ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް މާލޭގެ މަގުތައްމަތީ އަނެއްކާވެސް މުޒާހަރާ ކޮށްފިއެވެ.

ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ޖެންޑާ މިނިސްޓްރީ ކުރިމަތިން ފަށައިގެން ކުރަންފެށި މުޒާހަރާ ނިންމާލާފައި ވަނީ ބޮޑުތަކުރުފާނު މަގުގައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ މަގުމަތީ އިށީނދެ ތިބެ އިންސާފު ލަސްވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމާ ދެކޮޅަށް އަދި ކުޑަކުދިން ހިމާޔަތް ކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

މިއީ މިދިޔަ ހުކުރު ދުވަހުގެ ފަތިހު ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެކެވެ. އަދި 18 އަހަރު ނުވާ ދެ ކުއްޖަކު ރޭޕްގެ ޝިކާރަރަ އަކަށްވެ ބަލިވެއިން ކަމަށް ފުލުހުންނާއި ޖެންޑާއިން ބުނެފައިވާ ދަނޑިވަޅެކެވެ.

މަގުތައްމަތީ މުޒާހަރަަ ކުރަން ފަށާފައި ވާއިރު، މިދިޔަ ހޯމަ ދުވަހުވެސް ވަނީ މުޒާހަރާއެއް ކޮށްފައެވެ. އަދި ހަމަ އެހެންމެ ޖެނުއަރީ މަހު ވެސް ވަނީ ރޭޕް ކުރުމާ ޖިންސީ ގޯނާއާ ދެކޮޅަށް ޖެންޑާ މިނިސްޓްރީ ކުރިމަތީ މުޒާހަރާ ކޮށްފައެވެ. އަދި ސިލްސިލާކޮށް އެ މުޒާހަރާތައް ބޮޑުތަކުރުފާނު މަގުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ މުޒާހަރާގައި ބައިުވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ތިން މީހަކު ހައްޔަރު ކުރި ނަމަވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.

ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ޖެންޑަ މިނިސްޓްރީ ކުރިމަތީ މުޒާހަރަ ކުރަނީ / ފޮޓޯ: ސޯޝަލް މީޑިއާ

މުޒާހަރާ ކުރަމުން ދާއިރު، ފުލުހުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައެވެ. އެޗްޕީއޭ އިން އަންގާފައި ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްފަހަރާ އެއްވެ ނޫޅުމަށެވެ.