އުމުރުން 10 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި 57 އަހަރުގެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ ދެވެނަ ދުވަހު މެދުރާއްޖެތެރޭގެ ރަށެއްގައި 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 57 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހަވީރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ، އއ، އދ، ވ) ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އެ ކުއްޖާގެ ދޮންބައްޕައެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު މިއަދު ހަވީރު ވަނީ 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވެފައި ވާ ކަމަށް ބުނާ މައްސަލައެއްގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއް ގޮތުގައި ބަލަމުންދާ މައްސަލަތަކެކެވެ. އެހެންކަމުން ކުއްޖާގެ މައުލޫމާތު ހާމަ ނުކުރާނެ ކަމާށާއި ކުއްޖާގެ އައިޑެންޓީޓީ ރައްކާތެރި ކުރާނެ ކަމަށް ފުލުހުން ބުނެއެވެ. މިފަދަ ހާދިސާތައް ހިނގާ ރަށާއި އަތޮޅު ހާމަ ނުކުރަނީ ވެސް އެހެންވެއެވެ.

ކުޑަކުދިންނާ ބެހޭ ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވަމުން އަންނަ އަދަދު މިވަނީ އަނެއްކާވެސް އިތުރުވެފައެވެ. އަދި އެފަދަ ކަންކަމާ ދެކޮޅަށް މީހުން ދަނީ އަޑުއުފުލަމުންނެވެ. މިދިޔަ ހޯމަ ދުވަހާއި މިއަދުގެ ހަވީރު ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ވަނީ ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ޖެންޑާ މިނިސްޓްރީ ކުރިމަތިން، ބޮޑުތަކުރުފާނުމަގު ބޭންކް އޮފް މޯލްޑިވްސް އާ ހަމައަށް ހިނގާލާފައެވެ. މި މުޒާހަރާގައި ބައިވެރިން ވަނީ އެ ބައިވެރިންނާ ދިމާވި ބައެއް ހާދިސާތައް ހިއްސާކޮށްފައެވެ.