މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

އިސްލާމި މިނިސްޓްރީން މިގޮތަށް ނިންމީ، ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަޑު ޖައްސާލައިފައި އޮތުމަށް ފަހު ޖަމާއަތުގައި ނަމާދު ކުރަން ހުއްދަދީ ދެމުން ގެންދިޔަ ލުއިތަކާއެކުއެވެ.

ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދިން ނަމަވެސް މިދިޔަ ހަފްތާގެ ހުކުރު މިސްކިތުގައި ކުރާކަށް ހުއްދައެއް ނުދެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މިދިޔަ މާޗް 18 އިން ފެށިގެން މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް ޖުލައި 1، 2020 ވަނަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން ވަނީ މިސްކިތްތަކުގައި ޖަމާއަތް ހަދަން ފަށާފައެވެ. ޖަމާއަތް ހެދުމަށް ހުއްދަ ދިނީ ޖަމާއަތަށް ދާ މީހުންނާއި އިމާމުން ސަމާލުކަންދޭން ޖެހޭ ކަންތައްތަކާވެސް އެކުއެވެ.

އިމާމުން ސަމާލުވާންވީ ކަންކަމުގެ ތެރޭގައި ބަންގިއަށް ފަހު ފަސް މިނެޓް ތެރޭގައި ގަމަތްދީ ނަމާދު ފެށުމާއި އެއްވެސް ނަމާދެއް ހަތް މިނެޓަށްވުރެ ދިގު ނުކުރުމާއި ހުރިހާ ނަމާދެއްގައި ވެސް ސޫރަތުލް ފާތިހާ ފިޔަވައި ޟުހާ ސޫރަތުން ތިރީގެ ސޫރަތްތައް ކިޔެވުން ހިމެނެއެވެ.

ޖަމާއަތަށް ދާ މީހުން ސަމާލުކަންދޭން ޖެހޭ ކަންތައްތައް އިސްލާމިކް މިނިސްޓްރީން ބުނީ ގެއިން ވުޟޫކޮށްގެން ދިޔުމަށާއި، މުސައްލަ ގެންދިޔުމާއި، އެމީހެއްގެ މުސައްލަމަތީ ނޫނީ ނަމާދު ނުކުރުމަށެވެ. އަދި މާސްކް އެޅުމާއި، މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެެއްޓުމާއި ބަލި މީހުން މިސްކިތަށް ނުދިއުމުގެ އިތުރުން ނަމާދު ނިމުމުން މިސްކިތުގައި މަޑު ނުކުރުމާއި މިސްކިތުގެ ހަތިމްތައް ބޭނުން ނުކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.