ހުރިހާ ނަސްލެއްގެ މީހުންގެ ބައިވެރިވުންވެސް އެކުލެވޭ ބަސްމަގެއް ބޭނުން ކުރުމުގެ ގޮތުން، މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވާކް 'ޓްވިޓާ'ގެ ޕްލެޓްފޯމުން ބައެއް ލަފުޒުތައް އުނި ކުރުމަށް ނިންމައިފިއެވެ.

އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް، ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔަތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގަ، ދޮން ނަސްލުގެ ފުލުހުންތަކެއްގެ އަނިޔާގެ ޝިކާރައަކަށްވެ، މި ދުނިޔެއާ ވަކިވެ ދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން އުފެދިފައިވާ 'ދޮން-ކަޅު' ގެ ހަމަނުޖެހުންތަކާއެކު ބޮޑެތި ކުންފުނިތަކުން ދަނީ ތަފާތު އެކި ފިޔަވަޅުތައް އަޅަމުންނެވެ.

ޓްވިޓާއިން އުނި ކުރަން ނިންމި ބައެއް ލަފުޒުތަކުގެ ތެރޭގަ "މާސްޓާ"، "ސްލޭވް" އަދި "ބްލެކްލިސްޓް" ފަދަ ލަފުޒުތައް ހިމެނެއެވެ.

އިންޑިއާއިން ވަނީ ޖޯޖް ފްލޮއިޑްއަށް މަހާތަމާ ގާންދީ އެވޯޑް ދީފަ/ފޮޓޯ: ޕެޗް

މިއީ ކޮމްޕިއުޓާ ޕްރޮގްރާމްތައް ކޯޑު ކުރުމުގައި މީގެ އެތައް އަހަރެއް ކުރީއްސުރެ ބޭނުން ކުރަމުން އަންނަ ލަފުޒުތަކެކެވެ.

ޕްރޮގްރާމަރުންގެ ބަހުރުވައިން ބަލާނަމަ "މާސްޓާ" އަކީ ކޯޑްތަކެއްގެ މައި ވާޝަންއެވެ. އަދި ނަކަލު ނުވަތަ "ސްލޭވްސް" ކޮންޓްރޯލް ކުރާ ވާޝަންއެވެ. "ބްލެކްލިސްޓް" ބޭނުން ކުރަނީ އޮޓަމެޓިކުން ގަބޫލު ނުކުރާ އައިޓަމް ނުވަތަ ވެބްސައިޓްތަކުގައި ބޭނުން ނުކުރެވޭ އައިޓަމްތަކަށް ނިސްބަތް ކޮށެވެ.

ޓްވިޓާ ކުންފުނީގެ އިންޖިނޭރުންގެ ޓީމުން ކުރި ޓްވީޓެއްގަ ބުނެފަ ވަނީ ހުރިހާ އެންމެންގެ ޝާމިލުވުން އެކުލެވޭ ބަހުރުވައެއް މުހިންމު ކަމަށާ، ނަމަވެސް ޓުވިޓާގެ ކޯޑުތަކުގައި އެކަން ރަމްޒު ނުވާ ކަމަށެވެ. އެހެންކަމުން އެކަން ބަދަލު ކުރުމަށް އެދޭ ކަމަށެވެ.

އެމެރިކާގެ މަޝްހޫރު ބޭންކު ޖޭޕީމޯގަންއިންވެސް ވަނީ މިފަދަ ނިންމުމެއް ނިންމާފައެވެ.

ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގަ، މިއީ އެކަމަކަށް އެތައް މަހެއް ހޭދަވާނެ މަޝްރޫއެކެވެ. އަދި މިކަމަށް އެތައް މިލިއަން ޑޮލަރެއް ޚަރަދު ވާނެ ކަމެކެވެ.