ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ނުވަތަ ވެކްސިނެއް ނުހޯދިއްޖެނަމަ، 2021 ވަނަ އަހަރުގެ ފިނިމޫސުމާ ކުރިމަތިލާއިރު އިންޑިއާއިން ދުވާލެއްގެ މައްޗަށް 2.87 ލައްކަ މީހުނަށް މި ބަލިޖެހެމުންދާނެ ކަމަށް މެސަޝޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ދިރާސާ ޓީމަކުން ލަފާކޮށްފިއެވެ.

ހާޒިރު ރަހްމަންދާދް، ޓީވައި ލިމް އަދި ޖޯން ސްޓާމަން ކުރިއަށް ގެންދިޔަ ދިރާސާ ބުނާ ގޮތުގައި، ވެކްސިނެއް އަދި ވަކި ފަރުވާ ނުހޯދިއްޖެނަމަ 2021 ވަނަ އަހަރުގެ ބަހާރު މޫސުން އަންނައިރު މުޅި ދުނިޔެއިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު 249 މިލިއަނަށް އަރާނެއެވެ. އަދި 1.8 މިލިއަން މީހުން މަރުވާނެ ކަމަށްވެސް މި ދިރާސާގައި ލަފާކޮށްފައިވެއެވެ.

މި ދިރާސާ ބުނާ ގޮތުގައި 2021 ވަނަ އަހަރުގެ ފިނި މޫސުން އަންނައިރު ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު ވެފައި އޮންނާނީ އިންޑިއާގައެވެ. އެއަށްފަހު ދުވާލެއްގެ މައްޗަށް 95000 ކޭސް ފެންނާނެ ކަމަށް ލަފާކުރާ އެމެރިކާއެވެ. ދެން 21000 ފެންނާނެ ކަމަށް ލަފާކުރާ ދެކުނު އެފްރިކާއެވެ. އެއަށްފަހު ދުވާލެއްގެ މައްޗަށް 17000 ކޭސް ފެންނާނެ ކަމަށް ލަފާކުރާ އީރާން، އަދި 13000 ކޭސް ފެންނާނެ ކަމަށް ލަފާކުރާ އިންޑޮނޭޝިއާއެވެ.

އެމްއައިޓީގެ ޓީމުން މި ދިރާސާ އެކުލަވާލާފައިވަނީ ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާނެ މިންވަރު ވަޒަން ކުރުމަށް 84 ގައުމަކުން ބޭނުން ކުރާ ސަސެޕްޓިބަލް، އެކްސްޕޯޑް، އިންފެކްޝަސް، ރިކަވާޑް މޮޑެލްއަށް ބަލައިގެންނެވެ.