މިނިސްޓާ އޮފް ފިޝަރީސް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާ ޒަހާ ވަހީދު، މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ގިނަ ސުވާލުތަކެއް އޭނާއަށް އަމާޒުވެއްޖެއެވެ.

މިނިސްޓަރު ޒަހާ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ަކމުގެ ތުހުމަތު ކުރައްވާ ޖާބިރު ވަނީ މިނިސްޓަރާ ސުވާލު ކުރުމަށް އޭނާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީއަށް ހާޒިރު ކުރުމަށް އެދިފައެވެ.

ޖާބިރުގެ ސުވާލުތައް:

  1. މަސްވެރިކަމާ ބެހޭ ގާނޫނާއި ގުޅިގެން ހަދަން ޖެހޭ ގާނޫނުތައް ހަދަން ޖެހޭ މުއްދަތުގައު ނުހެދުނީީ ކީއްވެގެންތޯ؟
  2. ސަރުކާރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ތެރެއިން ރައްޔިތުންނަށް ވައުދުވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި މިއަދާ ހަމައަށް ކުރެވުނީ ކޮން މަސައްކަތެއްތޯ؟
  3. މިނިސްޓްރީގެ ދަށުގައިވާ ފަޅުރަށްތަކާއި ގައިފާލައްޕަތަކުން ދައުލަތަށް އާމްދަނީ ހޯދުމަށް ކުރެވުނީ ކޮން މަސައްކަތްތަކެއްތޯ؟ އަދި މިހާރު ލިބެނީ ކިހާ އާމްދަނީއެއްތޯ؟
  4. ދަނޑުވެރިން ހައްދާ ދަނޑުގޮވާން މާކެޓްކޮށް ވިއްކުމަށް ކުރެވިފައި ވަނީ ކޮން މަސައްކަތްތަކެއްތޯ؟
  5. ލޭނުގެ މަސްވެރިކަން ހުޅުވާލުމަށް ހުރަސް އެޅިގެން އުޅެނީ ކިހިނެތްވެގެންތޯ؟ އަދި ލޭނު އެޅުމަށް ހުޅުވާލާނީ ކޮންއިރަކުންތޯ؟
  6. ކޮވިޑް-19ގެ ސަބަބުން މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ފުޅާކުރުމަށް ރޭވިފައި ވަނީ ކޮންކަމެއްތޯ؟ އަދި މިކަމުގައި އަމަލީ ސިފަ ފެންނާނީ ކޮންއިރަކުންތޯ؟
  7. ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓްގައި މަސްވެރިކަމުގެ ދާޢިރާއަށް އޮތީ ކޮން ފުރުސަތުތަކެއްތޯ؟ އަދި އެ ފުރުސަތުތައް ހޯދުން އަވަސް ކުރުމަށްޓަކައި ތިޔަ މިނިސްޓްރީން ކުރީ ކޮންކަމެއްތޯ؟

ޖާބިރުގެ ސުވާލުތަކެއް މިނިސްޓަރު ޒަހާއަށް އަމާޒުވެ، މިނިސްޓަރު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން އެދިފައިވާއިރު، ކުރިން ވެސް އޭނާ ވަނީ އެކަމަށް އެދިފައެވެ. ނަމަވެސް ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް މިނިސްޓަރާ ވާހަކަ ދެއްކެވުމަށްފަހު މިނިސްޓަރު ހާޒިރު ކުރަން ނުފެންނަ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން މިނިސްޓަރު ޒަހާ ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅީ ޖާބިރު އޭނާއާ ޒާތީވެގެން ކަމަށް މިނިސްޓަރާ ހަވާލަދީ މެންބަރު ފަލާހް ވިދާޅުވެފައިވާ ކަމަށްވެއެވެ. އަދި މިނިސްޓަރު ކޮމިޓީއަށް ހާޒިރު ކުރަން ނުފެންނަ ކަމަށް ދޭހަވާ މޭރުމަކުން ފަލާހް ވާހަކަ ދެއްކެމުަކީ ޖާބިރުގެ ގާނޫނީ ޒިންމާއަށް ހުރަސްއަޅާ، އޭނާގެ އިމްތިޔާޒްތަކަށް އަރައިގަތުން ކަމަށް ޖާބިރު ވިދާޅުވެއެވެ.

މިކަމާ ގުޅިގެން ޖާބިރު ވަނީ، ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީގެ މުގައްރިރު ފަލާހް ކަންކުރިގޮތް ބަލާ، ރަނގަޅު ކޮށްދެއްވުމަށް އެދި މަޖިލީހުގެ ރައީސް، ރައީށް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވާފައެވެ.

މީގެ ކުރިން މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ދުވަހަށް ނިންމާފައި ނުވާތީ އެ މައްސަލަ ދިރާސާ ކުރުމަށްފަހު ގަވާއިދު ކޮމެޓީން ވަނީ ރިޕޯޓެއް އެކުލަވާލާފައެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ މަސްވެރިކަމުގެ ގާނޫނުގައި ލާޒިމް ކޮށްފައިވާ ގަވާއިދުތައް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ނިމިފައި ނުވާކަން އެ ކޮމެޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، މަސްއޫލިއްޔަތާއި ޒިންމާ އަދާ ނުކުރައްވާ ކަމަށް ނިންމާ މަޖިލީހަށް ހުށަހެޅި ރިޕޯޓު ވަނީ އަނބުރާ ކޮމެޓީ އަށް ފޮނުވާލާފައެވެ.

އެ ރިޕޯޓު ފޮނުވާލީ ޒަހާގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި ސިޓީއަކާއި ގުޅިގެންނެވެ. ޒަހާ މަޖިލީހަށް ފޮނުވި ސިޓީގައި މަސްވެރިކަމާ ބެހޭ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމުމަށް ބަޔާންކޮށްފައިވާ ގަވާއިދުތައް ހަދައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.