ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ފަރުވާއެއްގެ ގޮތުގައި ހައިޑްރޮކްސިކްލޮރޮކުއިން (އެޗްސީކިއު) އަދި ލޮޕިނަވިއާ/ރިޓޮނަވިއާ ކާމިޔާބު ވޭތޯ ކުރަމުންދިޔަ ދިރާސާތައް ދެން އިތުރަށް ކުރިއަށް ނުގެންދާނެ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މި ދިރާސާ ދެން އިތުރަށް ކުރިއަށް ނުގެން ދިއުމަށް ނިންމާފައި ވަނީ 'ސޮލިޑާރިޓީ ޓްރަޔަލް' ގެ ވަގުތީ ނަތީޖާތަކަށް ބެލުމަށް ފަހުގައި ކަމަށެވެ. ވަގުތީ ނަތީޖާއަށް ބަލާއިރު، ކޮވިޑް-19 ޖެހި، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހޭ ޕޭޝަންޓުންނަށް އެޗްސީކިއުއާއި ލޮޕިނަވިއާ/ރިޓޮނަވިއާ ދީގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު އޮންނަނީ ވަރަށް ކުޑަކޮށް، ނުވަތަ އެ ފުރުސަތު އެއްވެސް ވަރަކަށް ކުޑަ ނުވާކަން ހާމަވެފައި ވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ދިރާސާ ހުއްޓާލާފައިވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ޕޭޝަންޓުންނަށް ދެމުން ދިޔަ ފަރުވާގެ ބައި ކަމަށާ، ހޮސްޕިޓަލުގައި އެޑްމިޓްކުރަން ނުޖެހޭ ޕޭޝަންޓުންނަށް އެޗްސީކިއުއާއި ލޮޕިނަވިއާ/ރިޓޮނަވިއާ ލުއެއް ހޯދާ ދެވޭތޯ ކުރަމުންދާ ދިރާސާތައް ކުރިއަށް ދާނެ ކަމަށެވެ.

ސަލާމަތީ ގޮތުން ކަންބޮޑުވުންތަކެއް ހުރެގެން މިއަހަރުގެ މެއި މަހުވެސް ޑަބްލިއުއެޗްއޯއިންވަނީ އެޗްސީކިއުއާ ގުޅޭ ދިރާސާތައް މެދުކަނޑާލާފައެވެ. ނަމަވެސް އަލުން އެ ތަޖުރިބާތައް ފެށިއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަކީ، ކޮވިޑް-19ގެ ފަރުވާގެ ގޮތުގައި އެޗްސީކިއު ޕްރޮމޯޓް ކުރައްވާ ފަރާތެކެވެ. ނަމަވެސް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ވަނީ، ކޮވިޑް-19ގެ ޕޭޝަންޓުންނަށް ކުއްލި ހާލަތުގައި އެޗްސީކިއު ބޭނުންކޮށްގެން ފަރުވާ ދިނުމަށް ދޫކޮށްފައި އޮތް ހުއްދަވެސް ބާތިލުކޮށްފައެވެ.

އެޗްސީކިއު އަކީ މެލޭރިއާ ބައްޔާ ދެކޮޅަށް ބޭނުން ކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވާ ބޭހެކެވެ. ލޮޕިނަވިއާ/ރިޓޮނަވިއާ އަކީ އެޗްއައިވީ ބައްޔަށް ބޭނުން ކުރަމުން އަންނަ ބޭހެކެވެ.