1440 ވަނަ އަހަރުގެ މުދަލުޒަކާތް ބެހުމަށްޓަކައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖާކުރުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކުރި އުލާނެއްގައި ބުނީ 1440 ވަނަ އަހަރުގެ މުދަލުޒަކާތް ބެހުމަށްޓަކައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖައާކުރުމަށް އެ މިނިސްޓަރީގެ ފަރާތުން ނިންމާފައިވާތީ، މިހާރު އެކުލަވާލާފައިވާ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުުށެހެޅުމަށް މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށެވެ.

އެ ގޮތުން މާދަމާއިން ފެށިގެން މިމަހުގެ 23ގެ ނިޔަލަށް ފޯމު ހުށަހެޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓަރީން ބުނެއެވެ.

މިއަހަރު (1441) ފިތުރު ޒަކާތް ބަހާފައިވާ ދަފްތަރުގައި ހިމެނޭ ފަރާތްތަކުން ދަފްތަރުގައި އަލުން ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅަން ނުޖެހޭނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އާއްމުކުރި އިއިލާނުގައިވެއެވެ.

މިހާރު އޮތް ދަފްތަރުގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށާއި މީގެ އިތުރުން ދަފްތަރުން ވަކިވާން ބޭނުންވާ ފަރާތްތަކާއި، ދިރިއުޅޭ ރަށް ބަދަލުވެ މިހާރުގެ ރަށުގެ ދަފްތަރަށް ބަދަލުވުމަށް ބޭނުންވާނަމް އެކަން ބަޔާންކޮށް ސިޓީހުށަހެޅުމަށްވެސް އެ މިނިސްޓްރީއިން ވަނީ އަންގާފައެވެ.

1441 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަހާފައިވާ ދަފްތަރު އެ މިނިސްޓްރީގެ ވެބްސައިޓްގެ ލިންކް އިން ލިބޭނެއެވެ.

މީގެއިތުރުން މާލެސިޓީގައި ދިރިއުޅުއްވާ ފަރާތްތަކުން ފޯމުހުށަހެޅުމަށް ވަޑައިގަންނަވާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް އިސްލާމިކް މިނިސްޓްރީން އެދޭ ކަންތައްތަކުގެ ތެރޭގައި:

  • މާސް އަޅައިގެން އައުން.
  • އެކަކަށްވުރެ ގިނަ މީހުން ނައުން.
  • ކުޑަކުދިންގެ ނުގެނައުން.
  • ރޯގާ ނުވަތަ ހުމުގެ އެއްވެސް ޢަލާމާތެއް ހުރި ނަމަ ނައުން.
  • ގައިދުރުކަން ބެހެއްޓުމާއި ފޯމު ހުށަހެޅުމަށްފަހު މަޑުނުކޮށް ދިޔުން.
  • ފޯމު ހުށަހަޅާ މީހުން އެހެން މީހުން އެ ސަރަހައްދަގައި މަޑުނުކުރުން.

މާލޭސިޓީގައި ދިރިއުޅޭ ފަރާތްތަކުން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ހޯލުގައެވެ. މާލެ ފިޔަވައި ރަށްރަށުގައި ފޯމު ބަލައިގަތުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސާނީ އެ ރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުންނެވެ.

ކޮންމެ ދުވަހަކުވެސް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 50 މީހުންނަށެވެ. އަދި ނަމްބަރު ދޫކުރުމާއި ފޯމު ބަލައިގތުން ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ. ހަމައެހެންމެ އެދުވަހެއްގެ ހިދުމަތް ދިނުމަސް ހަމަޖެހިފައިވާ އަދަދު ހަމަވުމުން އޭގެ ފަހުން އަންނަ ފަރާތްތަކަށް ނަމްބަރު ދޭނީ ޖެހިގެން އަންނަ ދުވަހު އެ ނަމްބަރަށް ފޯމުލެވޭ ގޮތަށްކަމުގައި މިނިސްޓްރީން ބުނެއެވެ.