ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ މި ސަރަހައްދުން އެންމެ ބޮޑުވެފައިވާ އިންޑިއާގައި ރެކޯޑް މިންވަރަކަށް ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން، ބެންގަލޫރު ސިޓީ އަނެއްކާވެސް ލޮކްޑައުން ކޮށްފާނެ ކަމަށް ބަލާ، އެތައް ހާސް ބަޔަކު އެ ސިޓީ ދޫކޮށް އެހެން ސަރަހައްދުތަކަށް ބަދަލުވާން ފަށައިފިއެވެ.

ބެންގަލޫރު ދޫކޮށް އެހެން ސަރަހައްދުތަކަށް ބަދަލުވަމުންދާ މީހުންގެ ތެރޭގައި ގިނައީ، ބެންގަލޫރުވެސް އެ ސްޓޭޓަކަށް ނިސްބަތްވާ ކަރުނާޓަކާގެ އެހެން ސިޓީތަކުން ބެންގަލޫރަށް ހިޖުރަކޮށްގެން އުޅޭ މަސައްކަތްތެރިން ކަމަށް އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ބެންގަލޫރު ދޫކޮށް އަމިއްލަ ވަޒަނަށް ހިޖުރަކުރާ މީހުން ވަނީ، ބެންގަލޫރުގައި އެމީހުން ދިރިއުޅެމުންދިޔަ ގެތަށްވެސް ފަޅަށް ދޫކޮށްލާފައި ކަމަށް ޚަބަރު ލިބެއެވެ. އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ، ބެންގަލޫރުން ނިކުތުމަށް މިސްރާބު ޖަހާފައިވާ މި ދަނޑިވަޅަކީ ބައެއް މަގުތައް މަރާމާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅެއް ކަމުން، ޓްރެފިކް ޖޭމްވުމުގެ މައްސަލަވެސް ބޮޑުވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބެންގަލޫރުގައި ކޮވިޑް-19ގެ ސާޖެއް އައިސްފައިވާއިރު، ފާއިތުވީ 10 ވަރަކަށް ދުވަހުގެ ތެރޭގައި އެ ސިޓީގެ ސިއްހަތާ ބެހޭ ނިޒާމަށް ވަނީ އިންތިހާއަށް ބާރު ބޮޑުވެފައެވެ. ޖުލައި 4 ވަނަ ދުވަހުގެ ނިޔަލަށް ބެންގަލޫރުގައި ކޮވިޑް-19 ޖެހިގެން 7250 މީހަކަށް ފަރުވާ ދެމުން ގޮސްފައި ވާ ކަމަށް ޚަބަރު ލިބެއެވެ.

ބެންގަލޫރުގައި އަދިވެސް ކޭސްތައް އިތުރުވަމުންދާއިރު، އަލަށް ޕޮޒިޓިވްވާ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް އެޑްމިޓް ކުރާނެ ހޮސްޕިޓަލެއް ނެތުމުގެ ބިރުވެރިކަންވެސް އާންމުންގެ މެދުގައި ވަނީ ބޮޑުވެފައެވެ.