު ވިސްނައި ވަޑައިގަންނަވަމުން ގެންދަވަނީ ސިނަމާލެ ބްރިޖް އެޅުނީ ކިހިނެއް ކަމާއި ބްރިޖް އެޅުމަށް ފަނޑު ހޯދީ ކިހިނެއް ކަމާމެދު ކަމަށެވެ. އަދި އެ ބްރިޖްގެ އިންޖިނޭރިން ހަދާފައި ވަނީ ހާދަ މޮޅު މީހެއް ކަމަށާއި އެކަން ކުރެއްވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލެވުން އެއީ ރަނގަޅަށް ކުރެއްވުނު ކަމެއް ބާއޭ ހިތްޕުޅަށް އަރާވަޑައިގަންނަވަމުން ދާ ކަހަލައެވެ. އަދި އެ ބުރިޖަކީ ހާދަ ރީތި ބްރިޖެކޭވެސް ރައީސް ނަޝީދުގެ ހިތްޕުޅަށް އަރާވަޑައިގަންވަމުން ދާނެ ކަމަށް ޑރ. ޝަހީމްގެ ޓްވީޓްގައި ވެއެވެ.
ޑރ. ޝަހީމް ޓްވީޓް ކުރެއްވި ފޮޓޯގައި، ރައީސް ނަޝީދު ހުއްޓިވަޑައިގެން ހުންނަވަނީ ވަރަށް އާދައިގެ ގޮތަކަށް، ސޯޓުކޮޅަކާއި ޓީޝާޓުކޮޅެއް ތުރު ކުރައްވައިގެންނެވެ. ރާޅުގަނޑު ސަރަހައްދުގައި، ރައީސް ޔާމީންގެ ސަރުކާރުގައި އަޅާފައިވާ ބްރިޖާ ދިމާލަށް ބަލަހައްޓަވައިގެނެވެ.
ޑރ.ޝަހީމް މިފަދައިން ޓްވީޓް ކުރައްވާފައި ވާއިރު، ބްރިޖް އެޅުމުގެ ވާހަކަ ފުރަތަމަ ދެކެވިގެން އައި ދުވަސްވަރު ރައީސް ނަޝީދު ވަނީ އެއީ ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެއީ ބުއްދި ގަބޫލު ނުކުރެވޭ ކަމެއް ކަމަށާއި ރައީސް ޔާމީން އުޅުއްވަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުއްވަން ކަމަށާއި އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަ ށްވެސް ރައީސް ނަޝީދު އޭރު ވިދާޅުވެފައި ވެއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން، އެމަނިކުފާނުގެ މައްޗަށް ފަސް އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. ނަމަވެސް މުއްދަތު ހަމަވި އިރުވެސް އެ ފައިސާ ދައްކާފަި ނުވާތީ، ދައުލަތުން މިހާރު ވަނީ އެ ފައިސާ ހޯދުމަށް ކޯޓަށް ދާން ތައްޔާރު ވެފައެވެ.