ސިންގަޕޫރުގައި އިއްޔެ ކުރިއަށް ގެންދިޔަ އެ ގައުމުގެ އާންމު އިންތިހާބުގެ ވޯޓުގައި، މިހާރުވެސް ވެރިކަން ކުރަމުން އަންނަ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އިން ކުރި ހޯދައިފިއެވެ.
ނަމަވެސް ރަސްމީ ނަތީޖާތައް ދައްކާ ގޮތުން، ޕީއޭޕީއަށް ލިބިފައިވަނީ ކުރިއާ އަޅާ ބަލާއިރު ހަނި މެޖޯރިޓީއެއް ކަން ފާހަގަ ކުރަން ޖެހެއެވެ.
1965 ވަނަ އަހަރުން ފަށަފައިގެން ސިންގަޕޫރުގައި ވެރިކަން ކުރަމުން އަންނަ ޕީއޭޕީއިންވަނީ، ގާނޫނު ހަދާ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 83 ގޮނޑި ކަށަވަރު ކޮށްފައެވެ. އެއީ ވޯޓުލީ މީހުންގެ 61.2 ޕަސެންޓެވެ. 2015 ވަނަ އަހަރުގެ އިންތިހާބުގައި ޕީއޭޕީއިން އަގުލަބިއްޔަތު ނެގީ 70 ޕަސެންޓް ތާއީދާ އެކުގައެވެ.
އިދިކޮޅު ވޯކާޒް ޕާޓީއަށް 10 ގޮނޑި ކަށަވަރުވީއިރު، މިއީ އެ ޕާޓީއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ. މިއާއެކު އެޕާޓީގެ މެމްބަރުންވެސް ދަނީ މަގުތަކަށް ނިކުމެ އުފާފާޅުކުރުންތައް ބާއްވަމުންނެވެ.
ސިންގަޕޫރުގައި އިއްޔެ ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގެ ވޯޓުލުން މައިގަނޑު ގޮތެއްގައި ސިފަވެގެން ދިޔައީ، ސަރުކާރު ދެމި އޮތުމަށް ނެގި ފެންނަ/ނުފެންނަ ވޯޓެއްގެ ގޮތުގައި ކަމަށް ބުނެވެއެވެ.
ހުކުރު ދުވަހުގެ އިންތިހާބުން ލިބުނު ކާމިޔާބީއާއެކު ބޮޑުވަޒީރު ލީ ސިއޭން ލޫންގަށް ވެރިކަމުގެ އިތުރު ދައުރެއް ކަށަވަރުވީއެވެ. ސިންގަޕޫރުގެ ބާނީ އަދި ޒަމާންތަކެއް ވަންދެން އެގައުމުގައި ވެރިކަން ކުރި ލީ ކުއާން ޔިއުގެ ދަރިކަލުން ލީ ސިއޭން ލޫންގް ގެންދަވަނީ 2004 ވަނަ އަހަރުން ފަށައިގެން ބޮޑުވަޒީރު ކަމުގެ މަގާމު ފުރުއްވަމުންނެވެ. ނަމަވެސް ކުރިއަށް ދައުރަކީ އޭނާގެ ފަހު ދައުރު ކަމަށް ލީ ސިއޭން ލޫންގް ވަނީ އިޝާރާތް ކުރައްވާފައެވެ.
މަޖިލިސް އިންތިހާބުގައި 3 ބައިކުޅަ 2 ބައިގެ އަގުލަބިއްޔަތު ކަށަވަރުވުމާއެކު، ބިލްތައް ފާސްކޮށް ހެދުމަށް ލީ ސިއޭން ލޫންގަށް މާ ބޮޑު މަސައްކަތެއް ކުރައްވާކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް، ލީ ސިއޭން ލޫންގަށް ސިންގަޕޫރުގައި އޮންނަ ތާއީދު ދަށްވަމުންދާ ދިއުމަކީ ޕީއޭޕީއިން މިއަދު ކަންބޮޑުވާ އެއް މައްސަލައެވެ. މިއާއެކު އެ ޕާޓީއިން ދަނީ ލީޑާޝިޕުގެ ކުރިއަށް ނެރޭނެ އާ ޝަހްސެއް ހޯދުމަށް އަތްފުނާ އަޅަމުންނެވެ.