ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ އަވަށްޓެރި އިންޑިއާއިން މިއަދުވެސް ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓް ކޮށްފިއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 22771 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއީ އިންޑިއާއިން ކޮވިޑް-19 ފެނުނު ފަހުން އެއް ދުވަހާ އެންމެ ގިނަ އަދަދެއްގެ ކޭސް ރިޕޯޓް ކުރި ފަހަރެވެ.

އިންޑިއާގައި ސިއްހީ ހިދުމަތްދޭ މަރުކަޒެއްގެ ތެރެ/ފޮޓޯ: ދަ ސްޓޭޓްސްމަން

އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 648315 އަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު 18655 އަށް އަރާފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. އިންޑިއާއިން ބަލި ޖެހުނު މީހުންގެ ތެރެއިން 394200 މީހަކަށް ޝިފާ ލިބި، ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑް ކޮށްފައިވަނީ 235433 ކޭހެކެވެ.

އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗުން ޚަބަރު ދޭ ގޮތުގައި، އެ ގައުމުން މިހާތަނަށް 9 މިލިއަނަށްވުރެ ގިނަ ސާމްޕަލް ވަނީ ކޮވިޑް-19އަށް ޓެސްޓު ކޮށްފައެވެ. އެގޮތުން ހުކުރު ދުވަހު އެކަނިވެސް 242383 ސާމްޕަލް ޓެސްޓު ކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.