އަންހެނުންނަށް ކުރާ އަނިޔާއާ މެދު ފާޑުކިޔުމަކީ ލިބޭ އުފަލެއް ކަމަށް ރައްޔިތުން މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އަންހެނުންނަށް ކުރާ ގޯނާ ހުއްޓުވުމަށް އެމްޑީޕީއަށް ވުރެ ބޮޑަށް އެދޭނެ އެއްވެސް ބައެއް، މި ދިވެހިރާއްޖޭގައި ނުތިބޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފާޑު ކިޔުމަކީ ލިބޭ އުފަލެއް ކަމަށާއި ފާޑުކިއުމުގެ ފުރުސަތު މި ވަނީ ހުޅުވާލާފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ 1990 ގެ އަހަރުތަކުގައި ހިނގާފައިވާ ކަމަކަށް އަލިއަޅުއްވާ ލައްވާފައެވެ. އެ ގޮތުން އިސްކަންދަރު ސްކޫލުގައި ހިނގި ކަމެއް ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ އެއީ 1990 ވަނަ އަހަރު ހިނިގި ކަމެއް ކަމަށެވެ. އެތަނުގައި ހިނގި ހާދިސާ ކިޔައިދިން މީހާ ގެންގޮސް ކުޑަ ގޮޅީގައި ބާއްވާ އޭނާއަށް ކުރި އަނިޔާ އެމަނިކުފާނުގެ ދެލޯފުޅުން ދެކެވަޑައިގަތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިހާރު 90 ގެ އަހަރުތަކާއި 2000 ގެ އަހަރުތައް ނިމި ގޮސްފައިވާ ކަމަށާއި އަންހެނުންނަށް ކުރާ އަނިޔާއާއި ކުޑަކުދިންނަށް ކުރާ ގޯނާގެ ވާހަކަތައް އެ ދުވަސްވަރު ފެނިވަޑައި ނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މިއަދު ޓްވިޓާގެ 100 ކެރެކްޓަރުގައި އެފަދަ ވާހަކަތައް ހިއްސާ ކުރާ ކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ މިހާރު އެފަދަ ވާހަކަތައް އެ ގޮތަށް ދައްކާތީ އެއީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ތަފާތު ކުރުމެއް ނެތި ޖިންސީ ގޯނާ އަށް އިންސާފު ހޯދައި ދިނުމަށް އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި އަދި އެމަސައްކަތުގައި ކުޑަ މިންވަރަކަށް ވެސް ފަހަތަށް ނުޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިދިޔަ އަހަރު ފަހު ކޮޅުން ފެށިގެން ރޭޕް ކުރުމާއި ގެވެށިއަނިޠާއާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ގިނަވެފައިވާ ކަން ވަނީ ފާހަގަވެފައެވެ. މި ފަދަ މައްސަލަތައް ގިނަ ވެފައިވާ ދަނޑިވަޅެއްގައި 2 އަހަރުގެ ތުއްތު ކުއްޖެއް ރޭޕްކުރި މައްސަލައެއް ފެންމަތިވުމާއެކު ދިވެހިން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާ ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް މީހުން ނުކުމެ މުޒާހަރާ ކޮށްފައެވެ.
ނަމަވެސް އަނެއްކާ ވެސް އެފަދަ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެ އެފަދަ މައްސަލަަތައް ގިނަ ވާން ފެށުމުން ޖިންސީގޯނާ އާއި ރޭޕްކުރުމާ ދެކޮޅަށް މީހުން ވަނީ ނުކުމެ މުޒާހަރާ ކުރަން ފަށާފައެވެ.
އެގޮތުން ދާދި ފަހުން ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ދިވެހި ދެ ފިރިހެނުން ޖިންސީ ގޯނާ ކުރި މައްސަލައެއް ރިޕޯޓުކޮށްފައިވާ އިރު މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެމީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދުގެ ފިރިކަލުންނާއި އާއިލީ އެހެން ފަރާތެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މި ސަރުކާރަށް އަމާޒުވެފައެވެ. ނަމަވެސް މި މައްސަަލައިގައި ތުހުމަތު ކުރެވޭ ދެމީހުން ވަނީ ހައްޔަރަު ކުރުމަށް ފަހު ދޫކޮށްލާފައެވެ. މި މައްސަލަ އަދިވެސް ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށް ބުނެއެވެ.