ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހަކީ، ވައިގެ ތެރެއަށް ބުރައިގެން ތިކިތަކުގެ ތެރޭގައި އުދުހުމުގެ ގާބިލުކަން ލިބިފައިވާ ވައިރަހެއް ކަމަށާ، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވައިރަސް ފެތުރެމުންދަނީ މި ބީދައިން ކަމަށް ތަޖުރިބާކާރުންގެ ގުރޫޕަކުން ބުނެފިއެވެ.

ތަޖުރިބާކާރުންގެ ޓީމުން ދަނީ، މިކަން ބަޔާންކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށާ، އެނޫންވެސް ސިއްހީ އިދާރާތަކަށް އޯޕަން ލެޓާއެއް ފޮނުވާ، އެ ޝާއިއު ކުރަމުގެ މަސައްކަތް ކުރަމުންނެވެ. މި ސިޓީއަކީ، ވައިރަސް ފެތުރިގެންދާ ގޮތާ ބެހޭ ސައްހަ މައުލޫމާތު، ވީ އެންމެ ފުޅާ ދާއިރާއެއްގައި ހާމަ ކުރުމަށް، މި އިދާރާތަކަށް ގޮވާލާ ސިޓީއެއް ކަމަށް ޚަބަރު ލިބެއެވެ.

މި ސިޓީ އެކުލަވާލެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެއް މުސައްނިފު ކަމަށްވާ، ޔުނިވާސިޓީ އޮފް މެރިލަންޑްގެ އެންވާރަމަންޓް ހެލްތް ޕްރޮފެސަރެއް ކަމަށްވާ ޑރ ޑޮނާލްޑް މިލްޓަން ވިދާޅުވީ، ކޮވިޑް-19 ޖައްސާ ވައިރަހަކީ ވައިގެ ޒަރިއްޔާއިން ފަސޭހަ ކަމާއެކު ފެތުރިގެންދާ ވައިރަހެއްކަން ބަޔާންކޮށްދިނުމަށް ސިއްހީ އިދާރާތައް ޖެހިލުން ވާ ކަމަށާ، އެއީ އެއްވެސް މީހަކަށް ނޭނގޭ ސިއްރެއް ނޫން ކަމަށެވެ.

ޑރ މިލްޓަންއަކީ ވައިގެ ޒަރިއްޔާއިން ފެތުރޭ ވައިރަސް ދިރާސާކުރެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ތަޖުރިބާކާރެކެވެ. ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާ އޯޕަން ލެޓާގެ ދެވަނަ މުސައްނިފަކީ، އޮސްޓްރޭލިއާގެ ކުއީންސްލަންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގެ އެންވާރަމަންޓަލް އިންޖިނޭރިންގް ޕްރޮފެސާ ޑރ ލިޑިއާ މޮރޯވްސްކާއެވެ.

ޑރ މޮރޯވްސްކާއާއި ޑރ މިލްޓަންގެ އިތުރުން މިފަދަ ތަޖުރިބާކާރުންގެ ގުރޫޕަކުން، ކޮވިޑް-19 ޖައްސާ ވައިރަހަކީ ވައިގެ ޒަރިއްޔާއިން ފަސޭހަކަމާއެކު ފެތުރިގެންދާ ވައިރަހެއް ކަމަށް ބުނާ މަޝްވަރާތައް ކުރިއަށް ގެންދާތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ. ތަޖުރިބާކާރުންގެ ޓީމުން ބުނާ ގޮތުގައި، މިއަހަރުގެ ފެބުރުވަރީ މަހުން ފަށައިގެން މިމަޝްވަރާތައް ދަނީ ކުރިއަށެވެ.

ތަޖުރިބަކާރުންގެ ޓީމުން އެކުލަވާލި އޯޕަން ލެޓާގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން 230 އަށް ވުރެ ގިނަ ސައެންސްވެރިން ވަނީ ސޮއިކޮށްފައެވެ.