ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީގެ ގޮތުގައި ސިފަކުރަމުން އަންނަ އެމެރިކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ޖުލައި-4 ގެ ރިޔާސީ ތަގުރީރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭން ޕޯޑިއަމްއެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބޭނުން ކުރެއްވައިފިއެވެ.

ވައިޓްހައުސްގައި ކުރިއަށްދިޔަ ހާއްސަ އިވެންޓްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ދެކޮޅަށް އެމެރިކާއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ދަނޑިވަޅަކީ އެމެރިކާގައި ރެކޯޑް އަދަދަކަށް ކޭސް އިތުރުވަމުންދާ ދަނޑިވަޅެއްކަން ފާހަގަކުރަންޖެހެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން މެނޭޖު ކުރުމުގައި ޓްރަމްޕްގެ ސަރުކަރަށް ހެދެމުންދާ ގޯސްތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒު ވަމުންދާ މި ދަނޑިވަޅުގައި ދެއްވި މިނިވަން ދުވަހުގެ ތަގުރީރުގެ ބޭނުން ހިއްޕަވަމުން ޓްރަމްޕް ވިދާޅުވީ، ވައިރަސް ފެށިގެން އައީ ޗައިނާއިން ކަމަށާ، މިކަމަށް ޗައިނާ ފުރިހަމައަށް ޖަވާބުދާރީ ކުރެވެން ޖެހޭނެ ކަމަށެވެ.

ތަކުރާރުކޮށް ޓްރަމްޕް ކުރައްވަމުން ގެންދަވާ މި ތުހުމަތަށް ޗައިނާއިން އިންކާރު ކުރެއެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ، އެމެރިކާގައި މިހާރު ކުރިއަށްދާ ނަސްލީ ތަފާތު ކުރުންތަކުގެ މުޒާހަރާގެ ތެރެއިން، އެމެރިކާގެ އެކި ހިސާބުތަކުގައި ބަހައްޓާފައިވާ ތާރީހީ ޝަހްސުތަކުގެ ބުދުތައް ސުންނާފަތި ކުރި މީހުންނަށްވެސް ބަހުގެ ހަމަލާތައް ދެއްވާފައެވެ.

ސައެންސްގެ ރޮނގުން އެމެރިކާ ހޯދަމުންދާ ކުރިއެރުންތައް ފާހަގަ ކުރައްވަމުން ޓްރަމްޕް ވަނީ، އަދު ދެކެމުން މިދާ ކޮވިޑް-19ގެ ބަލިމަޑުކަމަށް ހައްލެއް ހޯދުމަށް މިއަހަރު ނިމުމުގެ ކުރިން ވެކްސިނެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ ސައެންސްގެ ދުނިޔޭގައި މަސައްކަތްތައް ހިނގަމުންދާ އުސޫލަށް ބަލާއިރު ކޮވިޑް-19އަށް ލުއެއް ހޯދާދޭނެ ވެކްސިނެއް މިއަހަރު ތެރޭގައި ނުލިބުން އެކަށީގެންވާކަމުގެ އިންޒާރު ދެއްވާފައެވެ.

މިނިވަން ދުވަހާ ގުޅިގެން ވައިޓް ހައުސްގައި ކުރިއަށް ގެންދިޔަ އިވެންޓްގައި، ކޮވިޑް-19އިން ދިފާއުވުމަށް ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި އަޅާފައި ނުވާކަން ފާހަގަކޮށް، ގިނަ ބަޔަކު ދަނީ ޓްރަމްޕަށް ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް ޓްރަމްޕް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ނިކުންނަވަނީ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއެވެ.