އިދިކޮޅު ހަނގުރާމަވެރިންގެ އަތް ދަށުގައި އޮތް ސޫރިޔާގެ އިދްލީބު ޕްރޮވިންސްގެ ކޮންޓްރޯލް ނެގުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހަނގުރާމައިގެ ޖަރީމާތަކާ، ލާއިންސާނީ އަނިޔާ ދިނުމުގެ އަމަލުތައް ހިންގާފައިވާކަމަށް އދއިން ހިންގި ތަހުގީގު ބުނެފިއެވެ.

އދގެ އިންޑިޕެންޑެންޓް އިންޓަނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީ އޮން ސީރިއާއިން ބުނީ، ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް އެއްބާރުލުން ދޭ އަސްކަރިއްޔާގެ ބާރުތަކުން އިދްލީބުގެ ކޮންޓްރޯލް ނެގުމަށް 2019 ވަނަ އަހަރުގެ ފަހުކޮޅު ހިންގަން ފެށި އޮޕަރޭޝަންގައި، ހިޔާލަށްވެސް ގެންނަން ދަތި ދަރަޖައަކަށް އަނިޔާ ދީފައިވާކަމަށެވެ.

ކޮމިޝަންގެ ޗެއާމަން ޕޯލޯ ޕިނޭރޯ ވިދާޅުވީ، ސްކޫލްގައި ތިއްބާ ދަރިވަރުންނަށް ހަމަލާ ދީފައިވާކަމަށާ، ބާޒާރުތަކުގައި ތިއްބާ މައިންބަފައިންނަށް ހަމަލާ ދީފައިވާކަމަށާ، ހޮސްޕިޓަލުގައި ތިބި ބަލި މީހުންނަށްވެސް ހަމަލާ ދީފައިވާކަމަށެވެ. މީގެ އިތުރުން ސަލާމަތް ހޯދަން ދުވަމުން ދިޔަ އާއިލާތަކަށް ހަމަލާދީ އާއިލާތައް އެކީ އެކައްޗަކަށް ނެތިކޮށްލި އަމަލުތައްވެސް ހިންގާފައިވާކަމަށް ޕިނޭރޯ ވިދާޅުވިއެވެ.

ސޫރިޔާގެ އިދްލީބް ޕްރޮވިންސްގައި އައިސިސްގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ދިރިއުޅެމުންދިޔަ ގެ ރެއިޑްކޮށް ބިމާ ހަމަކޮށްފައި/ފޮޓޯ: ޕާތްނައު

ހަޔާތު ތަހްރީރު އަލް-ޝާމް ގުރޫޕުގެ ކޮންޓްރޯލްގެ ދަށުގައި އޮތް އިދްލީބު ޕްރޮވިންސް އަތުލުމަށް އަސަދުގެ އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަން ފެށީ ރަޝިއާގެ އެއްބާރުލުމާއެކު، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އދއިން ބުނާ ގޮތުގައި މި އޮޕަރޭޝަންގެ ސަބަބުން 1 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު އާންމު ރައްޔިތުންގެ 500 އެއްހާ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

އދގެ ކޮމިޝަނުން އެކުލަވާޅި 29 ސޮފުހާގެ ރިޕޯޓަކީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ޖޫން 1 ވަނަ ދުވަހުގެ ނިޔަލަށް ސޫރިޔާގެ މަސްރަހުން އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ޕިނޭރޯ ވިދާޅުވާ ގޮތުގައި އިދްލީބުގެ ރަށްވެހިން ތިބީ ފިތިފައެވެ. ހުރިހާ ފަރާތަކުންވެސް އެ ރައްޔިތުން ލިބެމުންދަނީ އަނިޔާއެވެ. އދގެ ތަހުގީގު ޓީމުން ބުނާ ގޮތުގައި އިދްލީބުގައި ހަނގުރާމަ ކުރަމުންދާ ހުރިހާ ފަރާތުން 52 ހަމަލާއެއް ދީފައިވާއިރު މި ހަމަލާތަކުގައި އާންމު ރައްޔިތުން މަރުވިއެވެ. އަދި އާންމުންގެ މުދަލަށް ގެއްލުންވިއެވެ.

ސޫރިޔާގެ ހުޅަނގު އުތުރު އިދްލީބު ޕްރޮވިންސް ހިމެނޭ ސަރަހައްދު/ފޮޓޯ: އޭޕީ

ކޮމިޝަން މެމްބަރު ހޭނީ މެގާލީ ވިދާޅުވީ ހަނގުރާމައިގެ ޖަރީމާ ހިންގާފައިވަނީ އަސަދުގެ އަސްކަރިއްޔާއާއި ރަޝިއާގެ ވައިގެ އަސްކަރިއްޔާއިންނެވެ. ޕިނޭރޯ ވިދާޅުވީ، މި ދަރަޖައަށް ހަމަލާ ދިނުމަށް ހުއްދަ ދޭންވީ އެއްވެސް ސަބަބެއް ފަހުމް ނުވާކަމަށެވެ.

2011 ވަނަ އަހަރު ސުލްހަވެރި އެއްވުންތަކެއްގެ ގޮތުގައި ކިޔަވާ ކުދިންތަކެއް ފެށި ހަރަކާތް، ސިޔާސީ މުޒާހަރާއަކަށް ބަދަލުވެ، ދާހިލީ ހަނގުރާމައިގެ ކުލަ ޖެހި، އެއަށްފަހު، ދުނިޔެ ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތުގެ ކިއްލާއަކަށް ސޫރިޔާ ބަދަލުވެ، އެ ޖަމާއަތުގެ ބާރު ކެނޑިގެން ދިޔައިރުވެސް ސޫރިޔާގެ ހަނގުރާމައަށް ނިމުން އައިސްދާނެ ކަމުގެ އަލިމަގެއް އަދި ނުފެނެއެވެ.