"ފެއިލް ވެއްޖެ" ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް އިން ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މިއަދު ހަވީރު އެ ކޯލިޝަންގެ އޮފީސް ހ. ހުރަފައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، މި ސަރުކާރު ހުރިހާ ކަމަކުންވެސް ފެއިލްވެފައިވާ ކަމަށާއި އެ ޖަލްސާ ބޭއްވުމުގެ ބޭނުމަކީ ސަރުކާރު ހަމަމަގަށް އަޅުވައި، ސަރުކާރު ޒިންމާދާރު ކުރުވުން ކަމަށެވެ.

ރައްޔިތުން މަގުމައްޗަށް ނުކުންނަށް ހިސާބަށް ކަންކަން ދިޔައީ، ސަރުކާރު ޖަވާބުދާރީ ކުރުމަށް އިދިކޮޅުން ކުރި މަސައްކަތައް ސަރުކަރުން ބީރު ކަންފަތެއް ދިނުމުން، މި މަހުގެ 17 ވާ ހުކުރު ދުވަހު ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައި ވާކަމަށް ޝުޖާއު ވިދާޅުވިއެވެ. ބޮޑު ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ހޯދުމަށް އެދިފައި ވާކަމަށާއި ޖަލްސާ ބޭއްވުމަށް ހުއްދައަށް އެދުނު ނަމަވެސް ހުއްދަދޭން ސަރުކާރުން ޖެހިލުންވާ ކަމަށް ވެސް ސުޖާއު ފާހަގަ ކުރެއްވިއެވެ.

ރައްޔިތުން ކަނު އަނދިރީގައި ބައިތިއްބައިގެން މުޅި ގައުމުގެ އިސްތިގްލާލާއި މިނިވަންކަން ގެއްލިގެންދާ ހިނދު މިކަމުގެ ޖަބާދާރީކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއިރު މި ސަރުކާރަށް އަޑު ނީވުނީމަ އަޅުގަނޑުމެންނަށް މިޖެހުނީ ވަކި ތަނަކަށް އެއްވެގެން އިހުތިޖާޖުކުރަން،
ސުޖާއު

މީގެ އިތުރުން ޝުޖާއު ވިދާޅުވީ، މިއަދު މަސްވެރިން ކިރާ މަހަކަށް ފައިސާ ނުދެވޭނެ ކަމަށް ސަރުކާރު ކުންފުނިތަކުން ބުނަމުންދާ ކަމަށާއި މަސްވެރިންވެސް ދިރިއުޅެމުން އަންނަނީ ދަތި ހާލުގައި ކަަމަށެވެ.

ޝުޖާއު ވިދާޅުވީ ވޭތުވެގެންދިޔަ ތިން މަސް ދުވަހަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުން ގުޅިގެން ރައްޔިތުން ގޭ ބަންދުގައި ބައިތިއްބައިގެން ވަރަށް ބޮޑެތި ވައްކަންތަކެއް ކޮށްފައިވާ ތިން މަސް ދުވަސް ކަމަށެވެ.

އެންމެ ފަހުން އިދިކޮޅުން ޖަލްސާއެއް ބާއްވާފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް މިދިޔަ ފެބްރުއަރީ މަސްތެރޭގައެވެ.

އިދިކޮޅުން ހުކުރު ދުވަހު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާއިރު، އެޗްޕީއޭ އިން އަންގާފައިވަނީ 30 އަށް ވުރެ ގިނަ މީހުން އެއްތަނަކަށް އެއް ނުވުމަށެވެ