ކޮވިޑްއާ ގުޅިގެން މިހާރު މައުލޫމާތު ދެމުން އަންނަ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ސްޕޯކްސްޕާސަން އެއްގެ ގޮތުގައި ޑރ. ފާތުމަތު ނަޒްލާ ރަފީގް ހަމަޖައްސައިފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އުވާލާ، ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އުފެއްދުމާއެކު، އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ސްޕޯކްސްޕާސަން ކަމުން ވަކިވެފައެވެ.

މިނިސްޓްރީ އޮފް ހެލްތުން ބުނީ، ސީނިއާ މެޑިކަލް އޮފިސާ ޑރ. ނަޒްލާ އެންއީއޯސީގެ ތަރުޖަމާނުގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. މިރޭ ބޭއްވި ނޫށްވެރިންގެ ބައްދަލު ވުމުގައި ޑރ. ނަޒްލާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި ކޮވިޑްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާ ކުރައްވާފައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ކުރިއެކޭ ވެސް އެއްގޮތަށް ކޮވިޑް އާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރަމުން ދާނެ ކަމަށާއި އަދިވެސް މާލެއިން ކޮވިޑް ބަލި މަޑުކަން ފިލައިގެން ނުދާ ކަމަށެވެ.

އެންއީއޯސީ އުވާލައި އެޗްއީއޯސީގެ މަސައްކަތް ފަށާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ވޭތުވެދިޔަ 4 މަހެއްހާ ދުވަސްތެރޭގައި އެންއީއޯސީން ވަނީ 160 ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، ނޫސްވެރިންގެ 1300 އެއްހާ ސުވާލަށް ޖަވާބު ދީފައެވެ. އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުންތަކަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ބަޔަކު ބެލި، އެންމެ އިންތިޒާރު ކުރި އަދި އެންމެ ގިނަ ދުވަހު ސިލްސިލާކޮށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުންތަކެވެ.

އެންއީއޯސީ އުވާލާފައި ވަނީ ކޮވިޑްގެ 2382 ޕޮޒިޓިވް ކޭސްއާއެކުއެވެ. އަދި މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ލޮކްޑައުންއަށް ތިން ވަނަ މަރުހަލާގައި އިތުރު ލުއިތަކެއް ވެސް ދިނުމާއެކުއެވެ.