މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އިންސްޓަގްރާމް' ގައި މިވަގުތު ހުރި އެންމެ އަގު ބޮޑު ސެލެބްރިޓީގެ ޝަރަފު، އެމެރިކާ-ކެނެޑާ ދަރިކޮޅަށް ނިސްބަތްވާ ކުރީގެ ޕްރޮފެޝަނަލް ރެސްލާ އަދި މިހާރުގެ މަޝްހޫރު އެކްޓާ/ޕްރޮޑިއުސާ އަދި ވިޔަފާރިވެރިޔާ ޑްވޭން "ދަ ރޮކް" ޖޯންސަން ކަށަވަރުކޮށްފިއެވެ.

އިންސްޓަގްރާމްގެ އެންމެ އަގުބޮޑު ސެލެބްރިޓީގެ ޝަރަފު ދަ ރޮކް މި ގެންދިޔައީ، އެ މަގާމުގައި ކުރިން އޮތް ކައިލީ ޖެނާ 2 ވަނަ ރޭންކަށް ވައްޓާލުމަށް ފަހުގައެވެ.

ސޯޝަލް މީޑިއާ މާކެޓިންގް ކުންފުނި ހޮޕާ އެޗްކިއުން އިން މައުލޫމާތު ދޭ ގޮތުގައި "ދަ ރޮކް" ގެ ސްޕޮންސާޑް ޕޯސްޓެއްގެ އަގު 41015000 އަށް އަރައެވެ. އުމުރުން 22 އަހަރުގެ ކައިލީ ޖެނާ މިދިޔަ އަހަރު ވަނީ، މި ގޮތަށް ސްޕޮންސާޑް ޕޯސްޓުތަކުން 1.2 މިލިއަން ޑޮލަރު ހޯދާފައެވެ.

ހޮޕާ އެޗްކިއުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފޮލޯވާޒް ގިނައީވެސް "ދަ ރޮކް"ގެއެވެ. 189 މިލިއަން މީހަކު "ދަ ރޮކް" ފޮލޯ ކުރާއިރު، ކައިލީގެ ފޮލޯވާޒްގެ އަދަދަކީ 183 މިލިއަނެވެ.

ހޮލީވުޑްގެ މަޝްހޫރު ތަރި ޑްވޭން 'ދަ ރޮކް' ޖޯންސަންއާއި ޑެނީ ޑެވީޓޯ/ފޮޓޯ: ނޭއިކްރޭނީ

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ސްޕޮންސާޑް ޕޯސްޓެއްގެ އަގަކީ 889000 ޑޮލަރެވެ. ކައިލީގެ ދައްތަ އަދި ރިއާލިޓީ ޓީވީ ސެލެބްރިޓީ ކިމް-ކޭގެ ސްޕޮންސާޑް ޕޯސްޓެއްގެ އަގަކީ 85800 ޑޮލަރެވެ. އިންސްޓަގްރާމްގެ އެންމެ އަގުބޮޑު ސެލެބްރިޓީންގެ ލިސްޓުގެ ގަދަ 5 ފަހެއްގެ މަގާމުން ކައްސާލާފައިވާ އާރިއާނާ ގްރާންޑޭގެ ސްޕޮންސާޑް ޕޯސްޓެއްގެ އަގަކީ 853000 ޑޮލަރެވެ.

ފޯބްޒް މަޖައްލާއިން ލިސްޓް ކޮށްފައިވާ އެންމެ އަގުބޮޑު އެކްޓަރުންގެ ލިސްޓުންވެސް "ދަ ރޮކް" ޖާގަ ހޯދައެވެ.