ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޓެސްޓު ނުކުރަނީސް ހޮސްޕިޓަލުގައި އެޑްމިޓް ވުމުގެ ފުރުސަތު ދިނުމަށް އިންޑިއާގެ ރާމް މަނޯހާރު ލޯހިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް (އާރްއެމްލިމްސް) އިން އިންކާރު ކުރި، އުމުރުން 22 އަހަރުގެ އަންހެނަކު، ކޮވިޑް-19ގެ ޓެސްޓު ކިއުގައި ހުރެ ވިހައިފިއެވެ.

ޕަލާކްގެ ގޮތުގައި މީޑިއާއިން މުހާތަބު ކުރަމުންދާ މި އަންހެން މީހާ ހޮސްޕިޓަލަށް ދިޔައީ ވިހަން ބަނޑުގައި ރިއްސާތީއެވެ. ނަމަވެސް ހޮސްޕިޓަލުން އޭނާ އެންމެ ފުރަތަމަ ފޮނުވާލީ ކޮވިޑް-19އަށް ޓެސްޓު ކުރުމަށް، ޓްރައިއޭޖަށެވެ. ނަމަވެސް އެތަނުގައި އޭނާއަށް ހުރެވުނީ ކުޑަ ވަގުތު ކޮޅަކަށެވެ. ވޯޓާބޭގު ފަލައިގެން ގޮސް، އޭނާވެސް ބިމަށް ވެއްޓުނެވެ. އަދި ވިހެއެވެ.

ބިންމައްޗަށް ވެއްޓުނު އަންހެން މީހާ ވިހެއުމާއެކު ކަމާބެހޭ ފަރާތްތަކުން އެލާޓަށް އައިސް، އަންހެން މީހާއާއި ތުއްތު ދަރިފުޅު ވޯޑަށް ބަދަލު ކުރި ކަމަށް ޚަބަރު ލިބެއެވެ.

އާރްއެމްލިމްސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ހާދިސާގެ ފުރިހަމަ ތަހްގީގެއް ހިންގުމަށް އަމުރުކޮށްފައެވެ. އަދި މިކަމާ ގުޅިގެން ފެކަލްޓީ މެމްބަރަކާ، ގައިނީ ޑިޕާޓްމަންޓްގެ ޑޮކްޓަރުންތަކެއް ގެއަށް ފޮނުވާލާފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު، ދުނިޔޭގެ ނިސްބަތުން 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 ކޭސްތައް ރިޕޯޓް ކުރަމުންދަނީ އިންޑިއާއިން ކަން ފާހަގަ ކުރަންޖެހެއެވެ.