ހާލުގައި ޖެހިފައިވާ ސޫރިޔާގެ ހުޅަނގު އުތުރުގެ ސަރަހައްދަށް ތުރުކިވިލާތް ހުރަސްކޮށް އެހީ ފޯރުކޮށްދިނުމަށް ދީފައިވާ ހުއްދައިގެ މުއްދަތު، 1 އަހަރު ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ގަރާރަށް ޗައިނާއާއި ރަޝިއާއިން ހުރަސް އަޅައިފިއެވެ.

ޙަލަބްއާއި އިދްލީބުގައި ހާލުގައި ޖެހިފައިވާ އެތައް މިލިއަން ބަޔަކަށް ބޭނުންވާ ކާބޯތަކެއްޗާ އެނޫންވެސް އިތުރު އެހީތައް މިހާ ހިސާބަށް ފޯރުކޮށްދެމުން ދިޔައީ މައިގަނޑު 2 ސަރަހައްދަކުންނެވެ.

މި އެއްބަސްވުމުގެ މުއްދަތު ހުކުރު ދުވަހުގެ ނިޔަލަށް އޮތީ ހަމަވެފައެވެ.

ތުރުކިވިލާތް ހުރަސްކޮށް އެހީ ގެންދެވޭނެ އިންތިޒާމު އަދި 1 އަހަރަށް އިތުރު ކުރުމަށް ފުރުސަތު ތަނަވަސްކޮށްދޭ ގަރާރު އެކުލަވާލީ ބެލްޖިއަމްއާއި ޖަރުމަނުވިލާތުންނެވެ.

ރަޝިއާއިން ވަކާލާތު ކުރަމުންދަނީ 1 ސަރަހައްދަކުން އެހީގެ ތަކެތި ގެންދިއުމަށެވެ. އަދި އެ ސަރަހައްދަކީ ރަޝިއާއިން ތާއީދު ކުރަމުންދާ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ރޫޓު ކަމަށްވެއެވެ.

ނަމަވެސް އަސަދުގެ ސަރުކާރުން އެހީއަށް ހުރަސް އަޅާ ވާހަކައެއް ނޫނެވެ. އިދިކޮޅު ފަރާތްތަކަށް އެހީ ނުފޯރާނެ ގޮތްތައް އަސަދުގެ ސަރުކާރުން ކަށަވަރު ކުރާ ކަމަށް މުރާސިލުން ބުނެއެވެ.

މިހާރުން މިހާރަށް މާލީ އެހީތެރިކަން ހަމަ ނުޖެހިއްޖެނަމަ އިންތިހާ ބަނޑުހައިހޫނުކަމުގެ ތެރެއަށް ސޫރިޔާ ވެއްޓި، އެއް ފަހަރާ ގިނަ އަދަދެއްގެ ބަޔަކު ސޫރިޔާ ދޫކޮށް ނިކުންނަން ހިފާލާނެ ކަމުގެ އިންޒާރު، ކާބޯތަކެއްޗާ ބެހޭ ބައިނަލްއަގުވާމީ މަޝްރޫއު (ޑަބްލިއުއެފްޕީ) އިން ހުސްވި މަހު ވަނީ ދީފައެވެ.