އެމެރިކާގެ ވިސްކޮންސިންގައި ފުލުހުންގެ އަނިޔާވެރި ކަމުގެ ޝިކާރައަކަށްވި އުމުރުން 29 އަހަރުގެ ޖޭކަބް ބްލޭކް ޖޫނިއާއަށް ދެން ހިނގޭނެ ކަމުގެ އުއްމީދު ގެއްލިފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ފުލުހުންގެ ބަޑީގެ ހަމަލާތަކުގެ ޝިކާރައަކަށްވި ބްލޭކްގެ ސީދާ މައި ބަދައަށްވެސް ވަޒަނެއް އަރާފައިވާކަމަށް އޭނާގެ އާއިލާގެ ފަރާތުން މިމައްސަލާގައި ހަރަކާތްތެރިވާ ވަކީލު ބެން ކްރަމްޕް ވަނީ ވިދާޅުވެފައެވެ.

ބްލޭކްއަށް ފުލުހުން ހަމަލާ ދިން ހިސާބުން ފެށިގެން ވިސްކޮންސިންގެ މަސްރަހު ނުތަނަވަސްވެ، މުޒާހަރާތަކުގެ ރޫހު ވަރުގަދަ ވެފައިވާއިރު، ވިސްކޮންސިންގެ ގަވަރުނަރު ވަނީ، ނޭޝަނަލް ގާޑުންގެ ފައުޖުތައްވެސް މަގުތަކަށް ނެރުމުގެ މަސައްކަތް ފައްޓަވާފައެވެ.

ބަޑީގެ ހަމަލާތަކާއެކު ބްލޭކްގެ މައިބަދަ މުޅިން ހެން ނުވަތަ އެކީއެކައްޗަކަށް ދެބުރި ވެފައިވާއިރު، އޭނާގެ ފައިގެ ބޭނުމެއް ދެން ކުރެވިދާނެ ކަމާ މެދު ޑޮކްޓަރުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. މިވަގުތު އޭނާ އޮތީ ވާގިނެތިފައެވެ.

ބްލޭކްއަށް ހަމަލާ ދީފައިވަނީ އޭނާގެ ދަރިންނާއެކު ކާރުގައި އިންދާ ކަމަށް ޚަބަރު ލިބެއެވެ. މި ހަމަލާތަކުގައި ބްލޭކްގެ ބަނޑުގައި ލޯވަޅު އެޅިފައިވާއިރު، ކިޑްނީއަށްވެސް ގެއްލުންތަކެއް ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ވަކީލު ވިދާޅުވީ، ބްލޭކްގެ ކުޑަކަމުދާ ނިޒާމާ، ހަޖަމް ކުރުމުގެ ނިޒާމާ ގުޅިފައިވާ ބޮޑުކަމުދާ ނިޒާމުގެ ބައެއް (ކޮލަން) ވެސް 'ނަގަން' ޖެހިފައިވާކަމަށެވެ. މީގެ އިތުރުން އޭނާގެ އަތަށްވެއް އަނިޔާތަކެއް ވެފައިވާކަމަށް ޚަބަރު ލިބެއެވެ.

ބްލޭކްއަށް ހަމަލާ ދޭން ޖެހުނު ގޮތް ފެށިގެން އައީ ހަމަނުޖެހުމެއްގެ ރިޕޯޓް ލިބިގެން އެ ސަރަހައްދަށް ދިއުމަށް ފަހުގައި ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެރިޕޯޓް ކުރީ ކޮން ބައެއް ކަމެއް، ނުވަތަ މިކަމުގައި ޝާމިލުވީ ކިތަށް ފުލުހުން ކަމެއް ނުވަތަ ހަމަލާ ދިނުމުގެ ކުރިން ކަން ހިނގާދިޔަ ގޮތުގެ އެއްވެސް ތަފްސީލެއް ފުލުހުން ކިޔައިދީފައެއް ނުވެއެވެ.

ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި އޭނާގެ ކާރަށް އެރުމަށް ބްލޭކް މަސައްކަތް ކުރަމުންދިޔައިރު، އޭނާ ލައިގެން ހުރި ގަމީހުގައި ހިފާ ފުލުހަކު އޭނާ ދަމައިގަނެ، ބަޑިން ހަމަލާ ދެއެވެ. 7 ފަހަރެއްގެ މަތިން ބަޑީގެ އަޑު، އެ ވީޑީއޯއިން އިވެއެވެ. ހުރިހާ ކަމެއް ހިނގާ ދިޔައިރު ބްލޭކްގެ ދަރިން ތިބީ ކާރު ތެރޭގައި ކަމަށާ، ބައްޕައަށް ހުރިހާ އަނިޔާއެއް ކުރީ ދަރިންގެ ކުރިމަތީގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޖިންސީ ގޯނާ ކުރުމާ، ގެވެށި އަނިޔާގެ މައްސަލައެއްގައި ބްލޭކް ހައްޔަރު ކުރުމަށް އޯޕަން ވޮރަންޓެއް ނެރެފައި އޮތް ނަމަވެސް، "މައްސަލަ ޖެހިގެން" އުޅުނު ސަރަހައްދަށް ދިޔަ އޮފިސަރުންނަށް އޭރު އެކަން ފަހުމް ވެފައި ވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

ބްލޭކަށް ހަމަލާ ދިން މައްސަލަ ތަހުގީގު ކުރަމުންދަނީ ވިސްކޮންސިންގެ ޖަސްޓިސް ޑިޕާޓްމަންޓްއިންނެވެ. މި ހާދިސާގައި ޝާމިލުވާ އޮފިސަރުން، އިދާރީ މަސައްކަތްތަކުން އެކަހެރި ކުރެވިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ މީހަކަށް ފުލުހުންގެ ފަރާތުން ލާއިންސާނީ އަނިޔާތަކެއް ދިން މައްސަލަ ހޫނުވެފައި މިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް މަރުވި މައްސަލައާއި ގުޅިގެން ނުތަނަވަސްވެފައިވާ އެމެރިކާގެ މަސްރަހަށް ފިނިކަމެއް ނުލިބެނީހެވެ.