އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާ ސައުތްހެމްޓަން ބައްދަލުކުރި މެޗު 1-0 ސައުތްހެމްޓަން ކާމިޔާބުކޮށް މިދިޔަ ސީޒަންގެ ޗެމްޕިއަނުން ހައިރާން ކޮށްލައިފިއެވެ.
މި މެޗުގައި ސައުތްހެމްޓަންއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 16 ވަނަ މިނެޓްގައި ޒުވާން ކުޅުންތެރިޔާ ޗެ އެޑަމްސްއެވެ. މިއީ އޭނާ ސައުތްހެމްޓަންއާ ގުޅުނު ފަހުން ޖެހި ފުރަތަމަ ލަނޑެވެ.
ސައުތްހެމްޓަންގެ ލަނޑަށް ފަހު ސިޓީ އިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ސައުތްހެމްޓަންގެ ކީޕަރު އެލެކްސް މެކާތީ ވަނީ މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް ލަނޑުތަކަށް ވިޔަ ނުދީ ހިފަހައްޓާފައެވެ. މެދުގައި ސައުތްހެމްޓަން އަށް ވެސް އިތުރު ލަނޑުތައް ޖަހަން ފުރުސަތު ލިބުނު އިރު މިފުރުސަތުތަކުގެ ބޭނުން ނުހިފި ދޫވިއެވެ.
އެހެން ނަމަވެސް މެޗުގެ ކުރީކޮޅު ޖެހި ލަނޑާއެކު ސައުތްހެމްޓަންއިން ސިޓީ ބަލިކުރި އިރު މިއީ މިސީޒަންގައި އެޓީމު މެޗަކުން ބަލިވި ނުވަ ވަނަ ފަހަރެވެ. ބުރާސްފަތި ދުވަހު މި ސީޒަންގެ ޗެމްޕިއަން ލިވަޕޫލް ކޮޅަށް 4 ލަނޑު ޖެހި ސިޓީއިން މިސީޒަންގައި ނެރެފައިވާ ނަތީޖާތަކާ މެދު ހިތްހަމަނުޖެހޭ ކަން ފާޅުކުރަމުން ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ބުނީ ކޮންމެ ދެމެޗުން އެއް މެޗު ސިޓީ ބަލިވަމުންދަނީ ކީއްވެގެން ކަން އޭނާއަށް ވެސް ބުނަދޭން ނޭނގޭ ކަމަށެވެ. ލިވަޕޫލްއާ ކުޅުމުގެ ކުރިން ސިޓީއިން ޗެލްސީއާ ކުޅުނު މެޗުން ވެސް ބަލިވި އިރު ލިވަޕޫލާ ދެވަނައިގައި އޮތް ސިޓީއާ ދެމެދު 23 ޕޮއިންޓްގެ ތަފާތެއް އެބަ އޮތެވެ.
ސިޓީއާ ކުޅުމުގެ ކުރިން ހޯދި ނަތީޖާތަކުން ސައުތްހެމްޓަން ވަނީ ސާޅީސް ޕޮއިންޓް ހަމަކޮށް ރެލިގޭޝަންގެ ބިރުން ސަލާމަތްވެފައެވެ. އެހެންވެ ރޭގެ މެޗުގައި އެޓީމުން ކުޅެމުންދިޔައީ އެއްވެސް ބިރެއް ނެތިއެވެ.