ހދ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ކުރަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖާ ހެލްތު ސާވިސަސް އަހްމަދު ދާއޫދު ވިދާޅުވީ މިދިޔަ ހަފްތާއިން ފެށިގެން މެޝިން ވެލިޑޭޓް ކުރުމުގެ މަސައްކަތް ކޮށް އޮންލައިންކޮށް އިތުރު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މިހާރު އެ ހޮސްޕިޓަލުން ވެސް ރިއަލްޓައިމް ޕީސީއާރު ޓެސްޓް ކުރެވޭނެ ކަމަށާއި މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަން ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ޖީން އެކްސްޕަރޓް ކާރޓްރިޖްތައް ވެސް އެ ހޮސްޕިޓަލަށް ލިބޭނެ ކަމަށާއި ޖީން އެކްސްޕަރޓް މެޝިންއިން ޓެސްޓް ކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ހުރީ ވެ ނިމިފައިި ކަމަށާއި އެގޮތުން މިހާރުވެސް ޓެސްޓެއް ކުރަން ޖެހިއްޖެ ނަމަ ކުރެވޭނެކަމަށް ދާއޫދު ވިދާޅުވިއެވެ.

މިދިޔަ ހަފްތާއިން ފެށިގެން މެޝިން ވެލިޑޭޓް ކުރުމުގެ މަސައްކަތް ކޮށް އޮންލައިންކޮށް އިތުރު ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވާނެ. މިހާރު މި ހޮސްޕިޓަލުން ވެސް ރިއަލްޓައިމް ޕީސީއާރު ޓެސްޓް ކުރެވޭނެ. މިއީ މި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަން ޔަޤީން. ކުރިއަށް އޮތްތަނުގައި ޖީން އެކްސްޕަރޓް ކާރޓްރިޖްތައް ވެސް މި ކޮޅަށް ލިބޭނެ. ޖީން އެކްސްޕަރޓް މެޝިންއިން ޓެސްޓް ކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ހުރީ ނިމިފައި
އަހްމަދު ދާއޫދު

އިތުރައް އޭނާ ވިދާޅުވީ ކޭއާރުއެޗުގެ ލެބް ޓެކްނޮލޮޖިސްޓުން އައިޖީއެމްއެޗުގައި ތިން ހަފްތާގެ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަ ކޮށްފައިވާ ކަމަށައި ކޭއާރުއެޗުގައި ހުރި ޕީސީއާރު މެޝިނުން ދުވާލަކު 72 ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށެވެ.

މި ވަގުތު ތަމްރީނު ފުރިހަމަ ކޮށްފައި ވަނީ ދެ ލެބް ޓެކްނޮލޮޖިސްޓުން ކަމަށް ވާތީ ފުލް ކެޕޭސިޓީގައި އަދި އޮޕަރޭޓް ނުކުރެވޭ، ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު މުވައްޒަފުން ތަމްރީނު ވެގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑަބްލިއު އެޗްއޯއިން ފަންޑު ކޮށްގެން ކުރިއަށް ގެންދިޔަ ޕީސީއާރު ލެބްގެ މަސައްކަތް ކޮށްފައި ވަނީ ވޭވް ލެންތު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ. ލެބްގެ ސިވިލް ވޯކްސް މިދިޔަ މަހުގެ 4 ވަނަ ދުވަހު ވަނީ ނިންމާލެވިފައި ކަމަށާއި ޕީސީއާރު މެޝިންއާއި ގުޅޭ ސާމާނުތައް މިދިޔަ މަހުގެ 17 ނަމަ ދުވަހު އެ ހޮސްޕިޓަލަށް ލިބިފައިވާ ކަމަށްވެސް ދާއޫދު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަލި ދެނެގަތުމަށް ތަހްލީލްތައް ކުރުމަށްޓަކައި، ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ރާއްޖޭގެ އިތުރު ހަތް ރަށެއްގައި ކޮވިޑަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެހިގެން ގޮސްފައިވާކަން ސަރުކާރުން އިއުލާން ކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހެވެ.

އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން ށ އަތޮޅު ހޮސްޕިޓަލާއި ރ.އުނގޫފާރު ރީޖަނަލް ހޮސްފިޓަލާއި ބ އަތޮޅު ހޮސްޕިޓަލާއި ކުޑަ ދ.ހުވަދޫ ހޮސްޕިޓަލާއި ގއ އަތޮޅު ހޮސްޕިޓަލާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.

އެގޮތަށް ހަމަޖެހުމުން ބަލިމީހުންގެ ސާމްޕަލްތައް އެންމެ ކައިރީގައި ހުންނަ ޓެސްޓް ސެންޓަރއަކަށް ގެންދެވި، ނަތީޖާ ލިބުން އަވަސްވެގެންދާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.