މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން އެންމެ ނުރައްކާ ދަރަޖައަކަށް ފެތުރެމުންދާ ގައުމުތަކުގެ ލިސްޓުގެ 3 ވަނައަށް އިންޑިއާ އަރައިފިއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، 24 ގަޑިއިރުގެ ތެރޭގައި 25000 އާ ކޭސް ވަނީ ރެކޯޑް ކޮށްފައެވެ. އަދި މި ވަގުތުގެ ތެރޭގައި 613 މަރުގެ ކޭހެއްވެސް ވަނީ ރެކޯޑް ކޮށްފައެވެ. މިއީ މިއަހަރު ޖަނަވަރީ މަހު އިންޑިއާއިން ކޮވިޑް-19ގެ ކޭސްތައް ފެންނަން ފެށި ފަހުން، އެ ގައުމުން މިހާ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކުރި ފަހަރުވެސް މެއެވެ.

އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 697836 އަށް އަރާފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 253245 ކޭސް ރެކޯޑް ކޮށްފައިވާއިރު، 8944 ޕޭޝަންޓުންގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. ކުރިޓިކަލް/ސީރިއަސް ޕޭޝަންޓުންގެ އަދަދު 2 ވަނައަށް އެންމެ ގިނަ ގައުމަކީވެސް އިންޑިއާއެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 424891 މީހަކަށް ޝިފާ ލިބި، ބަލިން ރަނގަޅުވެފައިވާއިރު، ބަލިޖެހުނު ފަހުން 1 ކޭސް، ގައުމުން ބޭރަށް ހިޖުރަކޮށްފައިވާކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ރެކޯޑްތަކުން ދައްކައެވެ.

ކޮވިޑް-19 ގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 19700 އަށް އަރާފައެވެ. އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު 8 ވަނައަށް އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސް ރިޕޯޓް ކުރި ގައުމެވެ.