މާލެ އިން ފުރައިގެން ހއ.ދޮނަކުޅިއަށް މުދާ ހިފައިގެން ދަތުރުކުރި "ފަތޮޅު" ބޯޓް ކ. ކާށިދޫގެ އުތުރުން 10 ނޯޓިކަލް މޭލުން ބަނޑުން ޖަހާލައި، އެބޯޓް އޮޔާ ދާތީ އެސަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު 12:19 ހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން ބޯޓުން ދަތުރުކުރި ފަސްމީހުން ކަނޑުވުމާ ގުޅިގެން މިއަދު 2:20 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ އެމީހުން ސަލާމަތް ކުރުމަށްފަހު ޅ.މާފިލާފުއްޓަށް ގެންގޮސްފައެވެ.

އެމްއެންޑީއެފުން ބުނީ ބަނޑުންޖަހާލާފައި ވާ ބޯޓް އޮޔާ ގެންދަނީ އިރު އުތުރަށް ވާގޮތަށެވެ. އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުތަކުން އެކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ކޯސްޓްގާޑުން އިލްތިމާސް ކުރެއެވެ.

މިދުވަސް ވަރަކީ ރާއްޖެއަށް ކަނޑުގަދަ ދުވަސް ވަރަކަށް ވާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.

ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ތަފާތު ހާދިސާތަށް އަންނަނީ ހިނގަމުންނެވެ. އެގޮތުން އުޅަނދު ފަހަރަށް ދިޔަވުމާއި އަޑިއަށް ދިއުމާއި އަދި އުޅަނދު ފަހަރު ބަންޑުން ޖަހާލައިގެން އެކި ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބެމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދުމަށާއި މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަވެ. އެގޮތުން ދަތުރުކުރާ ފަރާތްތަކުން އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި އަދި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި ހާއްސަކޮށް ކުދި އުޅަނދަފަހަރުގައި ދަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެމްއެމްޑީއެގުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކަނޑުމަތީގެ އެއްވެސް ހާދިސާއެއް ހިނގައިފިނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފުން އެދެއެވެ.