އެމެރިކާގެ މިނިއާޕޮލިސްގެ މަގެއްގެ މަތީގައި މިދިޔަ އަހަރު، ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް މަރާލި މައްސަލާގައި، އޭނާގެ ކަރަށް ކުޑަކަކޫ ޖަހައިގެން ތިރިވެ ހުރި ފުލުސް އޮފިސަރު، ޑެރެކް ޗޯވިންގެ މައްޗަށް، ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށް ސާބިތު ވާ ކަމަށް، ޝަރިޔަތުގެ އަޑުއެހުންތަކުގައި ބައިވެރިވާ ޖޫރީންގެ ބެންޗުން ނިންމައިފިއެވެ.

ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި، ފްލޮއިޑްގެ ކަރަށް، ޗޯވިން، 45، ކުޑަކަކޫ ޖަހައިގެން، 9 ވަރަކަށް މިނެޓްވަންދެން ތިރިވެ އިންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ފްލޮއިޑްގެ މަރާ ގުޅިގެން އެމެރިކާގައި ވަރުގަދަ މުޒާހަރާތަކެއް ފެށި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އެމެރިކާގެ ކަޅު ނަސްލުގެ މީހުންގެ ހައްގުގައި އަޑު އުފުލަމުންނެވެ.

ޖުރީން ވަނީ ގަސްތުގައި މީހަކު މަރާލި ކަމުގެ 3 ދައުވާއެއް، ޗޯވިންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާފައެވެ. އެއީ ސެކަންޑް ޑިގްރީ މާޑާ، ތާޑް ޑިގްރީ މާޑާ އަދި މޭންސްލޯޓާއެވެ.

މޭން ސްލޯޓާއޭ ބުނަނީ މަރާލުމުގެ ގަސްތަކާ ނުލާ ހިންގި އަމަލަކުން އަނެއް މީހާ މަރުވުމުންނެވެ. ސެކަންޑް ޑިގްރީ މާޑައަކީ، މީހަކު މަރުވުމަށް މެދުވެރިވި އަމަލަކީ ގަސްތަކާ ލައިގެން ނުވަތަ ނުލާވިއަސް ހިންގި އަމަލަކަށް ވުމެވެ. ތާޑް ޑިގްރީ މާޑައަކީ، އެކެއް ނުވަތަ އެއަށްވުރެ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާ ވާކަމަށް އަމަލު ކޮށް، މީހަކު މަރުވުމުގެ ހާލަތެވެ.

ޗޯވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް، 12 މެންބަރުންގެ ޖޫރީންގެ ބެންޗުން ގޮތް ނިންމީ 24 ގަޑިއިރަށްވުރެވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

ޖޫރީންގެ ބެންޗުން އެކަހެރިވެ ތިބެ އެމީހުންގެ ރައުޔު އިއްވުމާއެކު، ކޯޓު ސަރަހައްދަށް ޖަމާވެ ތިބި މީހުން ވަނީ އުފާފާޅުކޮށްފައެވެ. ޗޯވިންގެ މައްޗަށް ހިންގި ޝަރިޔަތް 3 ހަފުތާއެއްހާ ދުވަހަށް ދެމިގެން ދިޔައިރު، މިނިއާޕޮލިސްގެ މަސްރަހު އޮތީ ނުތަނަވަސްވެފައެވެ.

ޖޫރީންގެ ބެންޗުން ގޮތް ނިންމުމާއެކު، އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ނައިބު ކަމަލާ ހެރިސްވަނީ، ފްލޮއިޑްގެ އާއިލާއަށް ވަގުތުން ފޯނު ކުރައްވާފައެވެ. އަދި ކޮންމެވެސް ވަރެއްގެ އިންސާފެއް ލިބިއްޖެ ކަމަށް އާއިލާއަށް ދެންނެވި ކަމަށް މައުލުމާތު ލިބެއެވެ. އަދި މި ޝަރިޔަތަކީ، ނިޒާމުގެ ތެރޭގައި އޮތް ނަސްލީ ތަފާތު ކުތުންތަކާ ދެކޮޅަށް ޖަހާ ފުރަތަމަ އުންޑަ ކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަ ދެއްކެވި ކަމަށްވެސް ހަބަރު ލިބެއެވެ.

ފަނޑިޔާރުންގެ ބެންޗުން ހުކުމެއް އިއްވަންދެން ބަންދުގައި ހުރި ޗޯވިން، އެތައް އަހަރެއް، ޖަލުގައި ހޭދަ ކުރަން ޖެހޭނެ ކަމަށް ބެލެވެއެވެ.