ޖުމްހޫރީ ޕާޓީ "ޖޭޕީ" ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް، ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަންގަވައިފިއެވެ.

ޖޭޕީގެ އިސް އޮފިޝަލަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕާޓީގެ ރައީސްގެ މަގާމުގައި މިވަގުރު ހުންނެވި އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ޖޭޕީގެ ލީޑަރު ގާސިމް މިއަދު އަންގަވާފައިވާ ކަމަށެވެ.

ޖޭޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް އަންގާފައި މިވަނީ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނަވައި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ ޓޫރިޒަމް މިނިސްޓަރުކަމުން އަލީ ވަހީދު ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އަލީ ވަހީދާ ބެހޭ ގޮތުން ދާދި ފަހުން ވަނީ ސޯޝަލްމީޑިއާގައި ވެސް ގިނަ ތުހުމަތުތަކެއް ކުރެވިގެން ގޮސްފައެވެ. އޭނާ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޯނުން ގުޅުއްވާ ބޭއަދަބީ ވާހަކަ ދައްކަވާފައިވާ އެތައް އޯޑިއޯއެއް ވަނީ ލީކްވެގެން ގޮސްފައެވެ. އެކަމާ ގުޅިގެން އޭރު ޖުމުހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ އަލީ ވަހީދު ކަމަށް ބުނާ މީހެއްގެ އޯޑިއޯތަކެއް ލީކުވަމުން ދިއުމާ ގުޅިގެން ގޮތް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ.